ads
ފޮޓޯ: ކުޅުދުއްފުށީ އޮންލައިން-
ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ޓްރާންޝިޕްމެންޓް ބަނދަރެއް ގާއިމުކުރަނީ
ދިވެހިރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ކޮންޓެއިނާ ޓްރާންޝިޕްމެންޓް ބަނދަރެއް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނާ ބޯޓް ފަހަރަށް ހިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ، ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައި ކަމަށެވެ. 

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ގާއިމުކުރުމަށް ރޭވިފައިވާއިރު އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު ހެންޑްލް ކުރުމުގެ ކެޕޭސިޓީ ގާއިމުކުރުމަށް އަމާޒުކުރެވިފައިވެ އެވެ. އެ  މަޝްރޫއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމެށް އަންދާޒާކުރެވޭ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓު ފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާ ވަރަށް ކައިރި ސަރަހައްދެއް ކަމަށްވުމާއެކު މި ސަރަހައްދަކީ މިފަދަ ބަނދަރެއް ގާއިމުކުރުމަށް ވަރަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާ ގުޅޭގޮތުން ކުރެވިފައިވާ ދިރާސާތަކުން ދައްކާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. އަދި މި މަޝްރޫއަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނާ ޓާމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިޔާ ސަރަޙައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް އަދި މި ސަރަޙައްދުގެ އެހެނިހެން ޓްރާންޝިޕްމެންޓް ބަނދަރުތައް ވާދަކުރުމަށް ހުޅުވިގެންދާ ފުރުސަތެއް ކަމަށް ވެސް ބުނެ އެވެ. 

މި މަޝްރޫއު ކާމިޔާބު ކަމާއެކީ ތަންފީޒުކުރެވިއްޖެނަމަ ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އިގްތިސޯދު ފުޅާކޮށް، ޑައިވެސިފައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ބުނެ އެވެ. އަދި އިގްތިސޯދީ ތަރައްގީ ލާމަރުކަޒުކުރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިގްތިސޯދީ ވަރުގަދަ ހަބެއް ގާއިމުކުރެވޭނެ އެވެ.

އޭގެ އިތުރުން ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުސަތު ހުޅުވި، އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިޔުމީވެސް އެ މަޝްރޫއު ކުރިޔަށް ގެންދިޔުމުގައި ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ބުނެ އެވެ.

އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ހުޅުވާލުމާ ގުޅޭ އިއުލާނާއި މަޝްރޫއުގެ އިންފޯމޭޝަން މެމޮރެންޑަމް މިނިސްޓްރީ އޮފް ފިނޭންސް ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް