ads
ވީޑިއޯ ރިޕޯޓް-
ނެޕޮޓިޒަމްގެ މާނަ އޮޅިއްޖެ!
ތަފާތު ކުރުންތަކާއި، ނެޕޮޓިޒަމް ނުވަތަ ބާރުގެ ބޭނުންކޮށްގެން ތިމާގެ އާއިލާ ނުވަތަ ރަހުމަތްތެރިންނަށް ރަނގަޅު ގޮތް ހޯދާ ދިނުމަކީ ދިވެހިންގެ ތެރޭ އޮތް ގޯސް އާދައެކެވެ. ހައްލެއް ނުލިބި އޮތް މި މައްސަލަ އާއި ގުޅިގެން ގިނަ ބަޔަކު އަޑު އުފުލާ އިރު، ފާއިތުވި ފަސްވަރަކަށް ދުވަހު ސޯޝަލް މީޑިއާގައި މިބަހުސުގެ އަޑު ވަނީ ގަދަ ވެފައެވެ.
Advertisement

ނެޕޮޓިޒަމް ފަދަ ކަންކަމާއި ގުޅިގެން މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިފައިވަނީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަހުމަދު މަހުލޫފް (އެލީ)، އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖާވިދް އަލީ އާއެކު ލަވައެއް ރިލީޒް ކުރި ހިސާބުންނެވެ. 

އެއްބަޔަކު އެލީ އަށް ލިބުނު ފުރުސަތަށް މަރުހަބާ ކިޔާފައިވާ އިރު، އަނެއްބަޔަކު ވަނީ އެލީ އަށް މި ފުރުސަތު ލިބުނު ގޮތާމެދު ސުވާލު އުފައްދާފަ އެވެ. 

އެގޮތުން ގިނަ ބަޔަކު ވަނީ، އެލީއަށް ލިބުނު މިފުރުސަތަކީ "ނެޕޮޓިޒަމް"ގެ އަމަލެއް ގޮތުގައި ސިފަ ކޮށްފައެވެ. އަދި މިއީ މިނިސްޓަރު މަހުލޫފު އޭނާގެ ބާރުގެ ބޭނުން ކޮށްގެން އެލީއަށް ހޯދައިދިން ފުރުސަތެއް ކަމަށް ބުނެފައެވެ.

މީގެ އިތުރުން ބައެއް މީހުންވަނީ މިފަދަ ފުރުސަތަކަީ ފައިސާ އާއި ބާރު ހުރި މީހުންނަށް އެމީހުންގެ ދަރިންނަށް ހޯދައިދެވޭނެ ފުރުސަތެއް ކަމަށާއި، އާންމު ރައްޔިތަކަށް އެމީހެއްގެ ދަރިއަކަށް މިފަދަ ފުރުސަތެއް ހޯދައި ދިނުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނަމަވެސް މި ހާދިސާ ވެގެން ދިޔައީ، ރާއްޖޭގައި މި އޮންނަ އެކި ތަފާތު ކުރުންތަކާއި ގުޅިގެން އެކި މީހުން އެމީހުނަށްދިމާވެފައިވާ ހާދިސާތައް ހިއްސާ ކުރަން ލިބުނު ފުރުސަތަކަށެވެ. އެގޮތުން އެތައް ބަޔަކު ވަނީ ސްކޫލު ދައުރުން ފެށިގެން ވަޒީފާގެ މާހައުލުގައިވެސް އެމީހުންނަށް ކުރިމަތިވެފައިވާ އެކި ތަފާތު ކުރުންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. 

އެގޮތުން މާލޭގެ ސްކޫލެއްގައި ތައުލީމު ހާސިލު ކުރި މީހަކު ވަނީ އޭނާ ސްކޫލު ދުވަސްވަރު އޭނާއަށް ފެނުނު ކަމެއް ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާއާއި އެއް ކްލާހެއްގައި އުޅުނު އާދައިގެ އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖަކު އެހެން ހުރިހާކުދިންނަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުމުން، މުޅިކުލާހުގެ ކުރިމަތީ އެކުއްޖާ އާއި ދިމާއަށް، ފޯމު ބަލާ އަންނަ ދުވަހު އާ ބޫޓަކަށް އަރައިގެން އެސެމްބްލީ އަށް އައުމަށް ޓީޗަރު ބުނި ކަމަށް އެމީހާ ބުނެފައިވެއެވެ.

އެއާއެކު ސްކޫލުގައި ކިޔަވަން އުޅުނު އިރު ދިމާވި އެކި ކަންތަކުގެ ވާހަކައިން މުޅިސޯޝަލް މީޑިއާފުރިގެން ދިޔައެވެ. އެގޮތުން ސްކޫލުގެ ކްލާސްރޫމުން ފެށިގެން އިތުރު އެކި ހަރަކާތްތަކުގައި ދިމާވާ އެކި ތަފާތުކުރުންތަކުގެ ވާހަކައިން ދިވެހި ޓުވިޓާ ބަންޑުން ވިއެވެ. 

މުއްސަންޖެއްގެ ދަރީގެ ބަދަލުގައި އާދައިގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ފުރުސަތެއް ލިބިއްޖެ ނަމަ، ނުފޫޒުގެ ބޭނުންކޮށްގެން މުއްސަނދި މީހާގެ ދަރިއަށް އެ ފުރުސަތު ހޯދާދިންކަމުގެ އެތައް ވާހަކައެއް ފެންމަތި ވެގެން ދިޔައެވެ. ލަވަ މުބާރާތް ތަކާއި އެކި ކުޅިވަރު ހަރަކާތްތަކުގައިވެސް މެއެވެ. އަދި މި ކަންކަމަކީ އަދިވެސް ސްކޫލުތަކުގައި ހިނގަމުން އަންނަ ކަމަށް ގިނަ ބަޔަކުބުނަމުން ދިޔައެވެ.

ދެން އޮތީ ވަޒީފާގެ މާހައުލުގެ ވާހަކައެވެ. ކިތަންމެ ވަރަކަށް ޑިގްރީތައް ހޯދި ނަމަވެސް އެ ވަނީ ބޭކާރު އެއްޗަކަށް ކަމަށާއި، ވަޒީފާ ލިބެނީ ނުފޫޒު ފޯރުވައިގެން ވަޒީފާ ހޯދާ މީހުންނަށްކަމީ އަބަދުމެ ދެކެވޭ ވާހަކައެކެވެ. ނަމަވެސް އެއް ތަނެއްގައި ވަޒީފާ އަދާ ކުރާއިރު، ތިމާއަށްވުރެ ތައުލީމީ ފެންވަރުދަށް އެކްސްޕީރިއަންސް ނެތް މީހަކަށް ތިމާ ހުރި މަގާމަށްވުރެ މަތި މަގާމެއް ލިބުމުން އެ ލިބުނީތުހުމަތުގެ އިނގިލި ދިއްކުރަން ފުރުސަތެކެވެ. 

އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި ގިނައީ މިފަދަ ކޮންމެސް ކަމެއް ތަހައްމަލުކޮށްފައިވާ، ނުވަތަ ފެނިފައިވާ މީހުންނެވެ. ހިތާމައަކީ ބޮޑުންނަށް މިކަން ނުފެންނަ ކަމެވެ. އެމީހުންނަށް ތަފާތު ކުރުމަކީ އޮންނަ ކަމަކަށް ނުވާ ކަމެވެ. ރާއްޖޭގައިވެސް "ކާސްޓް ސިސްޓަމް" އޮންނަ ކަމަށާއި، ދިރިއުޅުމުގެ އެކި މަރުހަލާގައި ތަފާތު ކުރުންތަކާ ކުރިމަތިލާން ގިނަ ބަޔަކަށް ޖެހޭކަން ބަޔަކު ގަބޫލު ނުކުރި ނަމަވެސް، ހަގީގަތް ވާޏީ ހަގީގަތަށެވެ. މިއީ ވަކި މީހަކަށް ހަސަދަ ވެރިވެގެން ދއްކާ ވާހަކައެއް ނޫނެވެ. ނަމަވެސް ކަން އޮތް ގޮތެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް