ރާއްޖޭގެ އުތުރުގެ ރައްޔިތުން ހުއްޓުމަކަށް އައިސްފައިވަނީ ހދ. ކުޅުދުއްފުއްޓާއި، ރ. އުނގޫފާރު މޮނީޓަރިންގެ ހާލަތަށްލުމާއި ގުޅިގެންނެވެ. އެ ދެ ރަށަކީ އުތުރުގެ ގިނަ ރައްޔިތުން ގިނަ ހިދުމަތްތަކެއް ހޯދަން ބަރޯސާވަން ޖެހިފައިވާ ދެ ރަށެވެ.
މިއަހަރު ފެށުނީއްސުރެ ކޮވިޑް-19 ގެ ކޭސްތައް 100 އިން މަތީގައި އުޅޭއިރު އަތޮޅު ތެރޭގައި ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު ވެސް މަދެއް ނޫނެވެ.
އެގޮތުން ދާދިފަހުން އުތުރުގެ ރަށެއްކަމަށްވާ އުނގޫފާރުން ކަރަންޓީނުގައި ނެތް މީހަކު ބަލީގެ އަލާމާތްތަށް ހުރުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަވެގެން ދިޔަ އެވެ. އެރަށް މިމަހުގެ 19 ވަނަ ދުވަހުގައި ވަނީ މޮނީޓަރިންނަށް ލާފައެވެ.
އުނގޫފާރަކީ އެހާ ހިސާބުގައި ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށެވެ. އަދި ބޭންކުގެ ހިދުމަތްތަކާއި އެހެނިހެން ވިޔަފާރީގެ ހިދުމަތްތައް ހޯދުމަށް ގިނަ ބަޔަކު ބަރޯސާވެފައިވާ ތަނަކީ ވެސް އުނގޫފާރެވެ.
އެހެންކަމުން އެރަށަށް އަރާއި ފޭބުން މަނާކުރުމާއެކު އެ އަތޮޅުގެ ރަށްތަކުގެ އިތުރުން އެ ހިސާބުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމާތިލާން ޖެހިފައެވެ.
އެގޮތުން ކޮވިޑް-19 ގެ ކޭހެއް ފެނި މޮނީޓަރިންނަށް ލާފައިވާ ހުޅުދުއްފާރުގެ ރައްޔިތަކުވަނީ އުނގޫފާރަށް ނުދެވޭތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ.
އެގޮތުން އޭނާ ބުނީ އުނގޫފާރަކީ ރީޖަނަލް ހޮސްޕިޓަލު ހުންނަ ރަށްކަމުގައިވާތީ އެ އަތޮޅުގެ އިތުރުން އެ ހިސާބުގަނޑުގެ ހުރިހާ ރަށްތަކުން މީހުން ޑޮކްޓަރަށް ދެއްކުމަށްދަނީ އެރަށަށް ކަމަށެވެ.
ބޭންކުގެ ބައެއް ހިދުމަތް ހޯދުމަށް ވެސް ވަރަށް ގިނަ އުދަނގޫތަކަކާ ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
މީގެ އިތުރުން ރ. އަތޮޅު ރަސްގަތީމު ހޮސްޕިޓަލުގެ މެނޭޖަރު ހަސަން ރަޝީދު ސީއެންއެމްއަށް އެރަށުގެ ރައްޔިތުންގެ ތަކުލީފުތަކުގެ ވާހަކަތައް ކިޔައިދިނެވެ.
ރަޝީދު ވިދާޅުވީ އުނގޫފާރަށް ނުދެވޭތީ ރައްޔިތުންނަށް ވަރަށް ދަތިވާކަމަށެވެ. އަދި ހާއްސަ ހުއްދައެއްގެ ދަށުން އިމަޖެންސީ ހާލަތުގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުން އުނގޫފާރަށްދާ ކަމަށް ވެސް ރަޝީދު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖެ އުތުރުގައި ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްދޭ ހދ. ކުޅުދުއްފުށިން މީހަކު ޕޮޒިޓިވްވެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ރޭގަ އެވެ. އަދި އެރަށުގެ ހޮސްޕިޓަލަށް އިމެޖެންސީކޮށް ނޫނީ ނުދިއުމަށް ވަނީ އަންގާފަ އެވެ.
އެރަށުގެ ހޮސްޕިޓަލަށް ވެސް ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އެސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެގޮތުން ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ ސީއެންއެމްއަށް ވިދާޅުވީ ސިއްހީ ހިދުމަތްތައް ހޯދުމަށް ކުޅުދުއްފުއްޓަށް ނުދެވޭތީ ރައްޔިތުންނަށް ވަރަށް އުނދަގޫވާ ކަމަށެވެ.
މީގެ އިތުރުން އެ އަތޮޅު މަކުނޫދުގެ ކައުންސިލުން ބުނެފައި ވަނީ އެރަށް ނުދެވޭތީ ދަތިވާ ކަމަށެވެ. އަދި އެރަށުގެ ބައެއް މީހުން ތިބީ މިވަގުތު ވެސް އެރަށުގައި ތާށިވެފައި ކަމަށެވެ.
ދެ ރަށަށް އަރާއި ފޭބުން މަނާކުރެވުމާއެކު ރާއްޖޭގެ އުތުރުގެ މައި ދެ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތް މެދުކެނޑި ސިއްހީ ހިދުމަތް އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.