ads
ވީޑިއޯ ރިޕޯޓް-
އަހަން ވީ ކާކުގެ ބަހެއް؟
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ހާލަތު ދަނީ ގޯސްވަމުންނެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އަދި ބަލިން ރައްކާތެރިވުމަށް ފެށުނީއްސުރެ އިސްކަންދޭ ކަންކަމުގެ ތެރެއިން އެންމެ މުހިއްމު ތިން ކަމަކީ އަތްދޮވުމާއި ގައިދުރުކަމާއި މާސްކް އެޅުމެވެ. އާންމު ދިރިއުޅުމުގައި ވެސް މި ތިން ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ސަމާލުކަންދެ އެވެ.
Advertisement

ކޮންމެއަކަސް މިކުޑަ ކުޑަ ރާއްޖޭގައި ވެސް ތިން ވަނަ ފަހަރަށް ހާލަތު ގޯސްވެ، ކުރިން ނާޅާ ފަދަ ބައެއް ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އޭގެ ތެރެއިން ދެބަސްވުން ބޮޑުކަމެއްގެ ގޮތުގައި ފެނިގެން މިދިޔައީ މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރަން އެންގި އެންގުމެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި މިކަމުގައި ދެބަސްވުން ބޮޑެވެ. 

ސައްތައިން ސައްތަ މުސްލިމުގެ ގައުމެއް ކަމަށް ދައުވާކުރާ، ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ މިރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން އެމީހުންގެ ނުރުހުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދަނީ ސަރުކާރުން އިޖުތިމާއީ ގައިދުރުކަމާއެކު ޖަމާއަތް ހަދައިގެން ނަމާދުކުރަން އެންގުމުންނެވެ. 

އިލްމުވެރިން ފާހަގަކުރާ ކަންކަމުގެ ތެރޭގައި މިސްކިތުގައި ގައިދުރު ކުރުމަކީ ރަސޫލާﷺ ގެ ސުންނަތް މުގުރާލުމެވެ. ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒު ވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ސަރުކާރުގެ މި ނިންމުމަށް ވަރަށް ބޮޑަށް އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ގައިދުރުކޮށް ސަފު ހެދުމަކީ އެހެން ދީންތަކުގައި ކުރާ ކަމެއް ކަމަށެވެ. އަދި ގައިދުރުކޮށް ތިބުމަކީ ބައެއް ދީންތަކުގެ މީހުން އެމީހުންގެ ފައްޅިތަކުގައި ތިބޭ ގޮތް ކަމަށާއި އަދި މުސްލިމުންނަށް އަމުރުވެގެން ވަނީ އެހެން ދީންތަކުގެ މީހުންގެ އާދަތަކާއި ހިލާފުވުމަށް ކަމަށް އިޔާޒުގެ ޕޯސްޓްގައިވެ އެވެ.

ގައިދުރުކަމާއެކު އުޅުމަށް ބާރުއަޅާއި ޑޮކްޓަރުން ވާހަކަ ދައްކަމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސްވެގެންދިޔައިރު ގައިދުރުކަމާއި ގުޅިގެން މީގެ ކުރިން މި ބޭފުޅުން މިފަދަ ޕޯސްޓްތަކެއް ނުކުރެ އެވެ. އެހެންނަމަވެސް މިސްކިތްތަކުގެ ޖަމާއަތް ދެން ހެދޭނީ ގައިދުރުކަމާއެކުކަމަށް ބުނުމުން މުސްލިމުންނަށް އަމުރުވެގެން ވަނީ އެހެން ދީންތަކުގެ މީހުންގެ އާދަތަކާއި ހިލާފުވުމަށް ކަމަށް ބުނެ މިވަނީ ނުކުމެފަ އެވެ. އެއްގޮތަކަށް ވެސް ރާއްޖޭގެ ދީނީ އިލްމުވެރިނާ ދެކޮޅަށް އަޅުގަނޑު ތެދުވަނީކީ ނޫނެވެ. އެކަމަކު ފެންނަ މަންޒަރުތައް ވެސް ހިއްސާކޮށްލަން ބޭނުންވެ އެވެ. 

މިދަނޑިވަޅުގައި އަޅުގަނޑުގެ ހިތަށް ސިފަވެގެންދަނީ މި ދުނިޔޭގައި އޮތް އެންމެ މާތް ބިމެވެ. މައްކާގެ މާތް ބިމުގައިވާ ހަރަމްފުޅަށް ބަލާލާއިރު އެތަނުގައި ކޮވިޑް-19 ގެ ކަންކަން ފެށުނީއްސުރެ ގައިދުރުކަމާއެކު އަޅުކަން ކުރަމުން އަންނަ މަންޒަރު މުޅި ދުނިޔެއަށް ވަނީ ފެނިގެންގޮސްފަ އެވެ. މީގެ ކުރިން އުމްރާގެ އަޅުކަންތަކުގައި ވެސް ބައިބޯވެފައި އޮތް މަންޒަރު ފެނުނަސް މިހާރު ފެންނަނީ ގައިދުރުކަމާއެކު ތިބޭ މަންޒަރެވެ. އަނެއްކޮޅުން އެތަނުގައި ނަމާދު ޖަމާއަތް ހަދަމުން އަންނަނީ ވެސް ހަމަ މި ބުނާ ބީދައިން ދެ މީހުންގެ ދެމެދުގައި ގައިދުރުކަން ދަމަހައްޓައިގެންނެވެ. އަދި ކުރިއަށް ހައްޖު މޫސުން އޮތްއިރު ހައްޖާޖީން އަމަލުކުރަން ޖެހޭނެ ގޮތްތައް ވެސް އެގައުމުން ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހައްޖުގެ އަޅުކަން އަދާކުރާ އިރު ފަސް ފޫޓު ދުރުމިނުގައި ގައިދުރުކޮށް މާސްކު އަޅަން ވަނީ އަންގާފަ އެވެ. 

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ މި އާލަމީ ވަބާއާ ހުރެ ކަޢުބަތުﷲ ގެފުޅުގައި ވެސް ގައިދުރުކަމާއެކު ނަމާދުކުރަމުން އަންނައިރު ރާއްޖޭގެ މިސްކިތްތަކުގައި މިގޮތަށް ނަމާދުކުރުމާ މިހާ ބޮޑަށް ދެކޮޅުވާ ސަބަބު ހަމައެއްގޮތަކަށް ވެސް ނޭނގެ އެވެ.

މިއާއެކު ރަސޫލާﷺ ގެ ހަދީޘްފުޅެއް ވެސް ހިއްސާކޮށްލާނަމެވެ. އެއް ދުވަހު އެކަލޭނގެފާނުގެ އަރިހުގައި މީހަކު އެއްސެވި އެވެ. ތިމަންނާގެ ޖަމަލު ތަނެއްގައި ނާއްސާއި، މާތްﷲ އަށް އިތުބާރުކުރަންވީތޯ އެވެ. އެ ސުވާލާއެކު ރަސޫލާ ހަދީޘް ކުރެއްވީ ފުރަތަމަ، ޖަމަލު ތަނެއްގައި އެއްސުމަށެވެ. އަދި ދެން މާތްﷲ އަށް އިތުބާރު ކުރުމަށެވެ.

މިކަމުން ވެސް އެނގިގެންދަނީ ވާންހުރި ގޮތެއްވާން ދޫކޮށްލުމުގެ ބަދަލުގައި ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތައް އެޅުމަކީ ދީނުގައި ވެސް އޮތް ކަމެއް ކަމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް