ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވެފައިވަނީ އިދިކޮޅު ޕީޕީއެމް އަކީ ޤިސޯސް ހިފުމުގެ ނަަމުގައި ގަސްތުގައި މީހުން މެރުމަށް ކެބިނެޓަށް ޕްރެޒެންޓޭޝަންއެއް ހުށަހެޅި “ސިކު” ބަޔެއްް ކަމަށެެވެ.
އެކަމާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އެ ތަގުރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ހުކުމަކަށް ނޫންކަމަށެެވެ. އެއާހިލާފަށް އޭނާގެ ވާހަކަ އަމާޒުކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށްވާއިރު، އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ އިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއާ ޑރ. އަފްރާޝީމް އަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފަކަން ފާހަގަކުރައްވަމުން އެ ބަޔާނުގައި ބުނެފައިވަނީ، އެ މަރުގެ ތަހުގީގުތަކުންވެސް ދައްކާގޮތުގައި ޑރ. އަފްރާޝީމް ވެސް އަވަހާރަކޮށްލާފައިވަނީ ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިކަންވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މުހައްމަދު ވަހީދު ދެއްކެވި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަނީ ގޮވާލާފައެވެ.
އަދި އެކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި އެފަދަ މައްސަލަތައް ވަގުތުން ތަހުގީގުކުރައްވައި ފިޔަވަޅުއެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.