ފިނޭންސް މިނިސްޓްރީން އާއްމުކުރި އެންމެ ފަހުގެ ހަފްތާ މާލީ ހިސާބުތަކުން ދައްކާގޮތުން މިމަހުގެ އަށްވަނަ ދުވަހާއި ހަމަޔަށް ކައުންސިލްތަކަށް މިހާތަނަށް ވަނީ 450.3 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއަހަރުގެ ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ނިންމާފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރު މިމުައްދަތުގައި ދޫކޮށްފައިވާ އަދަދަށްވުރެ އިތުރު އަަދަދެކެވެ. އެގޮތުން މިދިޔައަހަރު މިމުއްދަތުގެ ތެރޭގައި ދޫކޮށްފައިވަނީ 415.3 މިލިއަން ރުފިޔާއެވެ.
ދައުލަތުގެ ބަޖެޓުން މިހާތަނަށް 450.3 މިލިއަން ރުފިޔާ ކައުންސިލްތަކަށް ހަރަދުކޮށްފައިވާއިރު، މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވާ ރަށުގެ ތަރައްގީގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެވެ. އެގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ސަރުކާރުން ހުށަހަޅާ މަޖިލީހަށް ވެއްދި ބިލު ރައްޔިތުންގެ މަޖިލޫހުން ފާސްކޮށްފައިވަނީ، 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބައެއް މުހިއްމު އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދީ، ކައުންސިލުތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ގާނޫނުން އެ ކަންކަން ކަނޑައެޅުމާއި، ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
އަދި ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުންވެސް ހިމެނެއެވެ.
މީގެ އިތުރުން ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުމާއި، ކައުންސިލުތަކުން ވިޔަފާރިކުރުމަށްޓަކައި، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގުފަހިކޮށްދިނުމުގެ އިތުރުން ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 ހާއްސަ ކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުންވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.