
ގައުމީ ކުޅިވަރު ޖަމިއްޔާތަކުން ކޮންމެ ނިންމުމެއްވެސް ނިންމާފައިވަނީ އެޖަމިއްޔާއަކުން އަމަލުކުރަމަށް ކަނޑައެޅިފައިވާ އެންމެހާއި ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށްތޯ، ބަލައި ފާރެވެރިވުން އެއީ ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ ގާނޫނީ ޒިންމާއެވެ.
ހިތާމައަކީ މިހާތަނަށް އައްޔަނު ކުރެވުނު ކޮންމެ ސްޕޯރޓްސް ކޮމިޝަނަރެއްވެސް ފާހަގަ ވެގެން ގޮސްފައިވަނީ ޤަނޫނުން އެފަރާތްތަކަށް މަތިންކޮށްފައިވާ ޒިންމާ އުފުލަން ޖެހޭ ވަގުތު، ބެންޗު ފަހަތުން އަންނަ އެންގުމާއި އެއްގޮތަށް ފިޔަފަޅުތައް އަޅާފައި ހުރިތަނެވެ.
މިކަން މިގޮތަށް ދިމާވާން ޖެހޭ ސަބަބެއްވެސް އެބަ އޮތެވެ، އެއީ ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަޤާމް އައްޔަނު ކުރުމުގައި އަބަދުވެސް ސިޔާސީ ގޮތުން ގުރުބާން ކުރާ މަޤާމަކަށް ހާލަތު ބަދަލުކޮށް އެއިރެއްގެ ހުންނަވާ ކުޅިވަރު ވަޒީރެއްގެ ނިވަލުގައި ބޭބޭފުންޅުން އައްޔަނުކުރަމުންދާ ދިއުމެވެ. އަދި ކުޅިވަރު ގައުމީ މަޖިލީހުގެ ބާރުވެރިކަން ކުޅިވަރު ވަޒީރު އަތްޕުޅުގައި އޮންނަ އޮތުމެވެ. ކުޅިވަރުތައް ރެގިއުލޭޓް ކުރުމަށް މިކޮންސެޕްޓް މިއީ އެންމެ ރަނގަޅު ފޯމިއުލާ ނޫންކަމަށް ގިނަ ބައަކު މިހާރު ސުވާލު އުފައްދަނީވެސް އެހެންވެއެވެ.
މާޒީން އެއް ސޮފުހާ- ވޮލީބޯޅަ އެސޯސިއޭޝަން 18 މަސްވަންދެން ޕެރަލައިޒްކޮށްލުން!
ޤައުމީ ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ އެއިދާރާ އާއި މެދު ސްޕޯރޓްސް ކޮމިޝަނަރުން އެކިފަހަރު މަތިންފުޔަވަޅު އަޅުއްވާފައިވެއެވެ.
އެންމެ ފަހުން އެޅިގެން ދިޔަ ފިޔަވަޅާއި ގުޅިގެން ރާއްޖޭގައި ވޮލީބޯޅައަށް އޮތް ލޯބި ފަނޑުކޮށް އެކުޅިވަރު ތަރައްގީ ކުރުމަށް ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާ މަސައްކަތްތައް މުޅިންހެން ހުއްޓުމަކަށް އައިތަން ފެނުނެވެ. 18 މަސްދުވަސް ވަންދެން ވަރަށް ދަތި އުނދާގޫ ދުވަސްތަކަކާ ވޮލީބޯޅަ ކުރިމަތިލީ މަންޒަރެވެ.
އެއީވެސް ސިޔާސީ ބެންޗު ފުރަގަހުން އައި އެންގުމެއްކަން ގިނަ ބައަކު ޤަބޫލް ކުރިއެވެ. އެހާލަތުގައި އޮއްވާ ބައިނަލްއަގްވާމީ ވޮލީބޯޅަ ފެޑެރޭޝާނުން ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ އެފިޔަވަޅު ބަލައި ނުގަތުމުން، ވީ.އޭ.އެމްގެ މައްސަލަ ހައްލުކުރުމަށް ގޮތްހުސްވެ، އެކަމުން ސަލާމަތްވާނެ މަގެއް ނެތި އެއިރުގެ ކޮމިޝަނަރ އޮފް ސްޕޯރޓްސް ހަނުހުރިތަންވެސް ވަނީ ފެނިފައެވެ. ބައިނަލް އަގްވާމީ ބޮލީބޯޅަ ފެޑެރޭޝާން އަދި އޭޝިއަން ވޮލީ ކޮންފެޑެރޭޝަން މިދެއިދާރާއިންވެސް ކޮމިޝަނަރ އޮފް ސްޕޯރޓްސް، ވީ.އޭ.އެމްއާއި މެދު އެޅިފިޔަވަޅު ބަލައިގަތުމަށް ދެކޮޅުހެދިއެވެ. އެންމެ ފަހުބަސް ބުނީ ބައިނަލްއަގްވާމީ ވޮލީ ފެޑެރޭޝަނުންނެވެ.
ގައުމީ އެސޯސިއޭޝަންގެ އަސްލު ބެލެނިވެރި އޮތް އޮލިމްފިކް ކޮމިޓީ ކިޔާ އިދާރާއެއް ހުއްޓެވެ، މިއިން އެއްފަހަރުވެސް ކަހާތަން ހިރުވާވެސް ނުލައެވެ. ހައްލެއް ހޯދާއިދޭން މަސައްކަތް ކުރުމުގައި ކުޅުނީ ގަޔާ ދުރަށެވެ. އެންމެ ފަހުން ބައިނަލްއަގްވާމީ ވޮލީ ފެޑެރޭޝަނުން އެޑްހޮކް ކޮމިޓީއެއް އުފަންކުރި ހިސާބުން ކޮމިޝަނަރ ހުންނަންޖެހުނީ ރޮނގުން ބޭރުގައެވެ. އެމް.އޯ.ސީއަށް އެކޮމިޓީ އެކުލަވާލީ ގޮތްވެސް ކަމުގޮސްގެންނެވެ. މިއީ އެއިރު ކަންހިގި ގޮތެވެ.
މިފަހަރު ބެޑްމިންޓަން އެސޯސިއޭޝަން ފަހާދުވުން!
ބެޑެމިންޓަން އެސޯސިއޭޝަން 2020 ގައި އިންތިހާބު ކުރި ހިންގާ ކޮމިޓީގެ ދައުރު ހަމަވީ ނިމިދިޔަ ފެބްރުއަރީ މަހު އެވެ. އިންތިހާބު ބާއްވަން އެ އެސޯސިއޭޝަނުން މަސައްކަތް ކުރުމުން، އެއިންތިހާބުގައި ވޯޓް ދޭ މެންބަރުންގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި އަދި ހިންގާ ޤަވާއިދުގައި މައްސަލަ ހުރިކަމަށް ފާހަގަކޮށް ސްޕޯޓްސް ކޮމިޝަނާރު އެއިންތިހާބު ހުއްޓުވިއެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ވަގުތީ ގޮތުން ކުޅިވަރާބެހޭ ގައުމީ މަޖިލިސް އާ ހަވާލު ކުރީ، އެއީ އެޖަމިއްޔާގެ މުއައްސިސު ކަމަށް ބުނެއެވެ.
ކަންކޮށް ނިންމާލީ ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ޤަވާއިދާ ބޮޑު ތަނުން ފުށުއަރާ ގޮތަށެވެ. ފަހަތުގައި އޮތީ ކޮން އޮއިވަރެއް ކަމެއް ނޭގުނަސް، އިނގޭ ހާވެސް ކަމަކީ އެމް.އޯ.ސީގެ އިންތިހާބު ބޯމަތިވެފައި އޮތްކަމެވެ.
ރަނގަޅެވެ، ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ޤަވާއިދަކީ ހަގީގަތުގައިވެސް ޑިމަކްރެޓިކް ހަމަތަކާއި ހިލާފަށް އެކުލަވާލާ އަމަލު ކުރަމުންދާ އަސާސީ ޤަވާއިދެކެވެ. މިނުކުތާގައި ސްޕޯރޓްސް ކޮނިޝަނަރގެ ރައުޔަތް ބަލައި ގަންނަން ޖެހެއެވެ.
މައްސަލައަކަށް ވާހިސަބަކީ ސްޕޯރްޓް ކޮމިޝަނަރވެސް އަދި އެމް.އޯ.ސީ ވެސް ކުއްލިއަކަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައި ކަންބޮޑު އުޅޭތަން ފެނުމެވެ. ފުޓްބޯޅަ އެސޯސިއޭޝަންގެ ހިންގާ ޤަވާއިދު އެއްގޮތަށް އަމަލުނުކޮށް އެތައްބަޔެއްގެ ކަންބޮޑުވުން ފާޅު ކުރަމުން އެބަގެންދެއެވެ. އެވިދާޅުވާ ނުފޫޒެއް ނެތި އިހްލާތެރި ނިޔަތަކުން ކަންކަން އިސްލާހުކުރައްވާނަމަ، ފުޓްބޯޅަ އެސޯސިއޭޝަންގެ މައްސަލަ ކޮމިޝަނަރގެ ސަމާލުކަމަށް ނައިސް މިއުޅޭ ސަބަބެއްވެސް ބަލަން ޖެހޭނެ ނޫންތޯއެވެ.
އެފް.އޭ.އެމް މައްސަލައިގައި ކޮމިޝަނަރ ގަޔާ ދުރަށް ކުޅުއްވަމުން ގެންދަވާ މައްސަލައިގައި، ކޮމިޝަނަރ އެވިދާޅުވާ ހަމަހަމަކަމާއި މެދު ސުވާލު އުފަދަން ޖާގަލިބޭކަން ގިނަ ބައަކު ފާހަގަކުރެއެވެ.
ޑީފޯލްޓުން އުފައްދާފައިވާ ކުޅިވަރު ޤައުމީ އެސޯސިއޭޝަންތަކަށް، "މުއައްސިސުން" މިނަން އެއީ މިހާރު ބީރައްޓެހި ނަމެއްކަމަށް ކޮމިޝަނަރ އޮފް ސްޕޯރްޓްސްއަށް ފަހުމްވާން ޖެހެއެވެ. ސަބަބަކީ ކުޅިވަރުގެ ޤާނޫނުގެ ދަށުން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރުތައް ބޭނުންކުރާނެ ގޮތާ ބެހޭ ގަވާއިދެއް ގެޒެޓު ކުރެވި ޢަމަލުކުރަމުންދެ ދިއުމެވެ.
ކުޅިވަރު ޖަމިއްޔާއެއްގެ ކަންކަން އިސްލާހުކުރުމަށް އަންގަން ޖެހޭ ގޮތްއޮތީ، އެ ގަވާއިދުގެ 36 ވަނަ މާއްދާގަ އެވެ. ކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާއެއްގެ ކަންކަން އިސްލާހުކުރަން އެންގުމުގެ ހަމަތަކެއް އެމާއްދާގެ (ހ-ޅ) އަށް އޮތީ ތަރުތީބު ކޮށްދީފައެވެ.
ގައުމީ ކުޅިވަރު ޖަމިއްޔާއަކާއި މެދު ފިޔަވަޅެއް ކޮމިޝަނަރ އޮފް ސްޕޯޓްސް އަށް އެޅޭނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް އެމައްސަލައެއް ހުށަހެޅުމަށް ފަހު، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފާ ދޭ ގޮތެއްގެ މަތީންނެވެ. އަދި ބުނެވުނު ޤަވާއިދުގެ 21 ވަނަ މާއްދާގައި ބުނާ ވަހާކައަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީސްވެސް ރިޔާއަތްކުރަން ޖެހޭއެވެ. އެމާއްދާގައި ބަޔާންކޮށްފައި އޮތީ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައިވާ ޤައުމީ ޖަމިއްޔާއަކާއި މެދު ކަންކުރަން ތަރުތީބުކޮށް ދީފައި އޮތް ހަމައެވެ.
އެއީ އެކުޅިވަރު ޖަމިއްޔާއެއް ނިސްބަތްވާ ބައިނަލް އަގުވާމީ އިދާރާގެ ލަފާހޯދުމަށެވެ. އާދައިގެ ކްލަބް ޖަމިއްޔާ ޖަމާތަކާއި ޤައުމީ ކުޅިވަރު ޖަމިއްޔާއަކާއި އެއްހަމައަކުން އަމަލުކޮށް ފިޔަވަޅުތައް އެޅުމުން ކުރިމަތިވާނީ ސަސްޕެންޑްކަންވެސް މިހާރު ފަހުވާން ވެއްޖެއެވެ. ޤައުމުގައި ހިންގާ ބައެއް އޮވަރާއި އެއް ހަމައަކުން ޤައުމީ އެސޯސިއޭޝަނަކާއި މެދު ކަންކަން ނިންމާނަމަ ވާނެގޮތް މިފެންނަނީއެވެ. ކުޅިވަރު ޤައުމީ މަޖިލީހަށް މިކަން ހަމަ ފަހުމުނުވަނީ ތޯއެވެ. ބެޑްމިންޓަންއާއި މެދު ކަންހިގާފައިވާ ގޮތަށް ބަލާއިރު މިއީ ދަނޑިވަޅު ބަލާފައި ނުފޫޒުން ފޮނުވާލީ ހަމަލާއެއްކަމަށް ސިފަ ކުރާ މީހުން މަދެއްނޫނެވެ. އިވޭ އަޑުތަކަށް ބަލާއިރު އެންމެ ފަހުން އެމް.އޯ.ސީގެ އިންތިހާބުގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ވާދަކުރުމުން ކުރިމަތިވި އުނދަގޫތަކަށް ހިފި ބަދަލެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން އެބަ ސިފަކުރެއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ސަސްޕެންޝަން
ބީ.އޭ.އެމް.ގެ ހިންގުން ސްޕޯޓްސް ކޮމިޝަނަރ އޮފް ސްޕޯރޓްސް ހަވާލުކުރީ އެޖަމިއްޔާގެ ދައުރު ހަމަވެފައިވާކަމަށް ބުނެއެވެ. ބައިނަލް އަގްވާމީ ޖަމިއްޔާ ބީ.ޑަބް.ލިއު.އެފް ކޮމިޝަނަރގެ އެނިންމުން ބަލައި ނުގަނެ އެމް.އޯ.ސީއަށް ރަސްމީ ސިޓީއެއް ފޮނުވިވާހަކަ މީޑިއަށް ތިލަކޮށްދެއްވީ ވެސް ކޮމިޝަނަރ ސްޕޯރޓްސްއެވެ. ބީ.ޑަބް.ލިއު.އެފް އެސިޓީގައި ކޮމިޝަނަރގެ ނިންމުން މުރާޖާކޮށް ދިނުމަށް އެދުނެވެ. އަދި ބީ.އޭ.އެމް.ގެ އިންތިހާބު މި އަހަރު ފަހުކޮޅުގައި ބޭއްވުމަށް، ތިން މެންބަރުންގެ އެޑްހޮކް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ވެސް އެމް.އޯ.ސީ އާއި ބީ.އޭ.އެމް.ގެ އެކްސްކޯ ބައިވެރިވުމެއް އޮވެގެން ބީ.ޑަބް.ލިއު.އެފް. އިން 3 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް މަޝްވަރާކުރަމުންދާ ކަން އެއިދާރާއިން އެމް.އޯ.ސީއަށް އޮތީ އަންގާފައެވެ. މިއީ ޖަމިއްޔާތައް ރަޖިސްޓްކޮށް ހިންގުމުގެ ޤަވާއިދުގައިވެސް މަގު ކޮށައިދީ ތަރުތީބުކޮށް ދީފައިވާ ހަމައެވެ.
ކޮމިޝަނަރގެ ކަންބޮޑުވުމަށް ހައްލު ހޯދައިދޭން ބީ.ޑަބް.ލިއު.އެފް އިން އިސްކުރި އިޖުރާތެވެ. ބައިނަލް އަގްވާމީ ޖަމިއްޔާއެއްގެ ބެލެނިވެރި ކަމުގެ ދަށުގައިވާ ޤައުމީ އެސޯސިއޭޝަންތަކުން އަބަދުވެސް ބޯލަންބަން ޖެހޭނީ "ޝެޕް އަޕް ޝިޕް އައުޓް" މިހަމައިންކަމަށްވާތީއެވެ.
ޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދުގެ 21 ވަނަ މައްދާގައި އޮތީ ހިންގާ ކޮމިޓީއެއް ރަޖިސްޓްރީކުރަން މަދުވެގެން 3 މެމްބަރުން ހިމެނުމުން އެޖަމިއްޔާ އެއް ރަޖިސްޓްރީކޮށްދެވޭނެ ވާހަކައެވެ. ކަންމިހެން އޮތް އިރު ބީ.ޑަބް.ލިއު.އެފް އިން ވަގުތީ ކޮމިޓީގެ ކޮމްޕޮސިޝަން 3 މެންބަރުން ކަނޑައެޅިފައި އޮތުމަކީ ސްޕޯރޓްސް ކޮމިޝަނަރ ނުވަތަ އެމް.އޯ.ސީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ތޯއެވެ. ކޮމިޝަނަރ އަބަދުވެސް ވިދާޅުވީ މަސައްކަތް ކުރަމުން ގެންދަވަނީ އެއްވެސް ބައެއް ނުފޫޒެއް ނެތި މިނިވަންކަމާ އެކު އިންތިހާބުތައް ބޭއްވުމަށެވެ. ކިތަންމެހާވެސް ހެޔޮ ފުޅެވެ. ނަމަވެސް ގިނަބަޔަކު ފާހަގަ ކުރާގޮތުގައި ބީ.އޭ.އެމް އާއި މެދު އަމަލުތައް ހުރިގޮތުން ފެނިގެންދަނީ ބެންޗު ފުރަގަހުން އިންސްޓްރަކްޝަނެއް ލިބޭ ބީދައިން ވަކިގޮތަކަށް މަގުކޮށްޓަވާ މަންޒަރެވެ. ބަހާއި އަމަލާއި ދިމާނުވާ މަންޒަރެވެ.
މިކަމަށް ބާރުލިބެނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން އެންމެ ފަހުން ފޮނުވި ސިޓީއިންނެވެ. އެމް.އޯ.ސީ އާއި، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނުފޫޒު ބެޑްމިންޓަން އެސޯސިއޭޝަނަށް ފޯރުވާކަން ބަޔާންކޮށްފައި އޮތް އޮތުމެވެ. އެފަދަ ބައިނަލް އަގްވާމީ ޖަމިއްޔާއަކުން ކަނޑައެޅިގެން ކޮމިޝަނަރަށާއި އަދި އޮލިޕްފިކް ކޮމިޓީއަށް ތުހުމަތު އިނގިލި ދިއްކުރި ދިއްކުރުން މިއީ ލުއިގޮތަށް ނަގާއިގެން ތިބެވޭނެ މައްސަލައެއް ނޫނެވެ.
ނަޖިހަށް އެރުނީމަ ރީތި ގޮތަކީ އަވަހަށް ދޮވެ ސާފުކޮށްލުން
ފާއިތުވީ ދުވަސްތަކުގައި ގިނަ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ދެކޮޅަށް އުފުލިފައިވާ މައްސަލަތަކަކީ އެފަރާތްތަކުގެ ހިންގާ ގަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެއެސޯސިއޭޝަންތަކުގެ އިންތިހާބާއި ދިމާކޮށް ހުށައެޅިގެން ދިޔަ މައްސަލަތަކެވެ. އަދި އޭގެތެރެއިން ބައެއް މައްސަލަތަކާއި ގުޅިގެން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ގާނޫނު ތަންފީޒު ކުރަން ހާވާލުވެ ތިއްބެވި ބޭފުޅުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރެވިގެން ގޮސްފައިވާ މަންޒަރުވެސް ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ވަނީ މާޒީވެފައެވެ. އެމައްސަލަތަކާއި ގުޅިގެން ގާނޫނު ތަންފީޒުކުރަން ތިއްބެވި ފަރާތްތަކުން ދިފާއުގައި ވަރަށް ވަކާލާތު ކުރައްވާފައި ވާކަންވެސް މާޒީގެ ރިކޯޑުތަކުން ފެންނަން އެބަހުއްޓެވެ.
ކުޅިވަރު ގާނޫނު ތަންފީޒު ކުރަން ހުރަސްތަކެއް ހުރިތޯއާއި، ނޫނީ ކުޅިވަރިތެރޭގައި ކަނޑައެޅިފައިވާ އިޖުރާތުތަކާއި ބެސްޓް ޕްރެކްޓިސް ތުނޑުން ތުނޑަށް ފަހުމުނުވެ، އިތުރަށް ޖަވާބުދާރީކުރެވޭނެ ގޮތެއް އޮންނާނެތޯ މިއީ އެއިރު ކުރެވުނު ސުވާލުތަކެވެ. ކުޅިވަރުތެރޭގައި އަމަލުކުރަންޖެހޭ ޑިއުފޮރޮސެސް އިނގިވަޑައިގެންނެތި ވަކިބައެއްގެ ވިސްނުމަށް ކަންކަން ކުރުމުން އަބަދުވެސް ފެނިގެންދަނީ ކުޅިވަރުގެ ކްރެޑިބިލިޓީ ގެއްލި އެތްލީޓުން މާޔޫސްވާ މަންޒަރެވެ. ބެޑްމިންޓަން އެސޯސިއޭޝަން މައްސަލާއިގަވެސް މިފެނިގެންދަނީ "މަށެއް ނޫން" މިބީދައިން މައްސަލަ އެހެން ބައެއްގެ ބޮލަށް މަތިންކޮށް ކޮމިޝަނަރ ވެސް އެމް.އޯ.ސީ ވެސް ބައިކޮޅަށް ގޯލް ޖެހި މަންޒަރެވެ.
މައްސަލައިގެ ޒިންމާ އެއަޅުވަނީ ބީ.އޭ،އެމްގެ ކުރީގެ ހިންގާ ކޮމިތީގެ ބޮލުގައެވެ. ނުސީދާކޮށް ބުނަމުން އެދަނީ ބީ.ޑަބް.ލިއު.އެފް އިން ރަނގަޅަށް މައްސަލައިގެ ހޯމް ވޯރކް ނުހަދާ އޮތް ކަމަށެވެ. ރާއްޖޭގެ ކުޅިވަރުތައް ރެގިއުލޭޓްކޮށްދޭން ތިބި ފަރާތްތަކުން އެވިސްނުމުގައި މިތިބި ތިބުމަކީ މިއީ އަޑުއަހަން ފަސޭހަ ވާހަކައެއް ނޫނެވެ. ބަލިއެދުގައި އޮތް ޓެކްނިކަލް ޓީމެއްގެ ބޮލުގައި އިލްޒާމް އެޅުވުމުން ފަސްކުޅަދުމަދީ އިލްޒާމެއް އަޅުވާ ބައެއްގައެވެ. ގޮޑު ދޮށުގައި އުޅޭ އިރު ނަޖިހަށް އެރޭނެއެވެ. ރީތިގޮތަކީ ހަމައާއި އުސޫލުން ސާފުކޮށް ދޮވެލުމެވެ. އޮޑި ދޯނިފަހަރު ދުއްވުމަކީ ހަމައެކަނި ހުންގާނުގައި ހިފައިގެން ކުރެވޭނެ ކަމެއް ނޫނެވެ.
ހުޅަނގާއި ދެކުނާއި ވަކިކުރުމަކީ ކޮންމެ ހެން އިނގެން ޖެހޭ ކަމެކެވެ. އަދި ތަރިތަކާއި ބުރުޖު ދެނެގަތުމަކީ ރޭގަނޑު ދަތުރު ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތެކެވެ. ކޮޅިގަނޑުގެ ގަދަކަމާއި ކުޑަކަން އިގުމުން ކަނޑުގެ ހާލަތު ދެނެގަތުމަށް ފަސޭހަވެ، މަންޒިލަށް ވާސިލްވުމަށް މަގު ފަހިކުރެވޭނެއެވެ. ހަޤަގީގަތުގައިވެސް ކުޅިވަރު ރެގިއުލޭޓް ކުރުމުގައި ވަމުން މިދާގޮތް ސާފުވާންޖެހެއެވެ. މިއުޅެނީ ނިމިދިޔަ ސަރުކާރުގައި އޮތް ކުޅިވަރު ޤައުމީ މަޖިލީހުގެ ޑޮމިނަންސްތޯއެވެ. ކުރީ ސަރުކާރުން އެކުލަވާލި ކުޅިވަރު ޤައުމީ މިޖިލީހަކީ ވަކި ނުފޫޒެއް ޤާއުމްކުރުމަށް އެކުލަވާލި މަޖިލީހެއްކަން އެއިރު ގިނަބައަކު ފާހަގަ ކުރިއެވެ. މިހާރުގެ ކުޅިވަރު ވަޒީރަކީވެސް އެޓީމް މެމްބަރެކެވެ. އަދިވެސް މިފެންނަނީ އެޑޮމިނަންސް ކުޅިވަރު ތެރެއިން ވާރުތަވަމުންދާ މަންޒުކަމަށް ގިނަބައަކު އެބަ ފާހަގަ ކުރެވެ.
ކަންމިހެން އޮތް އިރު ކުޅިވަރުގެ ވަޒީރުގެ ރިމޯޓް ވަކި ބައެއް ކޮންޓްރޯލް ކުރާކަންވެސް އެބަ ބުނެއުޅެއެވެ. މިޑޮމިނަސްގެ ނުފޫޒުން ކޮމިޝަނަރަށްވެސް އޮތީ ތޯއްޗެކެވެ. މިސަރުކާރުން ކިތަންމެ ހިތްނިއަތް ސާފުކޮށް ކަންކަން ކުރަން އުޅުނަސް އެފުރުސަތު ދެން އޮތްހެނެއް ހިއެއް ނުވެއެވެ. އައު ކުޅިވަރު ބިލް އެ ތަސްދީގުކޮށް އެ ނިންމަވާ ލެއްވީ އޮލިމްޕިކް ޗާރޓަރުގެ ޕަންޑަމެންޓަލް ޕްރިންސިޕަލްސް އާއި ތައާރަޒުވާ ކަންކަން ހިމަނާއިގެންނެވެ.
އެޑިޓަރުގެ ނޯޓު:
ޝާހު އިސްމާއީލް (ސާޔާ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅުނު، ދަނޑުމަތީގައި ސާޔާގެ ނަމުން މަޝްހޫރުވި ޝާހުއަކީ، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ޓީމުގެ ކެޕްޓަން އެވެ. ޝާހުވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރުތައް ކަމަށްވާ ނިއުރޭޑިއަންޓް، ވިކްޓްރީ އަދި ވެލެންސިޔާއަށް ކުޅެ އެ ކްލަބުތަކާއެކު އެތައް ކާމިޔާބެއް ހޯދާފަ އެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން 2000 ވަނަ އަހަރު، އާއްމު ހިދުމަތަށް ހިއްވަރު ދިނުމުގެ އިނާމް ޝާހް ހާސިލްކޮށްފައިވެ އެވެ.
ކުޅުން ހުއްޓާލުމަށް ފަހު ޝާހު ދެން ކުރިއަށް ދިޔައީ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. ފުޓްބޯޅައިގެ އިދާރީ ހިންގުންތެރިއެއްގެ ގޮތުގައި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަން ކުރުމުގެ އިތުރުން، ޝާހްއަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެންމެ ސީނިއަރ އެއް މެޗު ކޮމިޝަނަރެވެ. ޝާހުއަކީ ބައިނަލް އަގްވާމީ ފެންވަރުގައި ފުޓްބޯޅަ ހިންގުމުގެ ތަޖުރިބާކާރެކެވެ.