ads
----
ކެމްޕެއިން ކުރަންވީމަ ކޮވިޑް ހޯހޯވެއްޖެ!
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިން އުޅެމުން އަންނަތާ އަހަރަކާއި ދުވަސްތަކެއް ވެއްޖެއެވެ. އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހި އެތައް ތަކުލީފުތަކެއް އުފުލަން ޖެހިއްޖެއެވެ. އަަދި މިހާރުވެސް އެކަން އޮތީ އެގޮތަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ޒަރޫރީ އެތައް ކަމަކުން މަހުރޫމުވެ ރައްޔިތުން އެތައް އުނދަގޫތަކަކާއި ކުރިމަތިލަމުން އަންނައިރު، އެ ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތީ، މި ބަލިމަޑުކަމަކީ ނުރައްކާތެރި ބަލިމަޑުކަމަށް ވީތީއެވެ.

ކޮވިޑު-19 އަކީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ބަލިމަޑުކަމެއްކަން އެއީ ހަގީގަތެކެވެ. ނަމަވެސް މި ބަލިމަޑުކަމުގެ ނުރައްކާ ރާއްޖޭގައި އޮތީ ދުނިޔޭގެ އެހެން ގައުމުތަކުގައި އޮތް މިންވަރަށްތޯ މިއީ މިއަދު އުފައްދަން ރަނގަޅު ސުވާލެކެވެ. އެހެންމި ފާހަގަކުރަން ޖެހެނީ، ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ، އަދި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ކުރު ގޮތަކަށް ނަޒަރު ހިންގާލަމާތޯއެވެ. 

ކޮވިޑާއި ގުޅިގެން ސިއްހީ މާހިރުން ދެމުން އަންނަ އިރުޝާދުތަކުގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކަންކަމަކީ، މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތް ދޮވުމެވެ. އިތުރަށް އެޗްޕީއޭއިން އަޅަމުން އަންނަ ފިޔަވަޅުތައްވެސް އަޅަމުން އަންނަނީ މައިގަނޑުގޮތެއްގައި މިކަންކަމުގެ މައްޗަށް ހިލާފު ނުވާހެންނެވެ. މީގެއިތުރުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، 5 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކުރުމާއި، ބަލި އޮތްތަނަކުން އެހެން ތަނަކަށް ދާނަމަ އެކަހެރިވެ 10 ދުވަސް، ނުވަތަ ކަރަންޓީނު ފުރިހަމަކުރުން ހިމެނެއެވެ. 

މިހާ ހިސާބުން އެބަ އަނެއްކާ ސުވާލު އުފެދެއެވެ. އެއީ ކަރަންޓީނު ވާން ޖެހެނީ ކޮން ބައެއްތޯ އުފެދޭ ސުވާލެވެ. މީގެކުރިން ކަރަންޓީނާއި ނުލައި ރަށްރަށައް ދަތުރު ކުރެވޭ ފާރާތްތަކަކީ، އެކިއެކި ޒަރޫރީ ބޭނުންތަކަށް އެޗްޕީއޭގެ ހުއްދަލިބިގެން ދާ ފަރާތްތަކެވެ. ނަމަވެސް ހާލަތާއި އެއްގޮތަށް ފިޔަވަޅުތަކަށް ބަދަލު ގެންނަމުން އައިސް، ކައުންސިލް އިންތިހާބު ބޯމަތި ބުމާއިއެކު، ދެން އެޗްޕީއޭއިން ފިޔަވަޅުތަކަށް ބަދަލުގެންނަމުން އަންނަނީ ހަގީގަތުގައިވެސް ބަލީގެ ހާލަތުގެ މައްޗަށް ރިއާޔަތް ކޮށްގެންތޯ މިއީ އުފެދޭ ސުވާލެކެވެ. 

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ހުރިކަމުގެ ޝަކުވާ އަކީ ހަމަ މުޖައްރިބަށްވެސް ސިޔާސީ ފަރާތްކުން ކުރަމުން އައި ޝަކުވާއެކެވެ. އެއްވެސް ހާލެއްގައި އެއީ ސިއްހީ މާހިރުންވެސް، އަދި ތަކުލީފުތައް އުފުލަމުން އަންނަ ރައްޔިތުންގެ ކުރަމުން އައި ޝަކުވާއެއް ނޫނެވެ. ނަމަވެސް މިއަދު ކެމްޕެއިން ކުރުމަށް ކަރަންޓީނު ވުމަކާއި ނުލައި ރައްރަށަށް ދެވޭގޮތަށް ގަވާއިދަށް ބަދަލު ގެނައުމަކީ ބޮޑު ޖޯކެއް ނޫންތޯއެވެ. 

މިކަން ޖޯކަކަށް ވާ ސަބަބުންވެސް ބާޔާން ކޮށްލަދެވޭތޯ ބަލާނަމެވެ. އެހެނަސް އެ ސަބަބުތައް މި ބާޔަންކޮށްދެނީ އަހަރެންގެ އަމިއްލަ ނަޒަރުގެ މައްޗަށް ބިނާކޮށެވެ. 

ކޮމިއުނިޓީ ސްޕްރޭޑް އެއް އޮތްތަނަކުން ބަލި ނެތް ތަނަކަށް ދާއިރު ކަރަންޓީނު ވާން ޖެހެނީ، ބަލި ނެތް ތަނެއްގައި ބަލި ފެތުރުނަ ނުދިނުމަށެވެ. ނުވަތަ ބަލި ނެތް ތަނެއްގައި ދިރުއުޅެމުން އަންނަ ބަޔަކު ބައްޔަށް ހުށަހެޅުނަ ނުދިނުމަށެވެ. އެހެން ކަމަށް ވާނަމަ ކެމްޕެއިން ކުރުމަށް ކޮމިއުނިޓީ ސްޕްރޭޑް އޮތް ފުރަ މާލެއިން ބަލި ނެތް ރައްރަށައް ދާއިރު ކަރަންޓީނު ވާން ނުޖެހޭންވީ ކީއްވެކަމެއް ހަމަ ގައިމުވެސް ސިއްހީ ނަޒަރަކުން ވިސްނާއިރު ނުފެނެއެވެ. ކެމްޕެއިން ކުރުމަށް ދާއިރު ބޭނުމަކީ ވީހާވެސް ގިނަ ބަޔަކާއި ދިމާވުމެވެ. ހަފްލާއެއް ނުވަތަ ޖަލްސާއެއް ބާއްވައިގެންވިޔަސް ގިނަ ބަޔަކާއި ބައްދަލުވުމެވެ. 

އެހެން ކަމަށްވާނަމަ ގައިޑްލައިނެއްގެ ތެރެއިން އެކަން ކުރިނަމަވެސް ބަލި ފެތުރޭނެ އެއްވެސް ޗާންސެއް ނެތި އެކަން ކުރާނީ ކިހިނެއްތޯއެވެ. ރީނދޫ ކުލައިގެން ހެދުން އަޅައިގެން ތިއްބާސް، ގަދަ ފިޔާތޮށި ކުލައިގެ ހެދުން އަޅައިގެން ތިއްބަސް، ކަރަންޓީނު ނުވެ ރައްރަށަށް އެ ދަނީ ކޮވިޑް ހިފައިގެން ނޫންކަން ޔަގީންކުރާނީ ކޮން ހަމައަކުންތޯއެވެ. 

ހަމަގައިމުވެސް މިހާތަނަށް ރައްރަށުގައި ކޮވިޑް ފެތުރިފައިވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ބަލާއިރު ގިނައިން ހުރީ، ކަރަންޓީނު އުސޫލާއި ހިލާފުވެގެންނާއި، ހާއްސަ ހުއްދައިގެ ދަށުން ގޮސް އުސޫލާއި ހިލާފު ވުމުގެ ސަބަބުން އުފެދުނު ކްލަސްޓާތައްކަން އެޗްޕީއޭއަށް ކަނޑައެޅިގެން އެނގޭނެއެވެ. އެހެންކަމަށްވާނަމަ ތިލަފަތުގެ ނިޝާނެއް ބޭނުން ކޮށްގެން ނުވަތަ ބަޅު ރުކެއްގެ ނިޝާނެއް ބޭނުން ކޮށްގެން ބަލިން އަބުއި ވާނެ ސަބަބެއް ނޯންނާނެއެވެ. 

ކެމްޕެއިން ކުރުމަށް ރައްރަށައް ދަތުރުކުރާއިރު ކަރަންޓީނު ވާން ނުޖެހުން އެއީ ގޯހެއްކަން މިވަރުން ގަބޫލު ކުރެވޭނެކަމަށް އުންމީދުކުރަމެވެ. އަހަރެންގެ ނަޒަރުގައި، ކަރަންޓީނު ވުމަކާއި ނުލައި ކެމްޕެއިން ކުރުމަށް ރަށްރަށައް ދެވޭނަމަ އެއީ ބަލި ނެތް އެތައް ރަށަކަށް ބަލި ފެތުރޭން ހުޅުވޭ ދޮރެކެވެ. އަދި އެއީ، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެތައް ރައްޔިތުންތަކެއް ފޫ ނުބެއްދޭނެފަދަ އެތައް ތަކުލީފުތަކެއް އުފުލަމުން ދަނިކޮށް، ސިޔާސީ ބޭނުމަކަށް އެޗްޕީއޭއިން ދީފައިވާ ލުޔެކެވެ. އަދި ކޮވިޑަކީ ހަގީގަތެއްނަމަ، އެއީ ކުރެވިގެންވާނެ ކަމެއްވެސް ނޫނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް