މޭގަން އާއި ފިރިކަލުން ޕްރިންސް ހެރީ ދާދި ފަހުން ވަނީ އޯޕްރާއަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުގެ އިޝްތިހާރު މިހާރު ދަނީ ސީބީއެސްއިން ދައްކަމުންނެވެ.
ސީބީއެސްއިން އާއްމުކުރި ޓީޒާ ޓްރެއިލާގައި ޝާހީ އާއިލާއާ ގުޅޭ ވާހަކަތަކެއް މޭގަން ދައްކަވާ މަންޒަރު ފެނެ އެވެ.
އެގޮތުން މިހާރު ވެސް ވަރަށް ގިނަ އެއްޗެހި ގެއްލިއްޖެ ކަމަށާއި މޭގަން އާއި ހެރީއާ ގުޅޭ ގޮތުން ދޮގު ވާހަކަ ޝާހީ އާއިލާއިން ދައްކާ ނަމަ އެކަމަނާ މަޑުން ނުހުންނަވާނެ ކަމަށް ވިދާޅުވާ މަންޒަރު ވެސް އެ ވީޑިއޯކޮޅުން ފެނެ އެވެ.
އެ އިޝްތިހާރު އާއްމުކޮށްފައި ވާއިރު، ބަކިންހަމް ޕެލެސްއިން އެންމެ ފަހުން ބުނެފައި ވަނީ ޝާހީ މުވައްޒަފުންނަށް މޭގަން ގަނާކުރެއްވި ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
މޭގަން އާއި ހެރީގެ އިންޓަވިއު އެމެރިކާގައި ރިލީޒްކުރާނީ އަންނަ އާދީއްތަ ދުވަހު އެވެ. އެ އިންޓަވިއުގައި އެ ދެމަފިރިންނަށް ޝާހީ އާއިލާގެ ތެރެއިން ދިމާވި ކަންކަމާ ގުޅޭ ވާހަކަ ހިމެނޭނެ އެވެ.
ކައިވެންޏަށް ފަހު ޝާހީ އާއިލާ އާއެކު އެ ދެ މީހުން އުޅުއްވީ ކުޑަ ދުވަސްކޮޅެކެވެ. އޭގެ ފަހުން ވަނީ އިނގިރޭސިވިލާތް ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލުކުރައްވާފަ އެވެ.