ads
ވީޑިއޯ ރިޕޯޓް-
ކަރުގައި ފާސްތައް ގިނަވެ ދަންމަޅި ޖެހެނީ: އަދިވެސް ނޫސްވެރިންކަމެއް ނޭނގޭ!
"2021 މާޗު ފަސްވަނަ ދުވަހުން ފެށިގެން، އެއްވުމަކާ ގުޅިގެން ފުލުހުން ބަންދުކުރާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު"ގެ ދަށުން އެކްރެޑިޓްކޮށްފައިވާ ނޫސްވެރިންނަށް ކަމުގައި ދަންނަވަމެވެ. އެހެންކަމުން، އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ އެކްރެޑިޓްކޮށްފައިވާ ކާޑު ބޭނުންކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ"

މިއީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ފުލުހުންގެ ގުރޫޕްގައި ނޫސްވެރިންގެ ސަމާލުކަމަށް ބުނެ ޖަހާފައިވާ މެސެޖެކެވެ. އޭގެ ކުރިއަށް އޮތް ހުކުރު ދުވަހަކީ މިފަހަކުން އައިސް ކޮންމެ ދުވަހަކުހެން އިދިކޮޅުން ބާއްވަމުންދާ މަގުމަތީ މުޒާހަރާތައް އޮތް ދުވަހެވެ. މާނައަކީ ހުރިހާ މީޑިއާ ތަކުން ނޫނަސް ބައެއް މީޑިއާތަކުން މި މުޒާހަރާ ކަވާކުރުމަށް އެ ސަރަހައްދަށް ދާނެއެވެ. އަދި މިއީ ފުލުހުންނަށް އޮޅިފައި އޮންނާނެ ކަމެއްވެސް ނޫނެވެ. 

އެހެންނަމަވެސް ކުއްލިއަކަށް "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު" ސަބަބަކަށް ނަގާ ނޫސްވެރިންނަށް ލިބިފައިވާ ނޫސްވެރިކަމުގެ ހައްގަށް ސީދާ ހުރަސް އެޅޭފަދަ ގޮތަކަށް ފުލުހުންގެ ފަރާތުން އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ އެކްރެޑިޓްކޮށްފައިވާ ކާޑު ބޭނުންކުރުމަށް އެންގާ ނުސްވެރިންގެ ކަރަށް އިތުރު ފާހެއް މަހާލީއެވެ. މިއީ މިގޮތަށް ނޫސްވެރިންގެ ކަރަށް މަހާލަން މަޖުބޫރުކުރި ތިން ވަނަ ފާހެވެ. 

ނޫސްވެރިންގެ ޒިންމާއަދާކުރުމަށްޓަކައި ފުރަތަމަ ފާހެއް ކަރަށް މަހާލަންޖެހުނީ ކޮވިޑް-19 ގައި އަހަރެއްވެ، ހާލަތު މަޑުމަޑުން ހަމައަކަަށް އެޅެމުންދަނިކޮށް، އަޅާފައި މުހިންމު ފިޔަވަޅުތަކުން އަވަސް އަރުވާލާފައި ލުއިދިނުމުގެ ނަތީޖާއެއްގެ ގޮތުން 2020 ވަނަ އަހަރު ނިމެމުން އަންނަނިކޮށް އަނެއްކާވެސް ހާލަތު ގޯސްވެ، އެއަހަރު ނިމި 2021 ވަނަ އަހަރުވެސް ހާލަތު ކޮންޓްރޯލް ނުވުމުގެ ސަބަބަން ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އަލުން އޭރު ލުއި ދިން ފިޔަވަޅުތައް އިޔާދަ ކުރަން ޖެހުމުން، ފިޔަވަޅުތައް ވަރުގަދަކޮށް ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ކުރުމާއި ގުޅިގެންނެވެ.

ނަމަވެސް އޭގެ ފަހުންވެސް މަގުމަތީ ހަރަކާތްތެރިވާ ނޫސްވެރިންނާއި އޮފީހުން ދަންވަރު ގަޑިއަށް އައިސް ގޮސް ހަދައި އެތައް ނޫސްވެރިންނެއް ބޮޑު އަދަދުތަކުން ޖޫރިމަނާކުރެވިގެންދިޔައީ އެވެ. އެޗްޕީއޭގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެޗްޕީއޭގެ ފިޔަވަޅުތަކުން އަޅުގަނޑުމެން ނޫސްވެރިން އިސްތިސްނާވާނެ ކަމަށް ބުންޏަސް މިކަން މަގުމަތީ ހަރަކާތްތެރިވާ ފުލުހުންނަކަށް އެނގޭކަމަކަށް ނުހަދަ އެވެ. ކޮންމެ ފަހަރަކު ހިފަހައްޓާ، ހާހުން ޖޫރިމަނާކުރެ އެވެ. 

މިކަންތައް ބޮޑުވެގެން އެތައް ޝަކުވާތަކަކަށްފަހު ފެބްރުއަރީ 17 ވަނަ ދުވަހު "މީޑިއާ އިދާރާތަކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުންނަށް، ވެދުންކޮށް މީޑިއާ ކައުންސިލްއިން ފޮނުވި ސިޓީއެއް ލިބިއްޖެއެވެ. އޭގައިވާގޮތުން ކޮވިޑާ-19 އާ ގުޅިގެން މިހާރު އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން، މީޑިއާތަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމާއި ގުޅޭގޮތުން، އެކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއެކު މަސައްކަތްތަކެއް ކުރެވިފައިވެ އެވެ.

އެޔަށްފަހު ބުނެފައިވަނީ "ކޮވިޑާ-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި މަގުމައްޗަށް ނުކުތުމާއި ބޭރުގައި އުޅުން މަނާ ގަޑިތަކުގައާއި، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައި، ފްރޮންޓްލައިންގައި މަސައްކަތްކުރުމަށް ތިޔަ އިދާރާއިން ކަނޑައަޅުއްވާ ނޫސްވެރިން ބޭނުންކުރުމަށް ކައުންސިލުން ޚާއްސަ ފާހެއް ދޫކުރުމަށް ވަނީ ހަމަޖެހިފަ" ކަމަށާއި އެހެންކަމުން އެ ފާސް ހޯދުމަށް "ތިޔަ މީޑިއާއިން ކަނޑައަޅުއްވާ ފްރޮންޓްލައިންގައި މަސައްކަތްކުރައްވާ ނޫސްވެރިންގެ ނަން ލިސްޓް އެބޭފުޅުންގެ އައިޑީ ކާޑް ކޮޕީއާއި ޕާސްޕޯޓު ސައިޒް ފޮޓޯއަކާއެކު، މި ސާކިއުލާއާއެކު އެއްހީރަސްކޮށްފައިވާ ފޯމެޓަށް 20 ފެބުރުވަރީ 2021 (ހޮނިހިރު) ދުވަހުގެ 12:00 ގެ ކުރިން މީޑިއާ ކައުންސިލްގެ އީމެއިލްއަށް ފޮނުވައި ދެއްވުން އެދޭ ކަމަށެވެ.

މިހާ ހިސާބުން އެތައް ދުވަހަކުންސުރެ ނޫސްވެރިން ގެންގުޅެމުން މިއައި ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ބޭކާރުވީއެވެ. މީޑިއާ ތަމްސީލްކޮށްދޭ ނޫސްވެރިޔާގެ ފޮޓޯ ޖެހި އެ ކާޑުން ފުލުހުންނަށް ނޫސްވެރިޔާ، ނުސްވެރިޔާގެ ގޮތުގައި ބަލައިގަންނަން ނޭނގުނީއެވެ. ނުވަތަ އެ ކާޑުގެ ސައިޒު ކުޑަވީއެވެ. ނުވަތަ ފޮޓޯޖަހާފައި އިން ނަމަވެސް ނޫސްވެރިޔާ އޮޅޭ ހިސާބަށް މިއަދު ފުލުހުންގެ މުއައްސަސާގެ ދުރުމި ފުސްވީއެވެ. މައްސަލައެއް ނެތެވެ. ދެންވެސް ސައިޒު ދެގުނަ ބޮޑުކޮށް " ސްޕެޝަލް ޕާސް" ރަތްކުލައިން ފަވައިގެން އެންމެ ދުރަށްވެސް ނޫސްވެރިޔާގެ ފޯޓޯއާއިއެކު ފެންނާނެހެން ކަރަށް މަހާލައިގެންވެސް ޒިންމާ އަދާކުރަން ނޫސްވެރިން ފެށީއެވެ. ހުއްޓުމެއް ނެތެވެ. ޒަމާނުންސުރެ ބޭނުންކުރަމުންދިޔަ ކުޑަ ޕްރެސް ކާޑުގެ މައްޗަށް ދެވަނަ ކާޑު އަޅާލައިގެންވެސް މިކަންވޭތޯ ދެންވެސް ނޫސްވެރިން މަގުމައްޗަށް ނިކުންނަން ފަށައިފިއެވެ. މިފަހަރު މިއީ ނޫސްވެރިއެއްކަން އެއްކަލަ ފުލުސް މީހާއަށް ފަހުމް ވާނެ ކަމަށް ގަބޫލްކޮށްގެންނެވެ. 

އެހެންނަމަވެސް އެހެނެއް ނުވިއެވެ. ހަލަބޮލިވެފައިވާ ގައުމުގެ ހާލަތު ރަނގަޅު ކުރަން ނިކުންނަ ސިޔާސީ މީހުންގެ ފަހަތުންވެސް ދުވަންޖެހޭ އަޅުގަނޑުމެން ނޫސްވެރިން އެމީހުންގެ ފަހަތުން ކޮންމެ ހުކުރު ދުވަހަކު މުޒާހަރާތަކަށް ދާންފެށީމެވެ. ދެ ކާޑު ކަރަށް މަހާލައިގެންނެވެ. އެބުނާ ސްޕެޝަލް ޕާސްއަކާއި އަޅުގަނޑުމެންގެ ޕްރެސް ކާޑުވެސް އަޅައިގެންނެވެ. އެހެންނަމަވެސް ފުލުހުންނަކަށް ނުވަތަ ދައުލަތުގެ މުވައްސަސާތަކަކަށް މިވަރުންވެސް ހަމަ މިއީ ނޫސްވެރިންކަމެއް ފަހުމްވާގޮތެއް ނުވިއެވެ. އެެހެންކަމުން އަނެއްކާވެސް މިމަހުގެ ފަސްވަނަ ދުވަހު ފުލުހުން މިވަނީ އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ އެކްރެޑިޓްކޮށްފައިވާ ކާޑު ބޭނުންކުރުމަށް ހަނދުމަފުޅުކޮށް އަރުވާފައެވެ. ސައިޒު ބޮޑުވިޔަސް "ސްޕެޝިއަލް ޕާސް" ރަތް ކުލައިން ދިއްލިފައި އޮތަސް ހަމަ ނޫސްވެރިއެއްކަން އެއްކަަލަ ފުލުހުންނަށް ފަހުމް ނުވަނީތާއެެވެ. 

އެހެންކަމުން ކުއްލިއަކަށް އަނެއްކާވެސް މީޑިއާތަކުގެ ބެލެނިވެރި ފަރާތް ބޮރޮޑްކޮމްގެ އެކްރެޑިޓް ކާޑެއްވެސް ކަރަށް މަހާލަން ޖެހުނީއެވެ. ތިން ކާޑުވެސް ހަތަރު ކާޑުވެސް އަޅުގަނޑުމެން އަޅަން މިތިބީ ތައްޔާރަށެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ ދެ ކާޑު ކަރުގައި އަޅައިގެން ދަންމަޅި ކިރިއާ ނުޖެހި ތިބި މި ނޫސްވެރިންނަކީ ނޫސްވެެރިންކަން ބަލައިގަންނަން އުނދަގޫ މިވަނީ ކިހިނެތްތޯ؟ އެކި ގާނޫނުތައް ނަގައިގެން ނޫސްވެރިން އެކްރިޑެޓް ނުވެގެން އުޅޭއިރު ނޫސްވެރިކަމުގެ ގާނޫނުގެ ދަށުން ހުއްދަ ލިބެންޖެހޭ ހުރިހާ ދިމާލަކުން ހުއްދަ އޮތް ދެ ފާސް ކަރަށް މަހާލައިގެން ތިބިއިރުވެސް އެކްރެޑިޓް ނުވި ބަޔަކު ފުލުހުންގެ ނަޒަރުގައި އެކްރެޑިޓް ވާނީ ކިތައް ފާސް ކަރަށް އަދި މަހާލައިގެންތޯ އެވެ؟ އަދި އަޅަންވީ ކިތައް ފާސްތޯއެެވެ؟

އެވެސް ސާފުކޮށްދިނުން މުހިންމު ނޫންތޯއެވެ. ދެއިރު ދެދަޅަށް ކާ ބޭހެއްހެން ބަދަލުކުރާ ހެދުމެއްހެން ދައުލަތުގެ މުވައްސަސާތަކަށް ނޫސްވެރިކަމުގެ ގާނޫން ހޯދަންޖެހޭ ހުރިހާ ހުއްދަތަކާއިއެކު ނޫސްވެރިކަމުގެ ފާސް އޮންނަ ނޫސްވެރިންނަކީ ހަމަ އަސްލުވެސް ނޫސްވެރިންކަން އަންގައިދޭން ޖެހުމަކީ އަޖައިބުވާންވީ ކަންކަމެވެ. މިކަން ދެން މިގޮސް ހުއްޓެނީ ހިޔާލުފާޅުކުރުމުގެ ތެރެއިން ލިބިދޭ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހާ މެދު ކުރެވޭ ސުވާލަށެވެ. 

ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް އިއްޔެޖެހި ސަކަރާތް އެކަން ކަަށަވަރުކޮށްދޭނެ ކަމަށް ބުނެ އައި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ވެސް ޖަހަންޖެހުމެވެ. މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރުމަށް ހުރަސް އެޅި ޒަމާނެއްވެސް ދެކިފައިވީހިނދު ބުނަމެވެ. އެ ޒަމާނުގައިވެސް ނޫސްވެެރިން "ކަރަށް ވާންވާ ވަރަށް" ފާސް އަޅަންޖެހުނު ހަނދާނެއް ނުވެއެވެ. އެހެންކަމުން މިއަދު ނޫސްވެރިކަން އިހުނަށްވުރެ ފުޅާވާނެ ކަމަށް ރައީސް ވެސް ވިދާޅުވާ ވިދާޅުވުމާއި މިހާލަތުގައި ނޫސްވެރިންގެ ޒިންމާއަދާކުރަން ތަކުރާރުކޮށް އެޅެމުން މިދާ ހުރަސްތަަކަށް ބަލައިލުުމުން ވާހަކަ ދިމާނުވޭ ނޫންތޯ އެވެ. 

މީގައި އެންމެ އަޖައިބުވަނީ މީޑިއާތަކުގެ ބެލެނިވެރި ފަރާތުންވެސް މިފަދައިން ކުއްލިއަކަށް ހަދާ ގަވާއިދުތަކަށް ވަގުތުން އަތްތިލަ ބަޑިޖަހާ ބުނާ ފާހެއް ބުނިގޮތަކަށް އަޅުވައިގެން ތިބޭށޭ ބުނެވޭ ބީދައަކުން ކަންކުރާތީއެވެ. ނޫސްވެރިންގެ ހައްގުގައި އަޑުއުފުލުމަށް އޮންނަ ތަންތަނަކީ ނެތް ތަންތަނޭ ހީވާ ފަހަރު އަންނާތީއެވެ.

އަހަރެންގެ ނަޒަރުގައި ދުވާލަކު ފާހެއް އަޅަން ބުނުމުގެ ބަދަލުގައި ނޫސްވެރިން އެމީހުންގެ ޒިންމާއަދާކުރުމަށް ކަރަށް މަހާލަންވީ ކިތައް ފާސްކަން ސާފުކޮށް ބުނެލައިދިނުން މާރަނގަޅެވެ. އޭރުން އެވަރަކަށް ވެސް ފާސް އަޅައިގެންވެސް ދެންވެސް އަޅުގަނޑުމެން ހަމަ މި ޒިންމާ އަދާކުރާނަމެވެ. މިނިވަން ނޫސްވެރިކަމުން ލިބިދޭ ހައްގުގެ ބޭނުން ހަނިވާނެ ހުރިހާ ގޮތެއް ބަޔަކު ހޯދިނަމަވެސް ނޫސްވެރިންގެ ޒިންމާ މާދަމާވެސް އަދާކުރާނީ ޖެހިލުމެއްނެތިއެވެ. މިކަމަކަށް ހުއްޓުމެއް ނެތެވެ. ކަރުގައި ފާހެއް ނެތަސް އޮތަސް ނޫސްވެރިޔާ ވާނީ ހަމަ ނޫސްވެރިއަކަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް