ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ހީނާ ވިދާޅުވީ ސަރުކާރުން އިންތިހާބުގެ ނަތީޖާތަކަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި ނަތީޖާ ބަދަލުކޮށް މިހާރު ކުރި ހޯއްދަވާފައިވާ ޕީޕީއެމްގެ މެމްބަރުން "ކަޓުވާލަން" މަސައްކަތް ކުރަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
ސަރުކާރުން އަތޮޅު ކައުންސިލްތަކުގެ ނަތީޖާތައް ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ކަންބޮޑުވުން އޮތްއިރު އިލެކްޝަންސް ކޮމިޝަނަށް ވެސް ސަރުކާރުން ނުފޫޒު އެބައޮތް ކަަމަށް ހީނާ ވިދާޅުވި އެވެ.
ވޯޓާ ގުޅިގެން ކޯޓަށް މައްސަލައެއް ހުށަހަޅަން ޖެހިއްޖެ ނަމަ އެކަމަށް ކޯލިޝަން އޮތީ ތައްޔާރު ވެގެން ކަމަށްވެސް ހިނާ ވަނީ ވިދާޅުވެފަ އެވެ.
" މައްސަލަތައް ބަލަމުން އަންނައިރު ބާތިލް ވޯޓުތައް ވެސް އާދަޔާ ހިލާފަށް ގިނަވެފައި ވަނީ. އެ ވޯޓުތަކަކީ ސައްހަ ވޯޓުތޯ ނުވަނަ ނޫންތޯ ބެލުމަށް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނަށް މިހާރު ހުށަހަޅައިފައި ވާނެ. ބައެއް ފޮށިތަކުގައި 500 ބާތިލު ވޯޓު އަދި 1000 ބާތިލް ވޯޓު އެބަ ހުރި." ހީނާ ވިދާޅުވިއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބު ހޯދީ އެމްޑީޕީ އިން ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވާތީ އެކަމާ ގުޅިގެން ހީނާ ވިދާޅުވެފައި ވަނީ އެމްޑީޕީ އަށް ކާމިޔާބު ނުލިބޭ ކަމަށާއި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރީ ޕީޕީއެމް އިން ކަމަށެވެ.