ads
ފޮޓޯ: ސަން
"ސްކޫކްގެ ސަބަބުން 2023ވަނަ އަހަރު ރާއްޖެ ޝޮކެއްގެ ތެރެއަށް ދިޔުމުން ސަލާމަތް ވާނެ"
ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސްކޫކްގެ ސަބަބުން ފަސް އަހަރަށް ބަހާލައިގެން ރީޕޭމެންޓް ހެނދުމަށް މަގުފަހިވާނެ ކަމަށާއި އެކަމުގެ ސަބަބުން 2023 ވަނަ އަހަރު ރާއްޖެ ޝޮކެއްގެ ތެރެއަށް ނުގޮސް ސަލާމަތް ވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު ފެންނަނީ ސްކޫކް ވިއްކުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަން ކަމަށެވެ. އިޖިޕްޓާއި ލާވަސްވެސް ނިކުމެ ސްކޫކެއް އިޝޫކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މާކެޓް އިންޓްރެސްޓް ނެތިގެން އެ ދެގައުމަށްވެސް އެކަން ކާމިޔާބު ނުވެވާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، އެޔާއި ހިލާފަށް ރާއްޖޭގައި އެކަން ކާމިޔާބު ކުރެވޭނެ ކަމަށް ފެންނަ ކަމަށެއެވެ

ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިވަގުތު ދުނިޔޭގައި އެފަދަ މަސައްކަތްކުރާ އެންމެ ފުންނާބު އުސް އޮގަނައިޒޭޝަން ތަކާއިއެކު ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެ ތެރޭގައި އައިސީޑީއާއި، ކްރެޑިސްސް ސްވިސް އާއި،  އެޗްއެސްބީސީ އިސްލާމިކް އަދި އެމިރޭޓްސް ޑިވިލޮޕްމެެންޓް ބޭކް ހިމެނެއެވެ. 

2017ވަނަ އަހަރު ރާއްޖެއިން ނަގާފައިވާ ޔޫރޯ ބޮންޑްގެ ސަބަބުން މިއަންނަ އަހަރަކީ އާދަޔާހިލާފަށް ރީޕޭމެންޓް ހަނދަންޖެހޭ އަހަރެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން 6.3 ބިލިއަން ރުފިޔާ(400 މިލިއަން ޑޮލަރު) ޔޫރޯ ބޮންޑްގެ ގޮތުގައި ވަނީ ނަގާފައެވެ. މަބްރޫކް ވިދާޅުވީ، އެހެންކަމުން މިއަންނަ އަހަރު 250 މިލިއަން ޑޮލަރުގެ ރީޕޭމެންޓެއް ހަދާއިރު އަންނަ ބަޖެޓްގެ ތާށިކަން ހައްލުކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި، އެދަތިތައް ހައްލުކުރުުމަށް ސަރުކާރުން ނަގާ ސްކޫކް ބޮޑު ރޯލެއް އަދާކުރާނެ ކަމަށެވެ. 

" އޭރުން މިއަންނަ އަހަރު ދެއްކުމުގެ ބަދަލުގައި ފަސް އަހަރަށް ބަހާލައިގެން ދައްކަން ހުރި ފައިސާގެ ކަންތައް ކުރިއަށް ގެންދެވޭނެ އަދި އޭގެ ސަބަބުން ރާއްޖެ މިއަންނަ އަހަރު އެއް އަހަރުގެ ގޮތުގައި ޝޮކެއްގެ ތެރެއަށް ދާކަށް ނުޖެހޭނެ. އެހެންވީމަ އެގޮތުން ބަލާއިރު ކޮންމެހެން ކުރަން މުހިންމު ކަމެއް. ފަސް އަހަރު ދުވަހުގެ ތެރެއަށް ބަހާލާގެން އެކަން ކުރެވޭއިރުގަ ހަމަ އެނގިވަޑައިގަންނަވާނެ ރާއްޖެއިން ބޭުނުންކުރާ އެކިއެކި އަދި މިހާރުވެސް ބޭނުންކުރަމުން އަންނަ އެކި ގޮތްތައް ހުރޭ އޭގެ ތެރެއިން އެއް ކަމަކަށް ވާނެ ރާއްޖޭގެ އެސްޑީއެފް ތެރޭގަ ހުންނަ ފައިސާވެސް ބޭނުން ކުރެވިދާނެ" މަބްރޫކް ވިދާޅުވިއެވެ.

އެހެންނަމަވެސް ފިނޭސް މިނިސްޓްރީން ސްކޫކްއަކަށް ދާން ނިންމީ އެއް އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އުޅުމަށްވުރެ ބުއްދިވެރީ ފަސް އަހަރަށް ބަހާލާގެން ކުރުން ކަމަށް ފެނާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ސަރުކާރު ސްކޫކް ގަތުމަށް ހަދާ އެއްބަސްވުމާއިއެކު ރާއްޖެއަށް އެ ދަރަނި ނުދެއްކިއްޖެނަމަ ދަރުމަވަންތަ ހޮސްޕިޓަލް ވިކިދާނެ ކަމަށް ވަރަށް ގިނަ ބަޔަކަށް ހީވާކަމަށާއި އެހެންނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށެވެ. 

އެކަން ސާފުކޮށްދެއްވަމުން މަބްރޫކް ވިދާޅުވީ، ސަރުކާރުން ހަދަނީ އިޖާރާ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ދަރުމަވަންތަ ހޮސްޕިޓަލް ބޭއްވެނީ ދިވެހި ރާއްޖޭގެ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ސްޕެޝިއަލް ޕާޕާސް ވެހިކަލެއް ހެދި ނުވަތަ ވަކިން އުފެއްދޭ އެހެން އިތުރު ވިޔަފާރީއެއް ނުކުރާ ހަމައެކަނި އެ އެސެޓް ރެޖިސްޓްރާ ކުރަން ހެދޭ ކުންފުންޏެއްގައި ކަމަށެވެ. 

މަބްރޫކް ވަނީ އެގޮތަށް ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ދޫކޮށްލަން ޖެހެނީ ކީއްވެގެންކަން ވެސް ސާފުކޮށްދީފައެވެ. އެގޮތުން އެ އެސެޓްގެ ބޭނުމަކީ ދަރުމަވަންތަ ހޮސްޕިޓަލުން ލިބޭ ފައިދާގެ އަދަދު ސްކޫކަށް ރީފައިނޭސް ކުރުމުގައި ބޭނުން ކުރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ހަމަ ވަރަށް ސާފުކޮށް އަޅުގަނޑު ބުނާނަން މިފަދަ އެގްރީމެންޓެއްގަ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރެވެނީއެއް ނޫން. އެއްވެސް ހާލަތެއްގަ ރަހުނު ކުރެވެނީއެއް ނޫން. މި ބޮންޑަށް ރީޕޭމެންޓް ނުދެއްކި ޑީޕޯލްޓް ވާ ހާލަތެއްގައިވެސް ދަރުމަވަންތަ ހޮސްޕިޓަލް އޯނާޝިޕް އޮންނާނީ ސަރުކާރާއި އެކީގަ. އޭގެ ފަހުން ޒިންމާ ނަަގަން ޖެހޭނީ ސަރުކާރުން. އެހެންނަމަވެސް މި ތަނުގެ އޯނާޝިޕް އެއްވެސް ލެވެލްއެއްގަ މިވަގުތުވެސް، ކުރިއަށް އޮތް ހިސާބެއްގަވެސް ބަދަލެއް ނުވާނެ މި ކުރެވޭ މަސައްކަތުގެ ސަބަބުން އެހެން ގައުމެއްގެ އެހެން ބައެއްގެ އަތް މައްޗަކަށް" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅޫވީ އެ މަސައްކަތް ފިނޭސް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަމުގެ ޓްރާސްސެކްޝަންތައް ބަންދުވެ، ފައިނަލަޒްކޮށް 8 އޭޕްރީލްގެ ފަހުން  އެ މައުލޫމާތުތައް އެ މިނިސްޓްރީން އާއްމުކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް