ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އަމީންދީދީ އިން ފެށިގެން ހިންގި ކޮރަޕްޝަން މިސަރުކާރަކަށް ނުބެލޭނެ: އާދަމް ޝަރީފް
ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ހިނގާދިޔަ ކޮރަޕްޝަންގެ އަމަލުތައް މި ސަރުކާރަށް ނުބެލެވޭނެ ކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ވެންޓިލޭޓަރުގެ ކޮރަޕްޝަނާ ގުޅިގެން ދައުވާނުކުރަން ނިންމި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޝަރީފް އިޝާރާތް ކުރައްވާފައި އެވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަސް، 1 ޖަނަވަރީ 1953 އިން ފެށިގެން މިހާރުގެ ސަރުކާރުގެ ވެރިކަން ފެށުނު ދުވަސް، 17 ނޮވެމްބަރު 2018 އާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އިންސާފު ހޯދައިދޭނެ ކަމަށް ބުނާތީ އެވެ. 

އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުގެ ކޮރަޕްޝަނަކީ "ސްޓޭޓް ސްޕޮންސާޑް ޑޭލައިޓް ރޮބަރީ" އެއް ކަމަށް އަބަދުވެސް ފާހަގަކުރައްވަމުން އަންނަ ކަމަށެވެ. އަދި އަމީން ދީދީ އިން ފެށިގެން ހިންގާފައި ހުރި ކޮރަޕްޝަން މި ސަރުކާރަށް ނުބެލޭނެ ކަމަށާއި މީހުންގެ އިސްތިއުފާއަށް ވެސް ގޮވަނީ "ޑްރާމާ" އަކަށް ކަމަށެވެ. 

އޭގެ އިތުރުން ޝަރީފް ވިދާޅުވީ ކޮންމެ ފަހަރަކު ވޯޓު ހޯދަންވީމަ، ރައްޔިތުން ގުނބޯ ހެއްދޭނެ ކަމަށް ހީކޮށްގެން ނުވާނެކަމަށެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާ ނުކުރަން މީގެކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީ ވަނީ ނިންމާފަ އެވެ. އެއާއެކު މަޖިލީހުގެ ރައީސް ވަނީ ޕީޖީ ޝަމީމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ވެސް ގޮވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް