ads
ކ. މާފުށި
މާފުއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ނުލިބިފައި!
ފަތުރުވެރިކަމުގެ ބާޒާރުގައި ކުރިއަރަމުން އަންނަ ދިވެހިރާއްޖެއަށް ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ވީއިރު، ކ. މާފުށި ވެގެން ގޮސްފައިވަނީ ފަތުރުވެރިންގެ މެދުގައި ވަރަށް ވެސް މަޝްހޫރު މަންޒިލަކަށެވެ. ފަތުރުވެރިންގެ މަންޒިލަކަށް ވެފައިވާ އެ ރަށުގެ ރަށް ގިރުމުގެ މައްސަލަ އާއި ކުނީގެ މައްސަލަ ވަނީ ރައްޔިތުންގެ އިތުރުން ފަތުރުވެރިންގެ ކަންބޮޑުވުމަކަށް ވެފަ އެވެ.
Advertisement

އާބާދީގައި ގާތްގަނޑަކަށް 3000 އާ ގާތް ކުރާ މާފުށީގައި 40 ފަރާތަކުން ގެސްޓްހައުސް ވިޔަފާރި ކުރަމުން ދެއެވެ. ހުދު ކިރުފޮދެއް ފަދަ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށާއި ބިއްލޫރި ގަނޑެއް ފަދަ ރީތި މޫދުގައި ތަފާތު އެކި ކުލަކުލައިގެ މަސްތައް ކުޅެމުން އަންނަ މަންޒަރު ބަލަން އެތަކެއް ސަތޭކަ ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަ އިރު މާފުއްޓަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އާއި ކުނީގެ މައްސަލަ ވެގެން ގޮސްފައި ވަނީ ހައްލު ނުކުރެވޭ ފަދަ ބޮޑު މައްސަލައަކަށެވެ.

މާފުށީގައި 2019 ވަނަ އަހަރު ފެށުން ބިން ހިއްކުމުގެ މަޝްރޫއުވެގެން ގޮސްފައި ވަނީ އެރަށުގެ ރައްޔިތުން ދެކެމުން ދިޔަ ފޮނި ހުވަފެންތަކުގައި ކުލަޖެހެން ފެށުން މައްރޫއަކަށެވެ. ނަމަވެސް ދުނިޔެއަށް ކުތިމަތިލާން ޖެހިފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން މި މަޝްރޫއު 6 މަހަށް ވުރެ ގިނަ ދުވަސް ވަންދެން ހުއްޓިފައިވުމުގެ ސަބަބުން ހިއްކި ސަރަހައްދުގެ ބޮޑު ބައެއް ވަނީ ގިރަން ފަށާފައެވެ. މިކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާއިރު މާފުށީގެ ކުނީގެ މައްސަލަ އާއި މާފުށީގެ ރައްޔިތުންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ. ކުނީގެ މައްސަލަ ހައްލު ނުވެ ގާތްގަނޑަކަށް 4 މަސް ދުވަސް ވެފައިވާއިރު މީގެ ސަބަބުން ތަފާތު އެކި އުނދަގޫތަކެއް އަންނަނީ ތަހައްމަލް ކުރަމުންނެވެ.

ރަށުގެ ރައްޔިތުންނަށް ބޯހިޔާވެހިކަން ގާއިމް ކުރުމަށް ހިއްކާފައިވާ ބިން ގިރަމުން ދާތީ އެކަމުގެ ކަންބޮޑުވުން މާފުށީ ކައުންސިލްގެ ރައީސް ޢުސްމާން ރަޝީދު ސީއެންއެމްއާ ހިއްސާކުރައްވަމުން ވިދާޅުވީ މަސައްކަތް ފެށިގެން ކުރިއަށް ނުގޮސް ގިނަ ދުވަސްވެ، ހިމާޔަތް ކުރަން ޖެހޭ ހިއްކި ސަރަހައްދުގައި ތޮށި ނުލެވުމުގެ ސަބަބުން ރައްޔިތުން ދެކެމުން ދިޔަ ފޮނި ހުވަފެން ހަގީގަތަކަށްވުން ލަސްވެފައި ކަމަށެވެ.

މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށް ފަހު އެހެން މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި ރަށް ގިރެމުން ދަނީ ރިވެޓްމެންޓްގެ މަސައްކަތް ނުފެށި ލަސްވުމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ރައީސް އޮފީހުން ލިބުން ޖަވާބުގައި ވަނީ މާފުއްޓަށް ވުރެއް ކ.ގުރައިދޫ ބޮޑަށް ގިރުމުގެ ސަބަބުން މިހާރު ހުރި ހިލައިން ގުރައިދޫގެ މައްސަލައަށް މިވަގުތު ހައްލެއް ލިބުން މުހިއްމު ވާތީ ގުރައިދޫގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް. ނަމަވެސް މައުލޫމާތު ލިބޭ ގޮތުން ސަރުކާރުގެ ބަޖެޓް ވޭރިއަސް ވެގެން މާފުށީގެ މަސައްކަތް ހުއްޓިފައި އޮތީ،" - އުސްމާން ރަޝީދު

މިކަމާއި ގުޅިގެން ޕްލޭނިން މިނިސްޓްރީ އިން އެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ފަށާފައިވާކާމަށް ވަނީ ވިދާޅުވެފަ އެވެ.

"ކ. މާފުށީގައި ހިއްކާފައިވާ ބިން ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މަސައްކަތް ކުރިއަށް ދާއިރު ކޮންމެވެސް ވަރަކަށް ވެލިގަނޑު ހަމަޖެހެމުންދާ ވަރަކަށް އެހެން ދިމާވި ނަމަވެސް ރިވެޓްމެންޓް ޖަހާ ނިމޭއިރު ވެލިގަނޑު ރީކްލެމޭސަން ޕްލޭން އާއި އެއް ގޮތަށް ހިފެއިޓިގެންދާނެ،" - ޕްލޭނިން މިނިސްޓްރީ

މާފުށީގެ ކުނީގެ މައްސަލަ މީގެ 4 ވަރަކަށް މަސް ކުރިން ފެންމަތިވެފައިވާ އިރު، މިކަމަށް އެދެވޭ ހައްލެއް އަދިވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އޭރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މާފުށީގެ ބައެއް ފަރާތްތަކުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލަ ބަލާ އެކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އީޕީއޭއިން އެކައުންސިލްއަށް އަންގާފައިވާ ކަމަށެވެ. އަދި ރަށުގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން ތައްޔާރުކޮށް އީޕީއޭގެ ހުއްދަ ހޯދުމަށް ހުށަހެޅުމަށާއި، ރަށުގައި އުފެދޭ ކުންޏާމެދެ މިހާރު އަމަލުކުރަމުންދާ ގޮތުގެ ތަފްސީލު 3 ދުވަހުގެ ތެރޭގައި އީޕީއޭއަށް އެންގުމާއި، ކުނި މެނޭޖްކުރާނެ ސެންޓަރެއް ރަށުގައި ގާއިމުކުރެވެންދެން ރަށުގައި އުފައްދާ ކުނި އަޅާނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައި އެ އެޖެންސީން ހުއްދަ ހޯދުމަށް އަންގާފައިވާ ކަމަށެވެ.

މާފުށީ ކައުންސިލްގެ ރައީސް ޢުސްމާން ރަޝީދު ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގައި ބަހައްޓާފައިވާ އިންސަނެރޭޓަރުގެ ބޭނުން ހިފުމަށް އެކަމަށް މުވައްޒިފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އާއި މިހާރު ލިޔެކިއުންތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެމަސައްކަތް ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.

ރޭގަނޑު އަދި ދުވާލުގެ އެކި ވަގުތުތަކުގައި ކުނީގެ ނުބައި ވަހާއި ދުމުގެ އުނދަގޫ ފޯރާކަމުގެ ޝަކުވާ ރަށުގެ ރައްޔިތުން ކުރަމުންދާ ކަމަށާއި މިކަމަށް އެދެވޭ ދާއިމީ ހައްލެއް ހޯދަން ސްޓެލްކޯ އާއި އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލާފައިވާ އިރު ފަތުރުވެރިންގެ މަޝްހޫރު މަންޒިލަކަށް ވެފައިވާ މާފުއްޓަށް ދިމާވެފައިވާ މި ދެ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލަކަށް އެދި ރައްޔިތުން ވަނީ ފެންބޮވައިގެންފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް