ads
ވީޑިއޯ ރިޕޯޓް-
އިތުބާރު ކުރެވޭ މީހަކުނެތް، އެދެވެނީ ބަދަލަކަށް!
ހޮނިހިރު ދުވަހު ނިމިގެން ދިޔައީ އިތުރު އިންތިހާބެކެވެ. އުއްމީދު ކުރި ވަރަށް ވުރެ ގިނަ މީހުން އިންތިހާބުގައި ވޯޓުލީ ނަމަވެސް، ހަގީގަތުގައި މިފަހަރުގެ އިންތިހާބަށް އޮތް ތަރުހީބު ވަރަށް ކުޑައެވެ.

ހޮނިހިރު ދުވަހު ވޯޓުލާން ފެށި އިރު ގިނަ ވޯޓު ސްޓޭޝަންތަކުގައި އެހެން ފަހަރު ފަހަރު ކިއު ހަދާފައި އޮންނަހެން ކިއު އެއް ނަހަދަ އެވެ. އަދި ވަރަށް ފަސޭހައިން، ކިއުގައި ނުޖެހި ވޯޓު ލުމުގެ ފުރުސަތު ގިނަބަޔަކަށް ލިބިގެން ދިޔައެވެ.

ވޯޓު ފޮށި ބަންދު ކުރާ ގަޑިއަށްވެސް، ބޮޑު ކިއުއެއް ގިނަ ފަހަރު އޮންނައިރު، މިފަހަރު ކަން ދިޔައީ ހަމަ މުޅިން ތަފާތުކޮށެވެ. ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ހާއްސަ ގަޑީގެ ކުރީން ގިނަ ވޯޓު ސްޓޭޝަންތަކެއް "ފަޅަށް" އޮތްތަން ފެނިގެން ދިޔައެވެ.

ކޮންމެއަކަސް، ވޯޓުލާން ދިޔަ މީހުންގެ ތެރެއިން ތިމާގެ ވޯޓު ގަސްދުގައި "ބާތިލް" ކުރި މީހުންވެސް މަދެއް ނޫނެވެ. އަދިން ކުރިން ވޯޓު ލާން ދިއުމުގެ މުހިއްމުކަން އެހެން މީހުންނަށް ކިޔައިދީ، ވޯޓު ލުމުގެ ހައްގު އަދާ ކުރުމާ ގުޅިގެން ވާހަކަ ދެއްކި އެތައް ޒުވާނުންނެއް މިފަހަރު ވަނީ ވޯޓު ލާން ނުދިއުމަށް ނިންމާ، އިންތިހާޞު ބޮއިކޮޓްވެސް ކޮށްފައެވެ.

މިއާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ހާލަތާ މެދު ވިސްނާލަން މަޖުބޫރެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުންގެ މަސައްކަތާއި ގާބިލިއްޔަތު ކަމާމެދު ވިސްނަން މަޖުބޫރުވެއެވެ. ފެނިގެންދާ މަންޒަރުތަކުން ދޭހަވަނީ، ސިޔާސީ ލީޑަރުންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިއްޖެ ކަމެވެ. އަބަދު އެއްބަޔަކަށް ވޯޓުލާންވެސް ރައްޔިތުން "ފޫހި" ވެއްޖެ ކަމެވެ. 

ސޯޝަލް މީޑިއާގައި ޒުވާނުން ދައްކާ ވާހަކަތަކަށް އެކަނި ބަލާލި ނަމަވެސް ފެނިގެން ދަނީ، ޒުވާނުން މިހާރު ސިޔާސީ މައިދާނުގައި އާ މޫނަކަށް އެދޭ ކަމެވެ. މިހާރު ތިބި ވެރިންގެ އިތުބާރު އޮތްކަމާމެދު ގިނަ ޒުވާނުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ކޮންމެ މީހަކުވެސް އިންތިހާބު ވުމުގެ ކުރިން ދައްކާ ވާހަކައާއި އިންތިހާބު ވުމަށްފަހު ކަންކުރާ ގޮތް ދިމާނުވާ ކަމުގެ ޝަކުވާ ތަކަކީ އަބަދުމެ އިވޭ އަޑެވެ.

ދިވެހިން ތިބީ ބަދަލަކަށް އެދިއެދި އެވެ. ދެން އެންމެ އަވަހަށް އޮންނާނީ ރިޔާސީ އިންތިހާބަށް ކަމަށް ވާއިރު، މިހާރުގެ ސަރުކާރަން ދެވަނަ ދައުރެއް ލިބުމަށް އެދޭނަމަ ސަރުކާރުން ރަނގަޅު ކުރަންވީ އެތައް ކަމެއް އެބަހުއްޓެވެ. ހުރިހާ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ އިރު، ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރަން ޖެހެއެވެ. އެހެންނޫނީ އަނެއްކާވެސް ރައްޔިތުން އެދޭނީ ބަދަލަކަށެވެ. ގައިމުވެސް ރައްޔިތުން މިހާރުވެސް ތިބީ ބަދަލަކަށް އެދިއެދިކަން، ކަން ހިނގާ ގޮތުން އެނގެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް