ads
އިރްފާން --
ލޯންޗެއްގައި ހުއްޓާ އިރުފާން ހައްޔަރުކޮށްފި
މަރު ކޮމިޝަނުން ހޯދަން އިއުލާނުކުރި މ. ކުރިރުއްގެ އިރުފާން ރުޝްދީ ފުލުހުން ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި އިރުފާން ހައްޔަރުކޮށްފައި ވަނީ ކަނޑުމަތިންނެވެ.
މަރު ކޮމިޝަނުން ހޯދަން އިއުލާނުކުރި މ. ކުރިރުއްގެ އިރުފާން ރުޝްދީ ފުލުހުން ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އިރުފާން ހައްޔަރުކޮށްފައި ވަނީ ކަނޑުމަތިންނެވެ. އޭނާ ހައްޔަރުކުރީ ހަތަރު މީހުންނާއެކު ގދ. ތިނަދޫން ފުރައިގެން މަސްވެރިކަމަށް ނިކުމެ އުޅުނު، "ބްލޫ ވޭލް" ނަމަކަށް ކިޔާ ލޯންޗަކުންނެވެ.

ލޯންޗުގައި އިރުފާން އިންކަން އެނގުނީ ގދ. ކާޑެއްދޫގެ ހުޅަނގުން 12 މޭލު ބޭރުން ލޯންޗުގެ ތެޔޮ ހުސްވެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާތީ އެވެ.

އެ ހާދިސާ ރޭ ދަންވަރު އެކެއް ޖަހަނިކޮށް އެމްއެންޑީއެފަށް ރިޕޯޓްކުރިއިރު ލޯންޗުގައި އިރުފާން އިންކަން ފުލުހުންނަށް އެނގުނީ އޭގައި ތިބި މީހުންގެ ނަންތަކުގެ ލިސްޓު ލިބުމުންނެވެ.

މީގެ ތިން އަހަރު ކުރިން މާލޭގައި ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރާލި އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން 2016 ވަނަ އަހަރު އިރުފާން ހޯދުމަށް ފުލުހުން އާންމުކުރި އެވެ.

އެކަމަކު ފާތިރުގެ މަރަށް އެއް އަހަރު ފަހުން 2015 ގައި އިރުފާން ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަނބުރާ ރާއްޖެ ނާންނަ ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް 2016 ގައި މާރާމާރީ ހިންގި އިރު، އޭނާ އެތަނުގައި އުޅޭ ތަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށް މަރު ކޮމިޝަނުން ބުނެ އެވެ.

އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް މިދިޔަ ބުރާސްފަތި ދުވަހު މަރުކޮމިޝަނުން އެދިފައި ވަނީ އޭނާ ހޯދުމަށް އާންމުކުރިތާ ތިން އަހަރާއި ބައި ވެގެންދިޔައިރު ދައުލަތުގެ މުވައްސަސާތަކަށް އިރުފާން ހޯދިފައި ނުވާތީ އެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުގެ ތިނެއްގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެންމެ ފުރަތަމަ މަރާލީ ކ. ކާށީދޫ އަހުމަދު އިރުޝާނެވެ. އޭގެ ތިން ވަރަކަށް ގަޑިއިރު ފަހުން ފާތިރަށް ވަޅިން ހަމަލާދިންއިރު އޭނާ މަރުވީ ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ކުރިން ފުލުހުން ބުނި ގޮތުގައި އެ ދެ މަރަލީ ވެސް ގުޅިފައިވާ ދެމަރެވެ. އެގޮތުން އިރުޝާން މަރާލުމުގެ ފާތިރު ބައިވެރިވެފައިވާ ކަމަށާއި ފާތިރު މަރާލާފައިވަނީ އެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް