ads
ވީޑިއޯ ރިޕޯޓް:-
ބޮޑެތި "ޖަރީމާތަކެއް" ފަޅާއެރުމުން މާމިގިލީ ރައްޔިތުން ރަތަށް!
ގާސިމް އިބްރާހިމަކީ ރާއްޖޭގައި އެންމެ މުއްސަދި "މަހުޖަނުން" ގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ގާސިމްގެ އުފަން ރަށްކަމުގައިވާ މާމިގިއްޔަށް އޭނާ ކޮށްދީފައިވާ ލާބަ ހުރި ވާހަކަތަކަކީ ގިނަ ބަޔަކު އަޑައަހާފައިވާ ވާހަކަ ތަކެވެވެ. ނަމަވެސް އެއީ މަތި އޮމާން ކޮށްލަން ވެގެން ގާސިމް ކޮށްފައިވާ ކަންތައްތަކެއް ކަމަށް އެރަށުގެ ބައެއް ރަށްޔިތުން ތުހުމަތު ކުރެ އެވެ. މި ތުހުމަތައް އިތުރުވެފައިވަނީ ރޭ އެރަށުގެ ބައެއް ވައިބާ ގުރޫޕުތަކަށް ލީކުކޮށްލި ލިޔެކިޔުންތަކާއެކުއެވެ.
Advertisement

މިގޮތުން މާމިގިލީ ބައެއް މީހުންނާއި ވާހަކަ ދައްކާލައި އެމީހުން ދެކޭ ގޮތާއި މެދު ސުވާލު ކޮށްލީމެވެ.

ގާސިމް އިބްރާހިމްގެ އަމަލުތަކަށް ނުރުހުން ފާޅުކޮށް އެރަށު މީހަކު ބުނީ ގާސިމް އިބްރާހިމްއަށް އެއާޕޯޓް ތަރައްގީ ކުރުމަށް ދީފައިވާ ބިމުން ރަށުގެ ކައުންސިލަށް އެއްވެސް ވަރަށް ކުއްޔެއް ނުނަގާ ކަމަށެެވެ.

60،000 އަަކަފޫޓުގެ ބިމުން ކުލި ކަނޑާލަން މީގެ 30 ނުވަތަ 40 އަހަރު ކުރިން ނިންމީ އެރަށު ރަށްކުރިއަރުވާ ކޮމެޓީގެ 25 މެންބަރުންނާއި ވެވުނު އެއްބަސްވުންތަކެއްގެ ތެރެއިންނެވެ. 

އަދި އެ ބިން ދީފައިވާ ކިހާ މުއްދަތަކަށް ކަމެއްވެސް ރައްޔިތުންނަށް ނޭގޭ ކަމަށް އޭނާ ކިޔައިދިނެެވެ.

މީގެ އިތުރުން އެރަށުގެ އެއާޕޯޓް އަޅަން ދިން ބިމުގެ ބަދަލުގައި ގާސިމްވަނީ ގިނަ ކަންތައްތަކެއް ކޮށްދޭނެ ކަމަށް ވައުދުވެލައްވާފައެވެ. އެއީ މިސްކިތެއް އަޅާދޭނެ ކަމަށާއި، ރަށުގައު ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނުން، ސިއްހީ މަރުކަޒުގެ މަސައްކަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުން އަދި ސްކޫލު އަޅާދިނުމުގެ އިތުރުން އިންޖީނު ގެއެއް އަޅާދިނުން ކަމަށެވެ.

ނަމަވެސް ގާސިމް ވައުދުވެފައިވާ އެ ކަންތަކުގެ ތެރެއިން ހަމައެކަނި ކޮށްދީފައިވަނީ ސްކޫލު ތިން ބުރިއަށް އަޅާދިނުން ކަމަށް ވެސް އެރަށުގެ ބައެއް މީހުން ދެކެއެވެ. 

ރަށުގައި ސިއްހީ މަރުކަޒުގެ ހާލަތުވެސް ވަރަށް ގޯސް ކަމަށާއި ސްކޭނެއް ހަދަންވެސް ދާންޖެހެނީ މަހިބަދޫއަށް ކަމަށް އޭނާ ބުންޏެވެ. ރަށުގައި އަޅާފައިވާ އިންޖީނު ގެއިން ރަށްޔިތުން އަތުން ނަގަން ބުނި އަދަދަށްވުރެ ބޮޑު ފީ އެއް ވެސް ނަގާތީ އެކަމާ ވެސް އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ. 

އެގޮތުން އެރަށުގެ އެރަށު ރައްޔިތުންގެ އެއާޕޯޓު ފީ ކަނޑާލީ 25 ލާރިއަށް ކަރަންޓު ޔުނިޓެއް ދޭނެކަމަށް އެއްބަސް ވުމުން ކަމަށާއި، ނަމަވެސް މިހާރު ކަރަންޓު ޔުނިޓެއްގެ އަގު ވެސް ހުރީ 3.50 ރުފިޔާގައި ކަމަށްވެސް އެރަށު މީހުން ބުނެއެވެ. 

މީގެ އިތުުރުން ގާސިމްގެ މިލްކުގައިވާ އެއާޕޯޓް އަޅަން ދީފައިވާ ބިމުގެ ގޮނޑުދޮށުން ވެލި ނަގާ ކަމަށާއި އަދި ރަށުގައި ގާސިމްގެ ސަޕޯޓަރުންނަށް ވެލި ހަދިޔާކުރަމުންދާކަމަށް ވެސް އެރަށުގެ ބައެއް މީހުން ތުހުމަތު ކުރިއެވެ. 

އަދި އެއާޕޯޓު ސަރަހައްދުން ވެލި ނަގައިގެން ގެންގޮސް ބައެއް ސަރަހައްދުތަކަށް ވެލި އަޅާމަންޒަރު ފެންނަ ވީޑިއޯތައް ވެސް އެރަށުގެ ބައެއް މީހުން ވަނީ ހިއްސާކޮށްފައެެވެ. 

އެ ވީޑިއޯތަކުން ފެންނަނީ ދޮންވެލި އުފުލާ މަންޒަރެވެ. ނަަމަވެސް ގޮނޑު ދޮށްތަކުން ދޮންވެލި ނެގުމަކީ ގާނޫނީ ކުށެކެވެ. 

"ގާސިމް އިބްރާހިމްގެ ރިސޯޓަށް އެތަނުން ވެލި ވެސް ގެންދޭ،" -މާމިގިލީ ރައްޔިތެއް-

ސަރުކާރުގެ ހާއްސަ މަސައްކަތްތަކަށް ހާއްސަ ހުއްދައެއްގެ ދަށުން މެނުވީ ގޮނޑުދޮށުން ވެލިނެގުމަކީ މަނާކަމަކަށް ވާއިރުގައި އެއާޕޯޓު ސަރަހައްދުގެ ގޮނޑުދޮނުން ވެލި ނަގާތީ އެރަށު ރައްޔިތުން ކަންބޮޑުވެއެވެ. 

އެއާޕޯޓު ކައިރިން ވެލި ނެގި ނަމަވެސް، އެރަށު ރައްޔިތުންނަށް ގޮނޑު ދޮށުން ވެލި ނެގުން ވެސް އޮންނަނީ މަނާކޮށްފައެެވެ.

އެއާޕޯޓަށް ބޮޑު ސަރަހައްދެއް ދީފައި އޮތް ނަމަވެސް އެތަނަކީ ރައްޔިތުންނަށް ވަދެވޭ ގޮތައް އޮތް ތަނެއް ނޫންކަމަށް އެރަށުގެ ބައެއް މީހުން ސީއެންއެމްއާ ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން އެރަށުގެ ބައެއް މީހުން ތުހުމަތު ކުރާގޮތުން "ކަތީބު ޒަމާނުއްސުރެ އެރަށުގެ ރަށު އޮފީހާ މިހާރު ކައުންސިލްވެސް" އޮންނަނީ ގާސިމް އިބްރަހިމްގެ ނުފޫޒު ފޯރުވޭ ގޮތަށެވެ. 

މީގެ އިތުރުން އެރަށުގެ ބީޗުގެ ބޮޑު ބައެއް ވެސް އެއާޕޯޓުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، އެރަށު މީހުން މޫދަށް އެރެން އޮތް ތަންކޮޅުގައި ވެސް ފެންސުޖެހުމަށް ރޭވުމެއް ރާވަމުން ދާކަމަށް މަމިލީގައި މިހާރު ވަނީ އަޑު ފެތުރިފައެވެ. 

އެރަށުގެ ބައެއް މީހުން ދެކޭގޮތުން އެކަން ކުރަން ރާވަނީ މި އަަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ފަހުއެވެ.

"މި ފަހަރުގެ ކައުންސިލް އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ރަށުގެ ރަށްޔިތުން މޫދަށް އެރެންދާ އެންމެ ރީތި ހިސާބު އެއާ ޕޯޓުގެ ބައެއްގެ ގޮތުގައި ނަގާ ފެންސު ޖަހަން ވަނީ ނިންމާފަ ކަމަށް ރަށުތެރެއަށް އަޑު ވަނީ އަރާފަ. ރޭގަ ވައިބާ ގުރޫޕުތަކުގަ ލީކުވި ލިޔެކިޔުންތަކުން ވެސް އެކަން އެނގޭ. އެއާޕޯޓު ސަރަހައްދުން ވެސް ބިމައް ކުއްޔެއް ނުދޭ،" -މާމިގިލީ ރައްޔިތެއް ބުންޏެވެ.

އެރަށު ވައިބާ ގުރޫޕްތަކުގައި ދައުރުވާ ބައެއް ލިޔެކިޔުންތައް ވަނީ ސީއެންއެމްއަށް ވެސް ލިބިފައެވެ. އެ ލިޔެކިޔުންތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެރަށު ކައުންސިލަށް އަމިއްލަ ފަރާތްތަކުން ހުށަހަޅައިގެން ކައުންސިލުން ދީފައިވާ ލިޔުންތަކެކެވެ. ލިޔުންތަކާއި ގުޅޭގޮތުން ކައުންސިލަށް ގުޅުމުންް ފޯނެއް ނުނަގައެވެ. 

އޭގެނެ ފެންނަގޮތުން ހޮލިޑޭ އައިލެންޑު ރިސޯޓަށް ދީގެން އެއާޕޯޓު ބިމެއްގައި ފެންސު ޖަހާފައިވާއިރު، އެ ބިމާއި ބެހޭ މުއާމަލާތެއް އެ ކައުންސިލްތެ އެއްވެސް ލިޔެކިޔުމުން ފެންނަން ނެތް ކަމަށް ވެސް ބައެއް ލިޔުންތަކުގައި ބުނެފައިވެއެވެ. ނަމަވެސް އެ ބިން ދޫކޮށްފައިވަނީ 2012 ވަނަ އަހަރުކަމަށް ވެސް ބުނެފައިވެއެވެ. 

"އެ ބިމުގެ (އެއާޕޯޓުގެ) ކުލީގެ އެއްވެސް މިންވަރެއް މި ކައުންސިލަށް ލިބިފައި ނެތް،" -

މީގެ އިތުރުން ވެސް މާމިގިލީގައި އިންޖީނުގެއެއް އެޅުމަށް ވެސް ގާސިމް އިބްރާހިމް އަމިއްލަ ނަންފުޅަށް ބިމެއް ރަޖިސްޓާ ކޮށްފައިވާކަމަށް ވެސް ބުނެފައިވެއެވެ. 

އެހެންކަމުން އެރަށަކީ ރާއްޖޭގެ އެންމެ މުއްސަދި ވިޔަފާރިވެރިޔާ ގާސިމްގެ ރަށްކަމުގައިވީ ނަމަވެސް އެރަށުގެ ގިނަ ރަށްޔިތުން އުޅެން ޖެހެނީ "އަޅުވެތި ކަމެއްގެ ދަށުގައި ވަރަށް ހާލުގައި" ކަމަށް ވެސް އޭނާ ކިޔައިދި ނެވެ.

މިކަމާ ގުޅިގެން މާމިގިލީ ކައުންސިލް އަދި ގާސިމް އިބްރާހިމް އަށް ފޯނުން ގުޅައިގެން ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ބަހެއް ލިވޭގޮތެއް ވަނީ ނުވެފައެވެ. 

37%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް