ads
ފެނަކައިގެ އެމްޑީ ސައީދު--ފޮޓޯ:ސަން
ފެނަކައަށް ކޮރަޕްޝަންގެ ތުހުމަތު ކުރަނީ ހަސަދަވެރިވެގެން: ފެނަކަ
ފެނަކައިން ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ ވާހަކަތަކަކީ، އެ ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާއި ފަހުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ހަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށްލަން ކުރާ ކަމެއް ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަހުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ހަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލަނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި އަމަލުތަކުގެތެރެއިން ކަމެއް ކަމަށެވެ.

އަދި 18 ޑިސެމްބަރު 2018 ގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވުމަށްފަހު، އެ ކުންފުނިން ރައްޔިތުންނަށް ހިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާހާތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައި ކަމަށް ވެސް ފެނަކައިން ބުނެފައިވެ އެވެ. 

މީގެ އިތުރުން ފެނަކައިން ބުނެފައި ވަނީ އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް އެ ކުންފުނީގައި ގާއިމްކޮށް އަމަލުކުރަމުންދާ ކަމަށެވެ. 

އަދި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގަވާއިދެއް ނުވަތަ އުސޫލެއްވެސް މިހާރުގެ ފެނަކަ މެނޭޖްމަންޓުން ހަދާފައި ނުވާކަމަށާއި އެ ކުންފުނީގެ މާޒީގައި އެކުލަވާލެވިފައިވި އެފަދަ ގަވާއިދުތަކާއި އުސޫލުތައްވެސް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު ހިދުމަތް ފޯރުކޮށްދެމުންދާކަމަށް ވެސް ފެނަކައިން ބުނެފައި ވެއެވެ.

އޭގެ އިތުރުން، އެކުންފުނީގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ އަމަލުތަކެއްގެ ސަބަބުން މިހާރު މެނޭޖްމަންޓަށާއި މިއަދު ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ އެކުންފުނީގެ މިހާރު މެނޭޖްމަންޓުން ނުހަނު ހިތާމަކުރާ ކަމެއްކަމަށް ވެސް އެކުންފުނިން ބުނެފައިވެ އެވެ. 

ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ އެފަދަ ކުންފުންޏަކާ ގުޅޭގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއް ނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްސީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކުރަމަށާއި، ކަމުގެ ހަގީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މައުލޫމާތު އާންމު ކުރެއްވުމަށް، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ފެނަކައިން ވަނީ އިލްތިމާސްކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް