ކޮންމެއަަކަސް، ދިވެހި މަސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ދިވެހި ކަނޑުގައި އިތުރު ބަޔަކަށް ހުއްދައަކާއި ނުލާއި މަސްބޭނުން މަނާ ކުރެވިފައި އޮތަސް، ދޭތެރެއަކުން މި ބުނާ ގައުމުތަކުގެ މީހުން އައިސް އެކަން ކުރެ އެވެ. އަދި މިގޮތަށް އަތުލައިގެންފައިވާ ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މިފަހުން ދޫކޮށްލާފައި މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް އިންޑިއާގެ މަސްބޯޓެކެވެ. އެ ބޯޓުގެ ފަޅުވެރިންނާއެކު އަނބުރާ ގައުމަށް ބޯޓު ފޮނުވާލުމުން މަސްވެރިން ވަނީ ކެކިއަރާފަ އެވެ. އެމީހުންގެ ކަންބޮޑުވުމާއި ޝަކުވާއަކަށްވީ ރާއްޖޭގައި ކިތަންމެ ވަރަކަށް މަސްވެރިކަން ކުރަނިކޮށް ފެނިގެން ރިޕޯޓްކުރިޔަސް ފިޔަވަޅެއް ނާޅާއި ދޫކޮށްލާނަމަ ރިޕޯޓްކުރުމުގެ ބޭނުމަކީ ކޮބާތޯ އެވެ. އޭގެ ބަދަލުގައި އެ ބަޔަކު މަސް ބާނަން އޮތް ތަނެއްގައި މަސް ބާނަން ބާއްވާއި، ހިތްފުރޭ ވަރުވުމުން ގައުމަށް އެނބުރި ދާން ބޭއްވުމަކީ މާ ބުއްދިވެރި ކަމެއް ކަމަށެވެ.
މަސްވެރިން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ހާއްސަ ކަނޑުގެ ސަރަހައްދުގައި މަސް ބާނަމުން އަންނަ ދޯނި ފަހަރު ފެނުމާއެކު، މަސްވެރިކަން ހުއްޓާލާއި، އެ ދޯންޏަކަށް ފާރަލާން އޮންނަނީ މިކަނޑުގައި ދިވެހި މަސްވެރިންނަށް ބޭއިންސާފުން ކަމެއްވާން އެމީހުންގެ ހިތް ނޭދޭތީ އެވެ. އަނެއް ކޮޅުން އެގޮތަށް ފެންނަ ބޯޓުތަކާއި ކުރިމަތިލުމަކީ ވެސް ބިރުވެރިކަމެކެވެ، އެކަމަކު އެ ނުރައްކަލާ ކުރިމަތިލުމުން ވެސް ދިވެހި މަސްވެރިންނަށް ހަމަ ހައްގު މިންވަރަކީ މިއީތޯ އެމީހުން ސުވާލު އުފައްދަ އެވެ.
މިގޮތަށް އަތުލައިގަންނަ ބޯޓު ފަހަރަށް ހަމަ އެންމެ ފިޔަވަޅެއް ވެސް ނާޅާއި ދޫކޮށްލާއިރު މިފަހުން އިންޑިއާ ދޯނި ދޫކޮށްލި މައްސަލާގައި ފުލުހުން ބުނެފައި ވަނީ އެ ދޯނި ދޫކޮށްލީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ކަމަށެވެ. އެކަމަކު ބޯޓާއި އޭގައި ތިބި މީހުން ވެސް އެމީހުންގެ ގައުމަށް ގޮސްފައިވާއިރު ދެން ވަކި އެޅެން އޮންނާނެ ފިޔަވަޅެއް އެބަ އޮތް ހެއްޔެވެ.؟
މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ނުވެ، ބޮޑުވެގެންދާއިރު މިފަހުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު އިތުރުވަމުން އަންނާތީ، ކުއްލި މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އެކަމަކު އެ މައްސަލަ ވެސް ބޭރުކޮށްލިއިރު ނިޒާމީ ނުކުތާއެއް ނަންގަވާ އެ މައްސަލައާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ގޭޓެއް ލާފައި ބަންދުކޮށްފައި އޮތް ތަނެއް ނޫންކަމުން، އޮޔާވެސް ބޯޓެއް އައިސްދާނެ ކަމަށެވެ.
ކޮންމެއަކަސް، މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅަކަށް ކޮންމެ ދުވަހަކު ދިވެހި ކަނޑުގެ ސަރަހައްދުގައިވަމުންދާ ގޮތެއް ނޭނގިދާނެ އެވެ. ދިވެހި މަސްވެރިންގެ ޖަމްއިއްޔާތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ބޯޓުފަހަރުން ލޭނު އަޅައިގެންނާއި ދާ އަޅައިގެން މަސްވެރިކަން ކުރުން އިތުރުވެފައިވާކަން ފާހަގަކުރާނަމަ ހަމަ ހަގީގަތުގައި ވެސް މަސްވެރިންނަށް އެކަން ފާހަގަވާނެ އެވެ.