ads
ވީޑިއޯ ރިޕޯޓް-
މިހާރު މޮޕު އަޅަަައިދީ ތެލިތަށިވެސް ދޮވެދޭނެ!
ބޯހިޔާވަހިކަމުގެ މައްސަލައަކީ ޒަމާނުންސުރެ ރާއްޖެއަށް ކުރިމަތިވެފައިވާ އެތައް ސަތޭކަ ވައުދުތަކަކަށް ފަހުވެސް އެއްވެސް ސަރުކާރަކަށް ވެސް ހައްލު ނުކޮށްދެވުނު މައްސަލަތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ހައްގެވެ.

ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް އަމިއްލަ މަންފާއަށްޓަކައި ނިކަމެތި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ކޮންމެ ފަހަރަކުވެސް އެ ރައްޔިތުން އިމޯޝަނަލް ކޮށްގެން ވޯޓު ކޮޅު ހޯދުމަށް އެންމެ ބާރަށް ދައްކާ އެއްވާހަކައަކީވެސް މިއެެވެ. އެހެން ނަމަވެސް ރައްޔިތު މީހާ ކިބިއިން ސަލާންޖަހައިގެން ވޯޓު ފޮށްޓަށް އެފަދަ އެތައް ރައްޔިތެއްގެ ވޯޓު އަޅައިގެން ސަރުކާރަށް އައުމަށް ފަހު ވައުދުތައް ނުފުއްދޭތާ ރައްޔިތެއްގެ ހާލު ބަަލައިލަންވެސް މި ބޭފުޅުންނަށް ވަނީ ބޮޑު ކަމަކަށެވެ. 

މިހާރު ސަރުކާރުގެ ބޮޑެތި ގޮނޑިތަކުގައި ތިއްބެވި ބޭފުޅުންނަކީވެސް ރައްޔިތުންނަށް ބޯހިޔާ ވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެ އައިސް ބޮޑު ގޮނޑީ ވެޑުވިގެން ތިބި މީހުންނެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރުން ފްލެޓްތަކެއް އަޅައި ބައެއް ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުންވެސް ހަވާލުކޮށްފައި ވަނިކޮށް، ވެރިކަން ބަދަލުވެގެން އާއިރު އަލުން ފްލެޓް ކޮމެޓީގެ ނަމުގައި އިތުރު ކޮމެޓީއެއް އުފައްދައި ރައްޔިތުންގެ އަތުންވެސް ވަނީ ފްލެޓްތައް އަތުލާފައެވެ. އެއީ ޝަރުތު ހަމަނުވާކަމަށް ބުނެ އެވެ.

އެއަށްފަހު އަނެއްކާވެސް އިތުރު ބަޔަކަށް ފްލެޓްތައް ލިބޭނެ ކަމަށް ބުނެ ލިސްޓެއް ނެރެ މިމަސްތެރޭ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ބުނި ނަމަވެސް ގިނަ ފަރާތްތަކުން ބުނަނީ ކޮމެޓީގެ ފަރާތުން ހަދާ ނަހަދާއެއް ނޭނގޭ ކަމަށާއި އިވޭ އެއްޗެއް އިވެނީ ހަބަރުތަކުން ކަަމަށެވެ. ބޯހިޔާވަހިކަމުގެ ވައުދު ވެގެން އެކަން ބޮޑުވުން ރައްޔިތުންގެ ހިތްތަކަށް ވައްދައިގެން ކުރީ ސަރުކާރާއި މެދު ހިތް ނުތަނަވަސް ކުރުވާގެން ރައްޔިތުންގެ ވޯޓުން ވެރިކަމަށް އައިސް ސަރުކާރުގެ ދެ އަހަރު ނިންމާލީއެވެ.  

ރައްޔިތުންގެ ޓެކްސް ފައިސާއިން ޖީބުތަކަށް ބަރުކޮށްގެން ދައުލަތުގެ ބޮޑުން "އޭޝް" ކުރުން ނޫންކަމެއް ނުކުރެއެވެ. ގެ އެއް ތަނެއް ބޮޑުވެ، ތަނަވަސްވިއްޔާވީ ހަމަ އެ ބޮޑުންގެ ގޭ ކޮޅު ތަކާއި ސިޓިން ރޫމްތަކެވެ. ބޮޑު ގޮނޑީގައި ވެޑުވިގެން މަޑު ގޮދަނޑިކޮޅުތަކުގައި ބޮޑެތި ގަނޑުވަރުތަކުގައި އޭސީ ފިނީގައި އަރާމުގައި ނިދި ކުރައްވައިގެން އޮންނަވާއިރު އެއްކަލަ ވޯޓުދިން ނިކަމެތި ރައްޔިތުމީހާ މަތިން ހަނދާން ނެތިއްޖެއެވެ. ދެއިރު ދެދަޅައަށް ދޮރައަށި ބުޑުން ނުފިލާ އުޅުނު ރައްޔިތު މީހާގެ ޖިފުޓި އާ ހަމައަށްވެސް ދާން ބުރައަކަށް ވެއްޖެއެވެ. ނޫނީ އެއިން މަގަކުންވެސް ހުރަސް ނުކެޑެއެވެ.

އަނެއްކާވެސް ލޯކަލް ކައުންސިލް އިންތިހާބެއް ބޯމަތިވަމުން އަންނައިރު އެއްކަލަ ރައްޔިތުމީހާގެ މަތިން ހަނދާންވާން މި ސަޔާސީ ބޭފުޅުން ފަށާއިފި އެވެ. ބަހާރު މޫސުމަށް ޖަމާވާ ދޮންދޫނިތަކެއްހެން އައި ނައިތަނެއް ވެސް ނޭނގި ރައްޔިތު މީހާގެ ކުޑަކުޑަ ޖިފުޓީގައި އެއިނީ އެ ޖިފުޓިގަނޑު ކުޑަކަމުން ހައިރާންވެފައެވެ. އެ ރައްޔިތުމީހާގެ ދިރިއުޅުމުގައި ހުރި މައްސަލަތަކާއި ދިރިއުޅެމުންދާ ހާލު އަޑުއަހާފައި ފެންކަޅިވެފައެވެ. 

ދުވަހަކު ނުވެސް ވަންނަ ގޭގެއަށް ވަދެ އެވާހަކަތައް އަޑުހަން ދަންވަންދެންވެސް އިންނަނީ އެވެ. ހަމަ އަލަށް އިވޭ ވާހަކަތަކެއްހެން ދެކޮޅަށް ބޯހޫރާލަ ހޫރާލާ “ޕިސްޕިސް” ކިޔާލަ ކިޔާލައެވެ. އަނެއްކާވެސް މި އިންތިހާބުގައި އެމީހުންގެ ނާށިގަނޑަށް ފާހަގަ ޖަހާ ކަރުދާސް ކޮޅެއް ވައްޓާލައިފިނަމަ ކޮށްދޭނެ ކަންކަން ކިޔާލަދޭއިރު ރައްޔުތުމީހާ ސޮނިވެއްޓޭވަރުވާނެ ކަން ޔަގީނެވެ. 

އާއެކެވެ. މިއަދު ގޭގައި ހުރި ތެލި ތަށިވެސް ދޮވެދޭނެ އެވެ. މޮޕް އަޅައިދީ ޖަންކްޝަންވެސް ސާފުކޮށްދޭނެ އެވެ. ބޭނުމަކީ ހަމަ އެންމެ ބޭނުމެކެވެ. ނާށިގަނޑު ހިފައިގެން ސަލާންޖަހަން އެއުޅޭ މިވެރިންގެ ނާށިގަނޑަށް ކަރުދާސް ކޮޅެއް އިތުރު ކުރުމެވެ.

އިންތިހާބަކަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، މިވީ ދެއަހަރުތެރޭ ވެސް އަދި މީގެ ކުރީގެ ވެރިކަން ކުރަން ލިބުނު ފުރުސަތުގައިވެސް ކުލީގެ އަޅުވެތިކަމުގައި އުޅެމުންދާ ރައްޔިތުންގެ ހާލު ތަސްވަރު ނުކުރެވި އަރާމު ތަންމަށްޗެއްގައި ތިބެފައި ގޭގެއަށް އައިސް އަނެއްކާވެސް ހަމަ އެއް ލަވައެއް ކިޔުއްވާ ރައްޔިތުމީހާ އިމޯޝަނަލް ކޮށްލުން މިއީ ލަތުވެތިވާން ޖެހޭ ކަންކަމެވެ. 

އާމްދަނީ ލިބޭނެ ގޮތެއް ނެތް މީހުންނަށް އާމްދަނީ ލިބެންދެން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަަމަށާއި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި އެންމެ 6،000 ރުފިޔާއަށް ހަމަޖައްސައިދޭނަން ކަމަށް ބުނެ މި އައި މިސަރުކާރުގެ ވެރިން ވެސް އެ ވައުދުތައް އަދި ނުފުއްދައި އަނެއްކާވެސް އިތުރު މަޝްރޫއުތަކެއް އިތުރު ފަސޭހައެއް ކޮށްދޭނަމޭ ބުނުމަކީ ލަދުވެދިތަކަންކަމެވެ. 

އަހެރެންގެ ނަޒަރުގައި ރައްޔިތުން ބޭނުންވެގެން މިއުޅެނީ ކޮންމެހެން ފްލެޓްތައް ބަރިބަރިއަށް އަޅައިދޭނެ ނުވަތަ ގޭގައި 24 ގަނޑިއިރު ފެންފޮތި ލާދެން އޮންނާނެ ސަރުކާރެއްވެސް ނޫނެވެ. ރައްޔިތުން ބޭނުންވެގެން އުޅެނީ އެބޯހިޔާ ވަހިކަން ކޮންމެ ގޮތަކުންވެސް ފޯރުކޮށްދެވޭނެ ސަރުކާރެކެވެ. 

ސިޔާސީ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް ފަހުމު ނުވެގެން އުޅޭ ކަމަކީ މިއީ އެވެ. ރައްޔިތުންނަށް މުހިންމީ މިހާރު ހުރި ތަންތަނަށް ވެސް ވަދެވޭ ވަރު ކޮށްދެވޭ ވެރިންތަކެކެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުރިކަމުގައި ވީނަމަވެސް ކުޑަމިނުން އެވަރު ކޮށްދެވުނަސް ހަމަ އެންމެ ރަނގަޅެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް