
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ ވަގުތެއްގައި، ކޮވިޑް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން މާލެ ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް މާލެ ގެނައި ފަހުން އެމަނިކުފާނު ވެކްސިން ޖައްސަވަން ދެކޮޅު ހެއްދެވި ކަމަށާއި، އެހެން ކަމުން ވެކްސިން ނުޖަހާ، އަލުން މާފުއްޓަށް ގެންދަން ޖެހުނު ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދިނެވެ.
ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވީ ކީއްވެކަން މިހާތަނަށް ސާފެއް ނުވެއެވެ. އަދި ކަރެކްޝަނުން ވަނީ މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަ ކުރެވެން ނެތް ކަމަށްވެސް ބުނެފައެވެ.
ރައީސް ޔާމީން ވެކްސިން ޖައްސަވަން ދެކޮޅު ހެއްދެވި ނަމަވެސް، އިދިކޮޅު ބައެއް އިސްވެރިން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖައްސަވާފައެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި ކުރީގެ ނައިބު ރައީސް އަދި މިހާރު ރައީސް ޔާމީންގެ ވަކީލު، ޑރ، މުހައްމަދު ޖަމީލު އަހުމަދު ވަނީ ވެކްސިން ޖައްސަވާފައެވެ.