ޅ.ފެލިވަރުގެ ކޮވިޑް ފޯކަލް ޕޮއިންޓުން ސީއެންއެމްއަށް ބުނީ އެރަށުން ޖުމްލަ 297 މީހުން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަދި އޭގެ ތެރޭގައި ފަސް ހައިރިސްކު މީހުން ހިމެނޭ ކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށް ވެސް ބުންޏެވެ.
ފެލިވަރުގެ އާބާދީގައި 700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދާއިރުގައި ހުރިހާ އެންމެންގެ ސާމްޕަލް ވަނީ ނެގިފައި ކަމަށާއި %95 ސާމްޕަލްގެ ނަތީޖާވެސް ވަނީ ލިބިފައި ކަމަށް ވެސް ފޯކަލް ޕޮއިންޓުން ފާހަކުރި އެވެ.
އެރަށަށް މަސްވެރިން އެރުން ވަނީ ކޮވިޑް ހާލަތުގައި އެންމެ ކުރިންވެސް މަނާކޮށްފައިކަން ހާމަކުރަމުން ފޯކަލް ޕޮއިންޓުން ބުނީ މިހާރު ފެލިވަރުގައި މަސްކިރުމުގެ މަސައްކަތް ކުރިއަށް ދަނީ ފަޅުތެރޭގައި އޮތް ބޯޓަކުން ކަމަށެވެ.
އަދި މިހާރު އެރަށުގައި ކޮވިޑް 19 ފެތުރެމުން ދާއިރުގައި އެޗްޕީއޭއިން ވަނީ ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށް ގެންދިއުން މަނާކޮށްފައި ކަމަށާއި އެހެންކަމުން ފެލިވަރުގައި މަހުގެ ޕްރޮޑަކްޝަނގެ މަސައްކަތް ވަނީ ހުއްޓާލާފައި ކަމަށް ވެސް ފޯކަލް ޕޮއިންޓުން ބުންޏެވެ.
ނަމަވެސް މިކަހަލަ ހާލަތަކަށް ފެލިވަރުން ކުރިންވެސް ތައްޔާރުވަމުން ދިޔަ ކަން ފާހަގަކުރަމުން ފޯކަލް ޕޮއިންޓުން ބުނީ ރޯދަމަހަށް މިފްކޯގެ މަހުގެ ބާވަތް ލިބުމުގައި އެއްވެސް ވަރަކަށް ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ.
މާޗްމަހުގެ 25 ވަނަ ދުވަހުގައި ފެލިވަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، އެ ރަށުގައި މަސައްކަތް ކުރާ މީހަކު ބުދަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
އެ ކޭސް އާ ގުޅިގެން އެޗްޕީއެއިން ވަނީ މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން ފެލިވަރުން ފުރި މީހުން ކަރަންޓީނުވާން އަންގާފައެވެ. އަދި މި ކްލަސްޓާއާ ގުޅިގެން ނައިފަރުންވެސް ކޮވިޑް ކޭސްތައް ފެނިފައިވާއިރު، ނައިފަރަށް ދަތުރުކުރި މީހުންވެސް ކަރަންޓީނު ވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.