މާސްގެ ބިމުގެ ސާމްޕަލް ނެގުމަށް އެ ޕްލެނެޓަށް ފޮނުވި ޕާސިވަރެންސް ރޮބޮޓް މާސްގެ ބިމަށް ކާމިޔާބު ކަމާއެކު ޖެއްސީ މީެ ދެ ހަފްތާ ކުރިންނެވެ.
އެމެރިކާގައި ހުންނަ ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީގައި ތިބި މިޝަން މެނޭޖަރުން ދިން އިރުޝާދާ އެއް ގޮތަށް އެ އުޅަނދު ފުރަތަމަ ފަހަރަށް މާސްގެ ބިމުގައި ދުއްވާފައި ވާއިރު، ހަތަރު މީޓަރު ނުވަތަ 13.1 ފޫޓުގެ ސަރަހައްދަކަށް ދުއްވާފައި ވެއެވެ.
އެއަށްފަހު 150 ޑިގްރީއަށް އެނބުރި، އިތުރު 2.5 މީޓަރު ނުވަތަ 8.2 ފޫޓު ފަހަތަށް ދުއްވި އެވެ. އެހެންކަމުން ޕާސިވަރެންސް ވަނީ ބައި ގަޑިއިރުގެ އެ ޓެސްޓު ބުރުގައި ޖުމްލަ 6.5 މީޓަރު ނުވަތަ 21.3 ފޫޓަށް ދުއްވާފަ އެވެ.
ނާސާއިން ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 200 މީޓަރުގެ ސަރަހައްދަކަށް ދަތުރު ކުރުމުގެ ގާބިލްކަން ޕާސިވަރެންސަށް ލިބިފައި ވެއެވެ.
އެ އުޅަނދު ކާމިޔާބު ކަމާއެކު ފުރަތަމަ ފަހަރަށް މާސްގެ ބިމުގައި ދުއްވާލުމުން ނާސާއިން ވަނީ އޭތި ދަތުރު ކުރިއިރު ސަރަހައްދުގައި ފުރޮޅުގެ ޕްރިންޓު އަރާފައިވާ ފޮޓޯތަކެއް ވެސް އާއްމުކޮށްފަ އެވެ.
ޕާސިވަރެންސްއިން މާސްގެ ބިމުން ސާމްޕަލް ނެގުމަށް ފަހު ދުނިޔެއަށް އަނބުރާ ފޮނުވާނީ މާސްއަށް ފޮނުވާ އެހެން އުޅަނދުތަކުގެ އެހީގައި ކަމަށް ނާސާއިން ވަނީ ބުނެފަ އެވެ.
އުޅަނދުގެ ސިސްޓަމް ރަނގަޅަށް ޗެކް ކުރުމަށް ފަހު، އެ މިޝަންގެ މަސައްކަތް ރަސްމީކޮށް ފަށާނެ އެވެ.