ads
މަރުކަޒީ ބޭންކް އެމްއެމްއޭ: ދަރަނިން ސަލާމަތްވާން ޖެހޭ--
އެއް ދަރަނި ދައްކަން އަނެއް ދަރަނި؟
މާޗް 29 ވަނަ ދުވަހު ސަރުކާރުން މިވަނީ ފުރަތަމަ ފަހަރަށް އިސްލާމިކް ސުކޫކެއް ބައިނަލް އަގްވާމީ މާކެޓުގައި ވިއްކާފައެވެ. މިގޮތުން މި ސުކޫކު މެދުވެރިކޮށް ސަރުކާރުން މިވަނީ 9.8 އިންސައްތަގައި 5 އަހަރު ދުވަހުން އަދާކުރާ ގޮތަށް 200 މިލިއަން ޑޮލަރުގެ ދަރަންޏަށް ހޯދާފައެވެ. ސުކޫކަކީ އިސްލާމީ އުސޫލުން އިޝޫ ކުރާ ބޮންޑެކެވެ.
Advertisement

ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ފޫބެއްދުމަށް އާންމުގޮތެއްގައި ދަރަނި ނަގަނީ ލޯނުގެ ގޮތުގައި ބައިނަލް އަގްވާމީ ޖަމިއްޔާއަކުން، ނުވަތަ ބޭންކަކުން، ނުވަތަ އެކުވެރި ދައުލަތަކުންނެވެ. ވޭތުވެދިޔަ ސަރުކާރުގައި އެންމެ ގިނަ ދަރަނި ނަގާފައިވަނީ ޗައިނާގެ ސަރުކާރުގެ އެހީގައި ޗައިނާގެ ބޭންކުތަކުންނެވެ. މިގޮތަށް އެކުވެރި ގައުމަކުން ލޯނު ނަގާއިރު އެންމެ ބޮޑު މައްސަލައަކީ، އެގައުމުން ކަނޑައަޅާ ޝަރުތުތަކަށް އެއްބަސްވުމަށް މަޖުބޫރުވުމެވެ.

މިގޮތުން، ޗައިނާއިން ދީފައިވާ ލޯނުން ބުރިޖް އަޅަން ޖެހުނީ ޗައިނާގެ ކުންފުންޏެއް ކޮންޓްރެކްޓަރަކަށް ނަގައިގެންނެވެ. ހުރިހާ މެޓީރިއަލްއެއް ގެންނަން ޖެހުނީ ޗައިނާއިންނެވެ. މަސައްކަތްތެރިން ޗައިނާއިންނެވެ. ފެންނަން ހުރި ބުރިޖް ފިޔަވައި އެ ޕްރޮޖެކްޓުން ދިވެހި އިގްތިސާދަށް ވަން ފައިސާއެއް ފައިދާއެއް ނެތެވެ. ހުރިހާ ފައިސާއަކާ މޮޅެއް ލިބުނީ ޗައިނާގެ އިގްތިސާދަށާއި ޗައިނާގެ ކުންފުނިތަކަށެވެ. އަދި އަނެއްކޮޅުން އިންޓަރެސްޓާއެކު ލޯނު އަދާކުރަން ޖެހެނީ ދިވެހި ރައްޔިތުންނެވެ.

އިންޑިއާއިން ލޯނު ނަގައިގެން މިހާރު ހިންގަމުންދާ ޕްރޮޖެކްޓްތައްވެސް ހަމަ އެހެންނެވެ. މިހާރު އަލަށް އަޅަން އުޅޭ ވިލިނގިލި ބުރިޖްގަވެސް ހަމަ އެހެންނެވެ. އިންޑިއާގެ ކުންފުނި، އިންޑިއާގެ މެޓީރިއަލް، އިންޑިއާގެ މަސައްކަތްތެރިން، އިންޑިއާގެ ލޯނެވެ. ލޮލުގައި އަނދުން އަޅުވަން މީގެ ކޮންމެ ޕްރޮޖެކްޓެއްގައި "ހިލޭ އެހީ" ގެ ބައެއް ހިމެނެއެވެ. ޗައިނާއަކަސް އިންޑިއާއަކަސް މިކަމުގައި ވަކި ތަފާތެއް ނެތެވެ.

އެކުވެރި ދައުލަތަކުން ލޯނު ނެގުމުގެ ބަދަލުގައި ދެން އޮތް ގޮތަކީ ވިޔަފާރި ބޭންކަކުން ނުވަތަ މާކެޓުން ލޯނު ނެގުމެވެ. ބޭންކު ލޯނެއް ނަމަ ލޯނު  އަދާކުރަން ޖެހޭނީ ލޯނުގެ މުއްދަތަށް ބަހާލައިގެން ކޮންމެ މަހަކު ނުވަތަ ކޮންމެ ހަ މަހަކުން މިންވަރެއް އަނބުރާ އަދާކުރާގޮތަށެވެ. މިސާލަކަށް ފަސް އަހަރުގެ ލޯނެއް ނަމަ، މުޅި ލޯނު ފަސް އަހަރަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭ ވަރު ދައްކަމުން ދެވިދާނެއެވެ. 

އެހެން ނަމަވެސް، ބޮންޑެއްގެ ޒަރީއާއިން ދަރަންޏަށް ފައިސާ ނަގާއިރު، މުޅި އަދަދު އަދާކުރަން ޖެހޭނީ އެއްފަހަރާއެވެ. މިސާލަކަށް ފަސް އަހަރުގެ 200 މިލިއަން ޑޮލަރުގެ ބޮންޑެއް ނަމަ، ފަސް އަހަރު ހަމަވާ ދުވަހު 200 މިލިއަން އެއްކޮށް އެއްފަހަރާ އަނބުރާ އަދާކުރަން ޖެހޭނެ އެވެ. ފަސް އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ދައްކަންޖެހޭނީ ހަމައެކަނި އިންޓަރެސްޓެވެ.

ކޮންމެއަކަސް، 2017 ވަނަ އަހަރުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުގެ ހަރަދުތައް ސަރުކާރުގެ ބަޖެޓުން ކުރަމުން ދިޔައިރު، އަދި ޕްރޮޖެކްޓަށް ބޭނުންވާ  ބޮޑުބަޔަކީ ބޭރުން ގެންނަންޖެހޭ ސާމާނުކަމަށްވުމުން، ޑޮލަރުގެ ޑިމާންޑް އޮތީ ވަރަށް ބޮޑުވެފައެވެ. މިހެންކަމުން އޭރުގެ ސަރުކާރުން ނިންމީ ބޮންޑެއް އިޝޫކޮށްގެން ޑޮލަރުން ދަރަންޏަށް ފައިސާ ހޯދާށެވެ. މިގޮތުން 2017 ވަނަ އަހަރުގެ މެއި މަހު ބައިނަލް އަގްވާމީ ބާޒާރުގައި ފުރަތަމަ ފަހަރަށް ދިވެހި ދައުލަތުގެ ސޮވެރިން ބޮންޑެއް އިޝޫކުރެވި، 200 މިލިއަން ޑޮލަރު 5 އަހަރުން އަދާކުރާގޮތަށް ހަތެއް އިންސައްތަގައި ހޯދުނެވެ. އެފަހަރު 200 މިލިއަން ހޯދަން ހުޅުވާލިކަމުގައިވިޔަސް 470 މިލިއަން އިންވެސްޓަރުން ހުށަހެޅިކަމަށް ޚަބަރުތަކުން އެނގުނެވެ. 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މި އިތުރު 50 މިލިއަން ޑޮލަރު ނަގައި ޖުމްލަ ބޮންޑުގެ މިންވަރު 250 މިލިއަން ޑޮލަރަށް އިތުރުވެގެންދިޔައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަބޫދާބީ ފަންޑުން 100 މިލިއަން ޑޮލަރުގެ ބޮންޑެއް 5.5 އިންސައްތައިގެ އިންޓަރެސްޓް ރޭޓުގައި ގަތެވެ.

މިފަހުން އިޝޫކުރެވުނު ސުކޫކުން ލިބުނު 200 މިލިއަން ޑޮލަރު ބޭނުން ކުރެވެނީ އަންނަ އަހަރު އަބުރާ ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑުން ބައެއް ކުރިން އަބުރާ ދެއްކުމަށް ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ މާނައަކީ ހަތެއް އިންސައްތަގައި އޮތް ދަރަނި އަދާކުރަން 9.8 އިންސައްތަގައި ސަރުކާރުން މިވަނީ އިތުރު ދަރަންޏެއް ނަގާފައެވެ. އެއް ދަރަނި އަދާކުރަން އިތުރު ދަރަންޏެއް ނެގުން އޭގެ އެއީ އެންމެ ފުރަތަމަ މައްސަލައެވެ. އަދި އެއަށްވުރެ އަގު ބޮޑުކޮށް ނެގުން އެއީ ދެވަނަ މައްސަލައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ދަރަނީގެ ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި 66.5 ބިލިއަން ރުފިޔާ އަރައެވެ. މިއީ އަދި ގެރެންޓީ ދީފައިވާ ދަރަނިތައް ނުހިމަނައެވެ. މިއީ ޖީޑީޕީގެ 115 އިންސައްތަ އެވެ. ގެރެންޓީ ދީފައިވާ ދަރަނިތައް ހިމެނުމުން ދައުލަތުގެ ދަރަނީގެ ޖުމްލަ 86.5 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ޖީޑީޕީގެ 149 އިންސައްތަ އެވެ. މިއީ ދިވެހި ކޮންމެ ބޮލަކަށް 192،000 ރުފިޔާއެވެ.

ގައުމުގެ ދަރަނި މި ވިންވަރަށް މަތިވެގެން ދިޔައިރު، ދައުލަތުގެ ނަމުގައި ގެރެންޓީދީފައިވާ ދަރަންޏަކީ ކޮބައިތޯވެސް ބަލައިލަންޖެހެ އެވެ. އެންމެ ބޮޑު އަދަދަކީ އެޗްޑީސީއިން ނަގާފައިވާ 500 މިލިއަން ޑޮލަރަށްވުރެވެސް ބޮޑު އަދަދުގެ ލޯނުތަކަށް ދީފައިވާ ގެރެންޓީއެވެ. މިއީ ހުޅުމާލޭ ފޭސް 2 ގައި އަޅާފައިވާ ފްލެޓްތަކަށް ނަގާފައިވާ ލޯނުތަކެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން އަހްމަދު ސިޔާމް ހޯލްޑިންގސް އަށް ދީފައިވާ 127 މިލިއަން ޑޮލަރުގެ ގެރެންޓީއަކީވެސް ބޮޑު އަދަދެކެވެ. އަދި އެސްޓީއޯ އަށް ދީފައިވާ 175 މިލިއަން ޑޮލަރުގެ ގެރެންޓީވެސް ހިމެނެއެވެ.

ސީދާ ދަރަންޏަށް ބަލާއިރު، އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނަކީ  މިހާތަނަށް އެއް ތަނަކުން ނަގާ އެންމެ ބޮޑު އެއް ދަރަންޏެވެ. މީގެ އިތުރުން ވިލިމާލެ ތިލަފުށި ބުރިޖަށް ނަގަން ސޮއިކޮށްފައިވާ 400 މިލިއަން ޑޮލަރަކީވެސް ދައުލަތުގެ ދަރަނީގެ ތެރެއަށް އިތުރުވެގެންދާ ވަރަށް ބޮޑު އަދަދެކެވެ.

ރާއްޖޭގެ ބޭރުފައިސާގެ ދަރަނި މިހާރު މިވަނީ ދުވަހަކު މައްޗަށް ނުދާ މިންވަރަކަށް އިތުރުވެފައެވެ. އެއީ 2.9 ބިލިއަން ޑޮލަރެވެ. މިއީ ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެންނެވެ. މިހާ ބޮޑު އަދަދެއްގެ ބޭރު ފައިސާގެ ދަރަންޏެއް އޮތުމުން އެންމެ ބޮޑު ނުރައްކަލަކީ، ރުފިޔާގެ އެކްސްޗޭންޖް ރޭޓު ބަދަލުވާ ކޮންމެ ފަހަރަކު، މުޅި ޖުމްލަ ދަރަނި އިތުރުވެގެން ދިއުމުގެ ރިސްކު ބޮޑުކަމެވެ.

އެންމެ ބޮޑު ސުވާލަކީ، ދަރަނި ދަންތުރައަކަށް އަދިވެސް ނުވޭތޯއެވެ؟ ނުވަތަ ދަރަނިވެރިކަމަށް ނިމުމެއް އަންނާނީ ކޮން ހިސާބަކުންތޯއެވެ؟ މިހާރު ރާއްޖޭގެ ދަރަނި މިހުރީ ދެމެހެއްޓެނިވި މިންވަރެއްގައިތޯއެވެ؟ ގައުމު ދަރަނިވެރިވެ، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މި ދަރަނި އަދާކުރެވޭނެތޯއެވެ؟ މިދަރަނިތައް އަދާކުރުމަށް މުސްތަގްބަލުގައި ބޮޑެތި އަދަދުން ޓެކްސް ނަގަންޖެހޭނެތޯއެވެ؟ މިދަރަނިތައް ދައްކަން ދެން ދަރަނި ނަގާނީ ކޮންތާކުންތޯއެވެ؟ މިވަރުން ވެސް މިމައްސަލައާ މެދު ހޭލާކަށް ނުވޭބާވައެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް