ads
އިފުރު އެއާޕޯޓް--
ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅަނީ
ރ. އަތޮޅަށް އިތުރު އެއާޕޯޓެއް މުހިއްމު ކަމަށާއި އެ އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

އެކަން ހާމަކުރައްވާފައި ވަނީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި ރޭ ރ. އަތޮޅުގެ ކައުންސިލްތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. އެގޮތުން ރ. އަލިފުއްޓާއި އެއަތޮޅު އިނގުރައިދޫ ކެމްޕެއިން ޓީމުން ވަނީ އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އޮތުމުގެ މުހިއްމުކަމާއި ގުޅިގެން ވާހަކަ ދައްކަވާފަ އެވެ. 

އެކަމާއި ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ އެއަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެހެންނަމަވެސް ދެން އެއާޕޯޓެއް އަޅާނީ ހުރިހާ ރަށަކަށް ވެސް އެންމެ ރަނގަޅުގޮތް ބެލުމަށް ފަހު ކަމަށެވެ.

އަތޮޅުގެ ދެކުނުގެ ރަށްތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވައިގެ މަގުން ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އިތުރު އެއާޕޯޓެއް އަތޮޅުގައި އަޅަން ނިންމި ނަމަވެސް އެ އެއާޕޯޓް އަޅާނީ ކޮން ރަށެއްގައި ކަމެއް އަދި ނުނިންމަވާ ކަމަށް ވިދާޅުވި އެވެ. 

ރ. އަތޮޅުގައި މިވަގުތު އޮތީ އެންމެ އެއާޕޯޓެކެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި އިފުރު އެއާޕޯޓެވެ. އަތޮޅުގެ ދެކުނުގައި އޮންނަ ރަށްރަށާއި މި އެއާޕޯޓާ ދުރުވުމުގެ ސަބަބުން ގިނަ ރައްޔިތުން ބޭނުންކުރަނީ ބ. ދަރަވަންދޫ އެއާޕޯޓެވެ.  

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް ރައީސް ސޯލިހު ވަނީ ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވާނެކަމުގެ ވައުދުވެވަޑައިގެންފަ އެވެ. 

މީގެ ކުރިން ވަނީ ރ. ފައިނުގައި އެއާޕޯޓެއް އަޅަން މަަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަމަކީ ތިމާވެއްޓަށް ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެކަމެއްކަމަށް ބުނެ ތިމާވެއްޓަށް ލޯބިކުރާ ޖަމިއްޔާތަކާއި މީހުން ނިކުމެ ކަންބޮޑުވުން ފާޅުކުރުމުގެ ނަތީޖާއަކީ އެރަށުގައި އެއާޕޯޓް ނާޅަން ނިންމުމެވެ. 

މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން 30 މިނެޓުން ދެވޭ ސަރަހައްދެއްގައި އެއާޕޯޓެއް ގާއިމުކުރުމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް