މިސާލަކަށް އެ ކުށަކީ އެ ކަމެއްގެ ސަބަބުން ދިރިއުޅޭ މުޖުތަމައުއާއި، އެހެން އަފުރާދުންނަށްވެސް ބޮޑެތި ގެއްލުންތަކެއްވެ، ބަޔަކަށް އޭގެ ސަބަބުން ބިރުވެރިކަމާއި، އެކުށަށް އަދަބު ނުދެވިއްޖެނަމަ އެފަދަ އެހެން ކަމެއް ތަކުރާރު ވުމުގެ ބިރު އޮންނަ ކަންކަމަށް ނަސޭހަތް ދިނުމެއް ނޯވެއެވެ. އެ މައްސަލައެެއް ބަލާ ކުށުގެ ކުޑަ ބޮޑު މިނަށް ރިއާޔަތްކޮށް އެކަމަށް އެކަަށީގެންވާ އަދަބު ކަނޑައެޅިގެންދެއެވެ. އަދި އެކަމެއްގެ ސަބަބުން ގެއްލުންވި ބަޔަކަށް އޭގެ ބަދަލުވެސް ނަގައިދެން ޖެހެއެވެ.
މިއީ އިސްލާމް ދީނުގައިވެސް އަދި ކަނޑައެޅިފައި އޮންނަ ގާނޫނުތަކުންވެސް އެކަން ކުރުން ލާޒިމްވާ ގޮތެވެެ. އެހެންކަމުން ދުނިޔޭގޭ ބޮޑެތި ގައުމުތަަކުގައިވެސް ކަންކުރަމުންދަނީ މިއުސޫލްގެ މަތިންނެވެ. ނަމަވެސް ރާއްޖޭގައި އެހެންތޯއެވެ؟ ގާނޫނަކަށް ބެލުމެއްނެތި މިތަނުގައި އޮންނަ ގަވާއިދަކީ ބޮޮޑު މީހާއަށް ބޮޑު ގޮތް ކުޑަ މީހާއަށް ކުޑަ ގޮތް އޮންނަ އުސޫލެވެ. ސިޔާސީ ބާރުވެރިންގެ މުށު ދަށުގައި ކުޅޭ ކުޅޭ އެއްޗަކަށް ގާނޫނުތަކާއި ގަވާއިދުތަށް އޮންނަނީ ވެ ނިމިފައެވެ. މި ބާރުވެރިކަން އޮތްނަމަ ގައުމުގެ ކިންތަމެ އަގުބޮޑު ހަޒާނާއަތްވެސް ބަނޑުއަޅައިލާގެން އޮންނަންވީއެވެ. ދައުލަތުގެ މުދަލަށްވެސް ހިޔާނާތްތެރިވެ ބޭނުން އެއްޗެއް ހަނދަންވީއެވެ. ބޮޑެތި މުޖުރިމަކަށްވެގެންވެސް ތަހުތުގައިވެސް އިންނަންވީއެވެ. ފިޔަވަޅެއް ހަމަހިލާ ނޭޅޭނެއެވެ. ގަވާއިދާއި ގާނޫނުތަކަކީ އެމީހުންގެ ނަޒަރުގައި ފައިދަށުގައި އޮންނަ ފައިފުއްސެކެވެ. އަދި އަމުދުން އަދަބެއް ދިނުމަކީ ވާނެ ކަމެއް ނޫނެވެ. މިފަދަ ޖަރީމާތައް ހިނގާ ބޮޑުންނަށް އެންމެ ބޮޑުވަރަކަށްވެސް ކުރެވޭނެ ކަމަކީ މާ މައްސަލަ ބޮޑުވެއްޖެހެން ހީވާނަމަ އިސްތިއުފާ ދެއްވާފައި ގޭގައި ތިބުމެވެ.
ނަމަވެސް މިވެރިންގެ މި ބާރުވެރިކަން ދެމިއޮންނަނީ އެންމެ ގިނަވެގެންވެސް ފަސް އަހަރަށް ކަމުން ދެވަނަ ފަހަރަށް އެ ބާރުވެރިކަން ހޯދުމަށް ސަލާން ޖަހަން ޖެހެނީ ރައްޔިތު މީހާގެ ފައިބުޑަށް ވެއްޓި ކަމަށް ވުމުން މިފަދަ ޖަރީމާތަކަށް މިވެރިން ގެންގުޅެނީ "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތުކަން ކޮންމެހެންވެސް ރައްޔިތުންނަށް ޔަގީން ކޮށްދެން އެބަޖެހެއެވެ. އެހެންކަމުން އަޅުވާ އަނދުނެއްގެ ގޮތުން މިވެރިން ދެން ކުރާކަމަކީ މި ޖަރީމާތައް ރައްޔިތުންގެ ކަންފަތަކުގައި ގުގުމަން ފެށުމުން އެއްކަލަ "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތުގެ ދޮށުން އިސްތިއުފާ ދެއްވުމަށް އެބޭފުޅަކަސް ވިދާޅުވެ މަގާމުން ދުރުކުރުވުމެވެ. އެހާ ހިސާބުން އެ ނިމުނީއެވެ.
ދެންވެސް މިއީ އެޅުނު ފިޔަވަޅެއްކަން ދެއްކުމަށް ތަހުގީގުތައް ފަށާ، މައްސަލާގައި ދައުވާކޮށް އަދަބު ދޭނެ ކަމަށް ބުނެ އެ ޖަހާ ސަކަރާތެއް އަހަރުތަކެއް ވަންދެން ޖަހާފާނެއެވެ. މުޖުރިމު ހުންނަނީ ހަމަ ގޭގައެވެ. ދައުލަތުގެ ބޮޑަކަށްވީތީ ކުށް ސާބީތު ނުވަނީސް އަދަބެއް ނުދެވޭނެ ކަމަށް ބުނެ ގޭބަންދު ޓެގު އަޅުވާފައި ބަހައްޓަނީ މިނިވަންކަންމަތީ ހިތު ހުރިގޮތަކަށް އުޅޭށެވެ. އެ ބުނާ ކުށް ސާބިތުވާ ދަނޑިވަޅެއް ހަމަ ހިލާ ގަރުނެއް ވިޔަސް ނާންނާނެއެވެ.
ދެން އެންމެ ފަހުން އޮންނާނީ އެ ބުނާ ހެއްކެއް ނުލިބިގެން އެކަށީގެންވާ ސަބަބެއްވެސް ހަމަ ނެތީތީ ދައުވާ ނުކުރެވޭ ދަނޑިވަޅު އައިސްފައެވެ. އެހާ ހިސާބުން އެ ނިމުނީއެވެ. މައްސަލަ އޮބުނީއެވެ. މަސައްކަތް ކުރި ކަމަށް ބުނަން ކުޅުނުހާ ތަހުގީގީ ޑްރާމާތައް ދައްކާ އެކަން ތަހުގީގު ކުރިކަމަށް ބުނެ ނިންމާލާނީއެވެ. "އެހެރީ އިސްތިއުފާ ދޭން އަންގާ މަގާމުން ދުރުކުރެވިފަ ނޫންތޯ؟" ބުނެ އެ މައްސަލަ އެހާ ހިސާބުން ނިންމާލަނީއެވެ.
މިއީ ރާއްޖޭގައި ދައުލަތައް ބޮޑެތި ހިޔާނާތްތައް ވުމަށްފަހުވެސް ސިޔާސީ ނުފުޒުގެ ތެރެއިން އެފަދަ ފަރާތްތަކުގެ މައްޗަށް ގާނޫނުތައް ހިނގާގޮތެވެ. ރައްޔިތުމީހާއަށް ދައުލަތަށް ގެއްލުނު އެންމެ ބައި ލޯލާރި ފޮއްޗެއްވެސް ހެކި ނެތިގެން އޮންނަނީ ނުހޯދިފައެވެ. މިދައްކަނީ ރޯމާ ދުވާލު ރައްޔިތުންގެ ލޯ ކުރިމަތީ ސަރުކާރުގެ ބޮޑުން ހިންގާ ބޮޑެތި ހިޔާނަތްތަކުގެ ވާހަކައެވެ. އެކަމަކުވެސް ކަންވެ ނިމޭއިރު ހެއްކެއް ނުވަތަ މައްސަލަ ބަލަންވީ އެކަށީގެންވާ ސަބަބެއްވެސް ނެތީއެވެ. ދައުވާ ކުރެވޭނެ މީހަކުވެސް ނެތީއެވެ. މި ކިހާ ބޮޑު ޖޯކެއްތޯ؟
ރައްޔިތުންގެ ފައިސާއިން ހުރިހާ ވައްކަންތަކުން އެ ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ބަދަލުވެސް ހަމަ ދެވެން ނެތީއެވެ. މި ހުރިހާ ކަމެއް އިސްތިއުފާ ދެއްވުމުން ފުރިހަމަވީ ކަމަށް ބަލަނީތޯއެވެ؟ އިސްތިއުފާއާ ހަމައިން މައްސަލަ ނިމިގެން ދިޔުމަކީ ކިހާ ބޮޑު ނާއިންސާފެއްތޯ އެވެ؟
ކޮރަޕްޝަނުގެ ތުހުމަތާއި، ހިޔާނާތާއި، ކުށްވެރިންނަށް ހައްގު އަދަބު ނުދެވޭ ވާހަކަ ދައްކާއިރު، މިކަންކަމަށް އެންމެ ބާރަށް އަޑުއުފުލައިގެން ރައްޔިތުންގެ ވޯޓުން ސަރުކާރާއި ހަވާލުވެފައިވާ މިހާރުގެ ސަރުކާރުގެ ވާހަކަ ދައްކާ ނުލާ މިވާހަކަ ނިންމާލެވޭކަށް ނެތެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް މިޓެގުގައި އައި އެމްޑީޕީގެ ސަރުކާރަށް 2 އަހަރާއި ބައިވެގެން ދިޔައިރު، ކެބިނެޓްގައި ހިމެނޭ ފަސް ވަޒީރަކު މިފަދަ އެކި ތުހުމަތުތަކާއިއެކު ވަނީ މަގާމުން ދުރުވެފައެވެ. ނުވަތަ ދުރުކުރެވިފައެވެ. ދައުލަތައް ބޮޑެތި ހިޔާނާތްވުމުގައި އަވަދިނެތި އުޅުއްވަނިކޮށްނާއި، މަގާމުގެ ޒިންމާ އަދާ ނުކުރެއްވިކަމަށް ބުނެއާއި ސިއްސައިގެން ދާވަރުގެ ބޮޑެތި މައްސަލަތަކުގައި އެޅުނު ހަމައެކަނި ފިޔަވަޅަކީ އިސްތިއުފާ ދެއްވުމެެވެ. ނުވަތަ އެބޭފުޅުންގެ ވަޒީރުކަމުގެ ކޯޓު ބާލުވާލާ ގެޔަށް ފޮނުވާލުމެވެ. ތަހުގީގީ ޑްރާމާތަކުގައި ހެކި ނުލިބިގެން ދައުވާ ނުކުރެވިފަ އެެއްބަޔަކު ތިބިއިރު އަނެއްބަޔަކު އިސްތިއުފާ ދެއްވުމަކުން ނިންމަވާލައިގެން ތިބީއެވެ.
ހަމަ ކުށް ނުކުރާތީތޯއެވެ؟ ހިޔާނާތެއް ނުވާތީތޯއެވެ؟ މަގާމުން ދުރުކުރަން އޮތް ސަބަބުވެސް މިހާރު ދައުވާއެއް ކުރަންވީމާ ތަހުގީގީ އިދާރާތަކަށް ސަބަބަަކަށް ނުވީތޯއެވެ. ދައުލަތުން ގެއްލިފައިވާ ފައިސާތައް ވެސް އެއީ ދައުވާއެއް ކުރެވޭ ވަރުގެ ސަބަބަކަށް ނުވަނީތޯއެވެ؟ އެކަމުގެ ސަބަބުން ރައްޔިތުންނަށް ވީ ގެއްލުން ބޭކާރުވީހާ ވަގުތުވެސް އެއީ ސަބަބަކަށް ނުވަނީތޯއެވެ؟
ރައްޔިތުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުރެވެން އޮތް ހަމައެކަނި މަސައްކަތަކީ އެފަދަ ފަރާތެއް ހުރި ނަމަ، އެފަރާތެއްގެ މައްޗަށް ތަހުގީގު ހިންގާ ހައްގު އަދަބު ދިނުމެވެ. މިފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރެވޭނީ މިމަގުން މަސައްކަތް ކޮށްގެންނެވެ.
އެހެންކަމުން އަޅުގަނޑުގެ ނަޒަރުގަައި ދައުވާއެއް ކުރެވޭނެ ސަބަބުތައްވެސް ބައިވަރެވެ. ދައުލަތުން ގެއްލުނުހާ ފައިސާއާއި އެކަމުގެ ސަބަބުން ރައްޔިތުންނަށްވީ ގެއްލުންވެސް އެއީ ދައުވާކުރަން ހެއްކައަކަށް ފުދެެއެވެ. އިސްތިއުފާއަކުން އަދި ނުނިމެވެ. ރައްޔިތުންނަށްވީ ގެއްލުމާއި ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ލިބުމާއި ހަމަޔަށް އިސްތިއުފާ ދިނަސް އަދި އެމީހަކުވީ ހިޔާނާތް އޯކޭވެ، އެމީހާއަކީ ހުދު ކާފޫރު ކޮޅަކަށް ވާކަށް ނުޖެހެއެވެ.