ads
އަހަރެންގެ ނަޒަރުގައި
އިމްތިހާނަށް ގެނައި ބަދަލާއެކު ހަމަހަމަކަން ގެއްލޭތަ؟
ކޮވިޑްގެ މިހާލަތުގައި ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތަކީ ގިނަބައެއްގެ ކަންބޮޑުވުން ހުރި ކަމެކެވެ. ހާއްސަކޮށް އޭލެވެލް ކިޔަވާ ކުދިންގެ ފަހު އިމްތިހާނަށް ތައްޔާރުވުމަށް އެދެވޭ ވަގުތެއް ނެތުމަކީ ގިނަ ދަރިވަރުންގެ ކަންބޮޑުވުން ހުރި ކަމެކެވެ.

ކުރިއަށް މިއޮތް އޭޕްރީލް/މެއިގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ އައިއޭއެލް އިމްތިހާނަކީ، 12 އަހަރު ދުވަހުގެ ކިޔެވުން ނިންމާލުމަށް ދަރިވަރުން ކުރިމަތިލާ ބޮޑު އިމްތިހާނެކެވެ. މިއީ ގިނަ ކުދިންގެ މުސްތަގުބަލު އެކަމަށް ބަރޯސާވާ މުހިއްމު އިމްތިހާނެކެވެ. 

މި އިމްތިހާނާއި ގުޅިގެން އެންމެ ފުރަތަމަ މަޝްވަރާ ކުރެވުނީ މިއަހަރުގެ އޮކްޓޫބަރު / ނޮވެމްބަރުގައި އެޑެކްސެލް އިމްތިހާނުތައް ބޭއްވުމަށެވެ. އެ މަޝްވަރާތަކަށް ފަހު މިއަހަރުގެ މެއި / ޖޫންގައި އިމްތިހާނު ބޭއްވުމަށް މިނިސްޓްރީން ނިންމާފައިވަނިކޮށް، މި އިމްތިހާނު އޭޕްރީލް މަހު ފެށުމަށް އަވަސް ކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރީ، މިދިޔަ ހުކުރު ދުވަހުއެވެ.

އެގޮތުން އެޑެކްސެލްއިން އާންމު ކުރި މިއަހަރުގެ އޭލެވެލް އިމްތިހާނުގެ ޓައިމް ޓޭބަލް އެޑިއުކޭޝަނުން އާންމުކުރި އިރު، މިއަހަރުގެ ފުރަތަމަ އިމްތިހާނު ބޭއްވުމަށް ހަމަޖައްސާފައިވަނީ އޭޕްރީލް 26 ގައެވެ. 

މިއާއެކު ދަރިވަރުންގެ ސްޓްރެސް ބޮޑުވެ، ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކުދިންގެ ކަންބޮޑުވުންތައް ފާޅުކުރަން ފެށިއެވެ.

ގިނަ ދަރިވަރުންގެ ކަންބޮޑުވުމަކަށްވީ އެކުދިން އިމްތިހާނަށް ތައްޔާރު ވުމަށް އެކަށޭނެ ވަގުތުނެތްކަމެވެ. އަދި ބައެއް ސްކޫލުތަކުގައި ސިލަބަސްވެސް ނުނިމޭ ކަމަށް ފާހަގަކޮށް، މޮކް އެގްޒާމް ވެސް ނުފެށި ވުމުން، އެދެވޭ ގޮތުގައި އިމްތިހާނަށް ތައްޔާރުވާން ވަގުތު ނުލިބޭ ކަމީ ހުރިހާ ދަރިވަރުންހެން ޝަކުވާ ކުރަމުން އައި ކަމެކެވެ. 

އެއާއެކު ދަރިވަރުންނަށް ކުޑަ ނަމަވެސް ލުޔެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އިން ވަނީ އެޗްއެސްސީ އިމްތިހާނު ފަސް ކޮށްފައެވެ. އާންމުކޮށް އެޗްއެސްސީ އިމްތިހާނު ބާއްވަމުން އައީ އައިއޭއެލް އިމްތިހާނުތައް ފެށުމުގެ ކުރިންނެވެ.

އެގޮތުން އެޗްއެސްސީ އިމްތިހާނު އޮންނާނީ އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށް ކަމަށާއި، އެ ނިންމުމަކީ އެޑިއުކޭޝަނާއި ޑީޕީއީއާއި މަޝްވަރާ ކުރުމެއް ނެތި، އޭ.ލެވެލް އަދި އޭ.އެސް.ލެވެލް އިމްތިހާނު ތަކުގެ ތާވަލު އަވަސް ކުރުމުން ގެނައި ބަދަލެއް ކަމަށް ބުނެ އެޑިއުކޭޝަނުން ބަޔާނެއް ނެރުނީ ހޮނިހިރު ދުވަހު އެވެ.

އޭގެ ފަހުންވެސް ދަރިވަރުންގެ ޝަކުވާތަކަށް ހުއްޓުމެއް ނާދެއެވެ. އަދި އާދިއްތަ ދުވަހު އެޑިއުކޭޝަނުން ވަނީ އޭޕްރީލް / މެއި ގައި ބޭއްވުމަށް ތަވާލުކުރި އޭ.ލެވެލް އިމްތިހާނުގެ ތާރީހު އަވަސްކޮށްފައިވާތީ، ބޭނުންވާ ދަރިވަރުންނަށް އޮކްޓޫބަރު / ނޮވެމްބަރުގައި އިމްތިހާނުގައި ބައިވެރިވާން ފުރުސަތުދޭން ނިންމާފައިވާ ކަން އިއުލާނުކޮށްފައެވެ. 

ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/ މެއިގެ އިމްތިހާނުގެ ނަތީޖާއަށް ކަމަށް އެޑިއުކޭޝަނުން އޭރު ބުނެފައިވެއެވެ. އެއާއެކު ދެން ކުދިންގެ ކަންބޮޑުވުމަކަށްވީ ފަހުން އިމްތިހާނުގައި ބައިވެރިވާ ކުދިންނަށް އެ ބޭނުން ފުރުސަތު ގެއްލޭކަމުގެ ވާހަކަ އެވެ. އަދި ފަހުން އިމްތިހާނު ހަދާނަމަ ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި އެކުދިންނަށް ނުބަލާނަމަ، އެއީ އިމްތިހާނު ފަސް ކުރަން ފުރުސަތު ދިނުން ނޫން ކަމަށް ގިނަ ކުދިންނެއް ބުނަމުން ދިޔައެވެ.

އެއާއެކު އަނެއްކާވެސް ޕްރެޝަރު ބޮޑުވެ އެޑިއުކޭޝަނުން ވަނީ ނިންމުން ބަދަލު ކޮށްފައެވެ. އެގޮތުން ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ވަނީ ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި އަމަލު ކުރުމަށް ކުރިން ނިންމި ނިންމުން ރިވިއުކުރި ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ދުވަސްވަރެއްގައި އިމްތިހާނުގައި ބައިވެރިވި ނަަމަވެސް، އިމްތިހާނުގައި ފުރަތަމަ ފަހަރަށް ބައިވެރިވާ ދަރިވަރުން ޓޮޕް 10 އަދި ޕްރެޒިޑެންޝަލް ސްކޮލާޝިޕަށް އެލިޖިބަލް ވާނެ ކަމަށް ވިދާޅުވެފައެވެ.

މިއާއެކުވެސް މި ބަހުސަކަށް ނިމުމެއް ނާދެއެވެ. ގްރޭޑު 12ގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް މިހާރުވެސް ހަ މަސްދުވަސް ކޮވިޑުގެ ސަބަބުން ގެއްލިފައިވާއިރު، އިމްތިހާނު ލަސް ކުރުމަކީ ކޮންމެ ކުއްޖަކަށް އަދި ކޮންމެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫނެވެ.

އޭލެވެލް އިމްތިހާނުގަިއ ބައިވެރިވާ ދަރިވަރުންގެ ތެރޭގައި އާއިލީ ޒިންމާތަކާހުރެ އިތުރު ހަ މަސްދުވަހު މަޑުނު ކުރެވެންނެތް، އޭޕްރީލް / މެއި އިމްތިހާނުގައި ކޮންމެހެން ބައިވެރިވާން ޖެހޭ ދަރިވަރުން އެބަތިއްބެވެ. އަދި މަތީ ތައުލީމް ހާސިލު ކުރަން ބޭނުންވާ ދަރިވަރުންގެ ތެރޭގައި ސެޕްޓެމްބަރު އިންޓޭކްގައި ލިބޭ ފުރުސަތަށް ކުރިމަތި ލުމަށް އެދޭ ދަރިވަރުން އެބަ ތިއްބެވެ. މީގެ އިތުރުން ފައިސާގެ ދަތިތަކާ ހުރެ އިމްތިހާނު ފަސް ނުކުރެވޭނެ ދަރިވަރުންވެސް ހަމަ އެބަތިއްބެވެ. 

ގައިމުވެސް މިކުދިންނަށް މިއީ އެންމެ އިންސާފުވެރި ގޮތެއް ނޫނެވެ. އޮކްޓޫބަރު / ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވާ ކުދިންނަށް އިމްތިހާނަށް ތައްޔާރު ވުމަށް ގިނަ ވަގުތުވެސް ލިބެއެވެ. އެހެންކަމަށްވާނަމަ ދެ އިމްތިހާނުގައި ބައިވެރިވާ ކުދިންނަށް ލިބޭ ފުރުސަތުތައް ހަމަހަމަ އެއްނޫނެވެ. 

ގައިމުވެސް ކޮންމެ ދަރިވަރަކުވެސް އިމްތިހާނަށް ތައްޔާރު ވުމަށް އެކަށޭނެ ވަގުތު ބޭނުންވާނެއެވެ. ނަމަވެސް މިއަދު ކަންހުރި ގޮތުން ކޮންމެ ދަރިވަރަކަށް މިއީ ކުރަން "އެފޯޑަބަލް" ކަމަކަށް ނުވާނެއެވެ. މިކަމުގައި ކުދިން ބޭނުންވާ އިމްތިހާނެއްގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، މި ބަދަލުތަކާހުރެ ބޮޑު ފަރަގެއް ކުދިންގެ މެދުގައި އުފެދިގެން ދާކަމެވެ. މިއީ މިކަމުގައި އަހަރެން ދެކޭ ގޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް