އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓު
ސާވިސް ޗާޖާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
Share
ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހާ ގުޅިގެން، ލޭބާ ރިލޭޝަންސް އޮތޯރިޓީން އެކުލަވާލަންޖެހޭ ސާވިސް ޗާޖާބެހޭ ގަވާއިދު އާންމުކޮށް އަމަލުކުރަން ފަށައިފި އެވެ.
Advertisement

އެ ގަވައިދުގައި، ވިޔަފާރިތަކުން ސާވިސްޗާޖް ނަގަންޖެހޭ ގޮތާއި، މުވައްޒަފުންގެ މެދުގައި ސާވިސްޗާޖް ބެހުމުގައި އަމަލުކުރަންޖެހޭގޮތާއި، ވަޒީފާދޭ ފަރާތްތަކުން ސާވިސްޗާޖްގެ މައުލޫމާތު ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައިވެ އެވެ.

އެގޮތުން ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓްރެއިނިން ރިޒޯޓްތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުން ދިހަ އިންސައްތައަށްވުރެ މަދުނޫން އަދަދަކުން ސާވިސްޗާޖް ނަގަންޖެހޭނެ ކަމަށް ބުނެ އެވެ. އެހެންނަމަވެސް، އެފަދަ ތަންތަނުގައި މުދާ ވިއްކުމަށް ގާއިމްކޮށްފައިވާ ފިހާރަތަކުން ވިއްކާ މުދަލުން ސާވިސްޗާޖް ނެގުން ލާޒިމެއް ނޫނެވެ.

ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ގާއިމުކޮށްފައިވާ ޑައިވިން ސްކޫލްތަކާއި، ސެންޓަރުތަކާއި، ސްޕާތަކާއި، ވޯޓާ ސްޕޯޓްސް ފެސިލިޓީތަކާއި، އެކްސްކާޝަން ހަރަކާތްތަކާއި، ކެފޭ/ރެސްޓޯރެންޓް/ކެންޓީންތަކާއި، އެ ތަންތަނުގައި ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ މިފަދަ އެހެން ތަންތަނުން ވެސް ސާވިސްޗާޖް ނަގަން ޖެހެ އެވެ. އޭގެ ތެރޭގައި، ހިދުމަތެއް ފޯރުކޮށްދިނުމަށް އައުޓްސޯސްކޮށްގެން، އެހެން ވިޔަފާރިއެއް މެދުވެރިވެގެން ދޭ ހިދުމަތްތައް ވެސް ހިމެނޭނެއެވެ.

މީގެ އިތުރުން ސާވިސްޗާޖް ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުން ސާވިސްޗާޖް ނަގާނަމަ އަމަލުކުރާނެގޮތްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ސާވިސްޗާޖުގެ މައުލޫމާތު ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، ކޮންމެ އަހަރެއްގެ އެޕްރީލްމަހުގެ 1 ވަނަ ދުވަހާއި އޮކްޓޫބަރުމަހުގެ 1 ވަނަ ދުވަހުގެ ކުރިން ލޭބާ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާގޮތެއްގެ މަތިން، އެ އޮތޯރިޓީއަށާއި މީރާއަށް ހުށަހަޅަންޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައި ވަނީ އޭގައިވާ ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކުން ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތަަށް ސާވިސް ޗާޖު ނުނަގާނަމަ ވިޔަފާރީގެ ކުޑަބޮޑު މިނަށް ބަލައި އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރާނެ ކަމަށެވެ.

އޭގެ އިތުރުން ސާވިސްޗާޖު ނަގާ ފަރާތްތަކުން މައުލޫމާތު ރަނގަޅަށް ނުބަލަހައްޓާނަމަ 10،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ. އަދި ސާވިސް ޗާޖު ނަގާ ފަރާތްތަކުން ކަނޑައަޅާފައިވާ މުއްދަތަށް ސާވިސް ޗާޖުގެ މައުލޫމާތު ހުށަނާޅާނަމަ 25000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް