ads
ފޮޓޯ:ޕުލޭނިން މިނިސްޓަރީ
ރަށު ފެރީގެ ހިދުމަތް މިއަހަރު ނޮވެމްބަރު މަހު ފެށޭނެ: މިނިސްޓަރު އަސްލަމް
ރަށު ފެރީގެ މަޝްރޫއުގެ ދަށުން ފުރަތަމަ ޒޯންގައި ހިމެނޭ އަތޮޅުތަކުގައި މިއަހަރުގެ ނޮވެމްބަރު މަހު ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމުން ގުޅުވާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަޕްޑޭޓެއް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ހަ ޒޯނަކަށް ބަހާލައިގެން ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަ ކަމަށެވެ.

އަދި މިއަހަރު އުތުރުގެ ތިން އަތޮޅެއްގައި ފެރީގެ ހިދުމަތް ދޭން ފަށާނެ ކަމަށާއި ފުރަތަމަ ޒޯންގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅު ކަމަށް ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.

"އަންނަ އަހަރު އިތުރު ދެ ޒޯންގައި މަސައްކަތް ފަށާނެ. އަދި 2023 ވަނަ އަހަރު ނިމެންވާއިރަށް ހުރިހާ ޒޯނެއްގައި ފެރީގެ ނިޒާމް ގާއިމްކުރެވޭނެ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.


ޒޯންތަކަށް ބަހާލައިގެން މަޝްރޫއު ހިންގުމަށް ނިންމާފައިވާއިރު ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އުޅެން ޖެހޭނީ އެކަން ހިންގޭނެ އިތުރު ގޮތްތައް ހޯދުމަށް، ދަސްކުރުމުގެ ޕްރޮސެސްއެއްގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއަހަރު އެއް ޒޯނުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ އެސަބަބާހުރެ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. 

އަދި އެ މަޝްރޫއަކީ އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ މަސައްކަތަކީ ސީދާ ދިވެހި ސަރުކާރުން ހަރަދުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށާއި މިކަމަށް 157 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފެރީތަކުގެ އަގުތަކަށް ބަލާއިރު މިހާރު ދުއްވަމުންދާ ސްޕީޑް ފެރީތަކުގެ އަގަށްވުރެ ބޮޑުތަކުން އަގުހެޔޮވާނެ ކަމަށާއި އެހެންނަމަވެސް ސްޕީޑް ދަށް، ލަސް ފެރީތަކުގެ އަގަށްވުރެ ބޮޑުވާނެ ކަމަށެވެ. 

އަދި އެފެރީތަކަކީ ލަސް ފެރީތަކަށްވުރެ ރަނގަޅު ފެންވަރުގައި ބަނދެވިގެންދާނެ ފެރީތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް