ads
އަހުމަދު ސަލީމް--- ފޮޓޯ: ފޮރިން މިނިސްޓްރީ
ފާޑުކިޔުން ގިނަވެ މެމްބަރު ސަލީމް މައާފަށް އެދިއްޖެ
ސިވިލް ސާވިސް މުވައްޒަފުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މައާފަށް އެދިވަޑައިގެންފި އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ކައްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއް މެމްބަރު ސަލީމް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަލީމަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. 

މެމްބަރު ސަލީމް ވަނީ އޭރެއްގައި އޮންނަ ސަރުކާރެއްގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ސިވިލް ސާވިސްއަށް އޮންނަން ޖެހޭ ކަމަށާއި އަދި އެ އިތުބާރު ދެމެހެއްޓުމަށް ސިވިލް ސާވިސްގައި ތިބި 26000 މުވައްޒަފުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވި ގޮތުގައި އިތުބާރު ގެއްލެން މެދުވެރިވަނީ ސިވިލް ސާވިސްގެ ތެރޭގައި ހުންނަންޖެހޭ ވެލިއުތައް ގާއިމުކޮށްފައި ނުވާތީ އެވެ. އަދި ސިވިލް ސާވިސްގައި ތިބޭ މީހުންނަށް ބޭނުންހާ އެއްޗެއް ނުލިޔެވޭނެ ކަމަށާއި ބޭނުންހާ ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާއަކީ "ފޭސްލެސް" މީހެއް ކަމަށް ތަޖުރިބާކާރުން ބުނާ ކަމަށާއި އޭނައަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ހުންނަންޖެހޭ މީހެއް ކަމަށް ވިދާޅުވި އެވެ. 

އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، މެމްބަރު ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިވިލް ސާވެންޓުންނަށް އިހުތިރާމުކުރާ ކަމަށާއި އެގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވީ ގައުމު ބިނާކުރުމުގައި އެމީހުންގެ ދައުރުގެ މައްޗަށް އަލިއަޅުވާލައްވާ ކަމަށެވެ. އަދި ސަލީމް ވިދާޅުވީ އޭނާގެ ނިޔަތަކީ މީހަކަށް ދެރަބަހެއް ބުނުން ނޫން ކަމަށެވެ. 

އޭގެ އިތުރުން ކުރީގެ ސިވިލް ސާވެންޓެއްގެ ގޮތުން ޕްރޮފެޝަނަލް ސިވިލް ސާވިސެއް ރާއްޖޭގައި އުފެއްދުމަކީ ބޮޑު އުއްމީދެއް ކަމަށާއި މަޖިލީހުގައި ވާހަކަ ދެއްކެވީ އެގޮތަށް ކަމަށެވެ. އަދި ވާހަކައިގެ ތަންތަންކޮޅު ނަގައިގެން މާނަ އޮޅުވާލިޔަސް ޖުމްލަކޮށް ދެއްކެވި ވާހަކައަކީ ސިވިލް ސާވިސްގައި ހުންނަން ޖެހޭ ކަމަށް އިލްމުވެރިން އެއްބަސްވާ ހަމަތަކުގެ ވާހަކަތައް ކަމަށެވެ.

15%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
85%
ވަރަށް ސަލާމް
ކޮމެންޓްސް