ads
ރައީސް ސޯލިހު--
ރައީސްގެ އިތުބާރު މިނިސްޓަރު ނަހުލާއަށް އެބައޮތް!
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް އިތުބާރު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މި ފަދައިން ވިދާޅުވީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން ޓްރާސްޕޯޓު އޮތޯރިޓީ އުވާލާ، އެއޮތޯރިޓީގެ ބާރުތައް ޓްރާންސްޕޯޓު މިނިސްޓްރީއަށް ނެގުމުގެ މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިސްޓަރު އައިޝާ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށާއި، މިނިސްޓަރަކީ ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ޓްރާންސްޕޯޓު މިނިސްޓަރަކީ ހަމަ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ އިތުބާރު އޮތް މިނިސްޓަރެއް" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ޓްރާންސްޕޯޓު އޮތޯރިޓީއާއި ޓްރާންސްޕޯޓު މިނިސްޓްރީގެ މެންޑޭޓުގައި އޮތް ފުށުން އެރުންތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އަދި ޓްރާންސްޕޯޓު އޮތޯރިޓީ އުވާލަން ނިންމިނިންމުމަކީ މިކަމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"އިނގިވަޑައިގަންނަވާނެ ޓްރާންސްޕޯޓު އޮތޯރިޓީ އޭރުއުފެދިގެން އައީ، އޭރުގެ ޓްރާންސްޕޯޓު މިނިސްޓްރީ އުވާލާފަ، މަސައްކަތްތައް ޓްރާންސްޕޯޓު އޮތޯރިޓީއަށް މެންޑޭޓު ދީފާ، އެ ގެންދިޔައީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް. އެހެން ނަމަވެސް އަޅުގަނޑުމެން އައިއްސަ އަލުން ޓްރާންސްޕޯޓު މިނިސްޓްރީ މިއުފެއްދީ. އުފެެއްދި އިރުގައި މި ފުށުއެރުންތަކެއް މީގަ މިއުޅެނީ. އެހެންވީމަ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ކޮންމެވެސް އެއް ތަނެއް އުވާލުން." ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގައި ހުރި ކޮރަޕްޝަންތަކާއި ގުޅިގެން ހުރި އެކި މައްސަލަތަކާއި ގުޅިގެން ދެކެވޭ ވާހަކަތަކަށްވެސް ރައްދު ދެއްވާފައެވެ. 

އެގޮތުން މިކަމާ ގުޅިގެން ބެލިބެލުމުން ގަވައިދާ ހިލާފަށް ކޮށްފައިވާ ބައެއް ކަންކަން ފާހަގަ ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަޖިސްޓްރީ ކުރުމުގައި ފޯޖު ޑޮކިއުމަންޓު ހުށަހަޅައިގެން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ 18 މައްސަލައެއް ފެނިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ،.

"ޓްރާންސްޕޯޓު މިނިސްޓަރު އެބަ ގެންދަވާ ހަމަ ޒިންމާދާރު ކަމާއެކީގައި އިސްނަންގަވައިގެން އެކަންތައް ބައްލަވަމުން. އެގޮތުން މިހާތަނަށް 18 ވެހިކަލެއްގެ ރަޖިސްޓްރީ ފޯޖުކޮށްގެން ހަދާފައި އޮތް ކަމަށް ފެނިގެން އެކަންތައްތައް ބެލުމަށް ޕޮލިހަށާއި އޭސީސީއަށް އެމައްސަލަ ފޮނުވާވާހަކަ މިނިސްޓަރު ވިދާޅުވި، ފޮނުވާފަ ވެއްޖެ އޭގެތެރޭ. އޭގެ އިތުރުންވެސް މައްސަލަތައް ހުރިތޯބަލާ އެކަންތައްވެސް ކުރިއަށް ގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޓްރާސްޕޯޓު އޮތޯރިޓީ އުވާލުމަށްފަހު ޓްރާންސްޕޯޓު މިނިސްޓްރީގެ މެންޓޭޑަށް ގެންނަ ބަދަލާ އެކީ އެތަނުގެ ހިންގުމަށްބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް