ads
ފޮޓޯ: ސީއެންއެމް
އަލީ ޒައިދު އެޗްޕީއޭއަށް: ވަޓް އިޒް ދިސް؟
އިދިކޮޅުން ބޭއްވި އިހްތިޖާޖު ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރިގޮތަށް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރިޒްނާ ޒަރީރްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ފުލުހުން ހުރަސް އަޅާފައި ނުވާތީ އެކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ އަލީ ޒައިދު ފާޑުވިދާޅުވެއްޖެ އެވެ.
Advertisement

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިން އޮންނަ ގޮތުން ފަސް މީހުންނަށް ވުރެ ގިނައިން މިވަގުތު މާލޭ ސަރަހައްދުގައި އެއްވުމަކީ މަނާކަމެކެވެ. އެހެންކަމުން، އެއީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ލުރާކަމެއް ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ މުޒާހަރާއަށް މިއަދު ވެސް ފުލުހުން ހުރަސް އަޅާފައިވާއިރު ހުޅުމާލޭގައި ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް އެއްވެސް ހުރަހެއް ފުލުހުންގެ ފަރާތުން އަޅާފައެއް ނުވެއެވެ. 

މިކަމުގައި އެމްޑީޕީން ބުނެފައިވަނީ އެ އެއްވުން ބާއްވާފައިވަނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަަމަށެވެ.  

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްވެސް ބައިވެރިވެގެން ބޭއްވި އެ ޖަލްސާގައިވެސް ގިނަ އަދަދެއްގެ ބަޔަކު ގައިދުރުކަމެއް ނެތި ބައިވެރިވެފައިވާއިރު، ދީނީ އިލްމްވެރިޔާ އަލީ ޒައިދު ވަނީ، މޮޅު މީހާއަށް މޮޅުގޮތް އަދި ދެރަމީހާއަށް ދެރަގޮތްތޯ އެޗްޕީއޭއަށް ޓެގްކޮށް ސުވާލު އުފައްދަވާފައެވެ. އޭގެ އިތުރުން ޒައިދު ވަނީ އެމްޑީޕީއެއް ކަމަކު ފަހަތު ފަޔަށް ބުރަނުވެ، ގަވާއިދާއި ހިލާފުވި ބަޔަކަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. 

" ވަޓް އިޒް ދިސް. މޮޅު މީހާއަށް މޮޅުގޮތް އަދި ދެރަމީހާއަށް ދެރަގޮތްތޯ؟ އެމްޑީޕީއެއް ކަމަކު ފަހަތު ފަޔަށް ބުރަނުވެ، ގަވާއިދާއި ހިލާފުވި ބަޔަކަށް ފިޔަވަޅު އެޅުމަށް ގޮވާލަން! އަދި ވަކި ބޭފުޅެއްދެކެ ބިރުން ނޫޅުމަށްވެސް ގޮވާލަން. އިދިކޮޅު މުޒާހަރާ ހުއްޓުވި ގޮތަށް މި އެއްވުންވެސް ފުލުހުން ހުއްޓުވަންޖެހޭ" ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ، މުޖުތަމައުގެ އަފުރާދުންގެ މެދުގައި ހަަމަހަމަކަން ގާއިމު ކުރުމަކީ ވާޖިބެއް ކަމަށާއި އެހެންނޫންނަމަ އެ ކޮށެނީ ފިތުނަ ފަސާދައަށް ވަރަށް ބޮޑު މަގެއް ކަމަށެވެ. އަދި އެހެން ނުހެއްދެވުމަށް ޒައިދު ވަނީ އިލްތިމާސްކޮށްފައެވެ.

އެއްވަގުތެއްގައި ދެ ސިޔާސީ ޕާޓީއަކުން މިއަދު ހަރަކާތް ބާއްވާފައިވާއިރު، ފުލުހުން ފެނިގެންދަނީ ޕީޕީއެމް ފަހަތުން ދުވާ މަންޒަރު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. 

އިދިކޮޅުން ދުރާލާ ރާވައިގެން ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ އެއްވުމަށް ފުލުހުން ވަނީ ފާއިތުވި ދެ ހުކުރު ވެސް ހުރަސް އަޅާފަ އެވެ. އެގޮތުން އިދިކޮޅު އޮފީސް ސަރަހައްދު ކޮންމެ ދުވަހެއްގެ ވެސް މެންދުރެއްހާއިރުން ފެށިގެން ފުލުހުން ބަންދުކުރާއިރު މިއަދު ވެސް މެންދުރުން ފެށިގެން އިދިކޮޅުގެ އޮފީހަށްވެސް މީހަކަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތް ހުއްޓުވާ އިދިކޮޅު ޕީޕީއެމް އޮފީސް ބަންދުކޮށް އޮފީހުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނަށް ވެސް އޮފީހަށް ނުވަދެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއެވެ. އަދި އިންތިހާބުގެ މަސައްކަތް ހުއްޓުވާ އިދިކޮޅު ޕީޕީއެމް އޮފީސް، ފުލުހުން ލައްވާ ބަންދުކޮށްގެން ނުވަދެވޭގޮތް ހަދަމުންދާ ކަމަށް ބުނެ އެކަމުގެ ޝަކުވާ އިލެކްޝަން ކޮމިޝަން (އީސީ) އަށްވެސް މިއަދު ވަނީ އިދިކޮޅުން ހުށަހަޅާފައެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޝަކުވާ ހުށަހަޅާ ފޯމް މެދުވެރިކަޮށް އިދިކޮޅުން އީސީއަށް ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވަނީ، މި އިންތިހާބުގެ ވޯޓު ނެގުން އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިހާބާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އަދި އެހެނިހެން ގިނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ އެކަން ހުއްޓުވާ ދިނުމަށް އެދޭ ކަމަށެވެ.  

އަދި ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 14:30 އިން ފެށިގެން ރޭގަނޑު ވަރަށް ދަންވަންދެން ފުލުހުން މެދުވެރިކޮށް ޕާޓީ އޮފީހަށް އައިސް ގޮސްއުޅޭ މީހުންނަށް އޮފީހަށް ނުވަދެވޭ ގޮތަށް އޮފީސް ބަންދު ކޮށްފައި ބަހައްޓާ ކަމަށެވެ. 

އޭގެ އިތުރުން ޕާޓީ އޮފީހަށް ދަތުރުކުރާ މަގު، ބޮޑުތަކުރުފާނުމަގު، މަޖީދީ މަގުކަންމަތިން ފެށިގެންގޮސް ހިތިގަސް ބޮޑުފުންގަނޑުމަގު ކަންމައްޗާއި ހަމައަށް ބަންދުކޮށްފައި ހުންނަ ކަމަށް ބުނެފައިވެ އެވެ. އިދިކޮޅުން ބުނެފައިވަނީ، އެކަމަކީ އެޕާޓީން އިންތިހާބާއި ގުޅިގެން ކުރަމުން ގެންދާ އިދާރީ އަދި އަމަލީ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމުގައި އެޕާޓީން ދެކޭ ކަަމަށެވެ. 

މިއަދު އިދިކޮޅުން ކުރި އިހްޖާޖުގެ ތެރެއިން އިދިކޮޅު ކޯލިޝަންގެ ރައީސް ކަމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި އަބްދުރަހީމް އަބުދުﷲ ހިމެނޭ ގޮތަށް 16 ވަރަކަށް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

އެހެންނަމަވެސް އެމްޑީޕީގެ ހަރަކާތަށް ފިޔަވަޅު އަޅާފައި ނުވަނީ ކީއްވެތޯ ސާފުކުރަން ގުޅި ނަމަވެސް މިހާތަނަށް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެ އެވެ. 

އެހެންކަމުން މިއީ ވަކި ކޮޅަކަށް ބުރަވެ، ވަކި ބަޔަކަށް ފައިދާ ވާނެ ގޮތަށް ވަކި ބަޔެއްގެ ހައްގު ގެއްލިގެން ދާނެ ކަމެއް ކަމުގައި ބުނެ، ގިނަ ބަޔަކު ދަނީ އެޗްޕީއޭއަށާއި ފުލުހުންނަށް ފާޑުކިޔަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް