ads
ފިލި ދޯނި އަދި ބަލިވެގެން ގެންދިޔަ ބިދޭސީ މީހާ
ފަޅުވެރިޔަކު ބަލިވެގެން ރަށަކަށް ބޭލުމަށްފަހު ދޯނި ފިލައިފި
ގއ. ވިލިގިލީގެ އިރުން 23 ނޯޓިކަލް ބޭރުން 16 މީހަކާ އެކު މަސްވެރިކަން ކުރަން އުޅުނު "މަސް ގެލަރީ" ދޯނީގެ ބިދޭސީ މަސްވެރިއަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުންގެ އެހީތެރިކަމާއެކު ވިލިގިލީ ހޮސްޕިޓަލްއަށް ގެންގޮސްފައިވަނީ ރޭ ދަންވަރު 03:20 ހާއިރުއެވެ.
Advertisement

އެފަހުން އޭނާ ވަނީ އެ ހޮސްޕީޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައެވެ. ސީއެންއެމްގެ ފަރާތުން އެމީހާގެ ހާލު އޮޅުންފިލުވުމުން އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާގޮތުގައި އޭނާ ގެނެވިފައިވަނީ ރޭ ދަންވަރު ބަނޑުގައި ރިއްސާތީއެވެ. އަދި މިހާރު އޭނާއަށް ފަރުވާދިނުމަށްފަހު ޑޮކްޓަރު އޭނާ ވަނީ ޑިސްޗާޖްކޮށްފައެވެ. 

އެެހެންނަމަވެސް އެ ބިދޭސީ މީހާއަށް ފަރުވާދިނުމަށްފަހު ޑޮކްޓަރު ޑިސްޗާޖް ކުރިނަމަވެސް މިހާރު އޭނާ މަސައްކަތްކުރާ ދޯނި ވަނީ އޭނާ އެ ރަށަށް ދޫކޮށްލުމަށްފަހު ފުރާފަކަމަށް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ ދޯނީގެ އެއްވެސް ފަޅުވެރިއަޔަކަށްވެސް އަދި ވެރިއަކަށްވެސް މިހާރު ނުގުޅޭ ކަމަށާއި އޭނާ އާއި ހަވާލުވާނެ މީހަކުވެސް ނެތް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. 

އޭގެ އިތުރުން އެނާގެ އަތުގައި އެއްވެސް ފައިސާއެއްވެސް ނެތުމުން ހޮސްޕިޓަލްއަށް އޭނާގެ ފަރާތުން ދޭންޖެހޭ ފައިސާއެއްވެސް އަދި މިހާތަނަށް ލިބިފައިނުވާކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެހެންކަމުން ޑޮކްޓަރު އޭނާ ޑިސްޗާޖް ކުރިނަމަވެސް ހޮސްޕިޓަލުން އޭނާ ޑިސްޗާޖް ވަނީ ނުކުރެވިއެވެ. 

ސީއެންއެމްއަށް ކަށަވަރުވެފައިވާ ގޮތުން އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަަސައްކަތްކުރާ ބިދޭސީއެކެވެ. އޭނާގެ އަތުގައި ރާއްޖޭގައި މަަަސައްކަތް ކުރާ ކަމުގެ އެއްވެސް ލިޔުމެއްވެސް ނެތް އިރު، ވިސާއެއްވެސް އަދި ކާކުކަން އަންގައިދޭ ލިޔުމެއްވެސް ނެތެއެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިލިގިލީ ހޮސްޕިޓަލުގެ ފަރާތުން ބުނެފައިވަނީ، ފަރުވާއަށް ރަށަށް ބިދޭސީން ބޭލުމަށްފަހު އޮޑި ފިލާކަމުގެ މައްސަލައަކީ ވަރަށް އާއްމު މައްސަލައެއް ކަމަށެއެވެ. 

ރާއްޖޭގައި ގައިވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެފަދަ އެތައް ބަޔަކު ވަނީ ރާއްޖެއިން ފޮނުވާލާފައިވެސް މެއެވެ. އަދި އެގޮތަށް ގަވާއިދާއި ހިލާފަށް ބިދޭސީން ގެންގުޅޭ މީހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވާ އަދި ރާއްޖެ އައިސް އުޅޭ ބިދޭސީންވެސް ވަރަށް ގިނައެވެ.

17%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް