ads
ފޮޓޯ: ރާއްޖެ.އެމްވީ
ނިޒާމީ ވޯޓުގައި ބަރުލަމާނީ ކޮޅު ނެގީ އެމްޑީޕީއަށް ތާއީދުއޮތްވަރު ބަލަން: ރީކޯ
ދެހާސްހަތް ވަނަ އަހަރު އޮތް ނިޒާމީ ވޯޓުގައި އޭރު އެމްޑީޕީން ބަރުލަމާނީ ކޮޅު ނެގީ ފާޓީއަށްއޮތް ތާއީދު ބެލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ސަބަބާއި ބެހޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އިސް ސަފުގައިވެސް  ހަރަކާތްތެެރިވެފައިވާ މޫސާ ވިދާޅުވީ، އެމްޑީޕީއަކީ އެއްވެސް އިރެއްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރާ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން ފެށުނީންސުރެ މަސައްކަތްކުރީ އެ ނިޒާމުގެ ސިފަތައް ނައްތާލަން ކަމަށެވެ.

ކުރީގެ ރައީސް މައުމޫންގެ ދައުރުގައި ރާއްޖޭގައި އޮތީ ބަރުލަމާނީ ނިޒާމެއްކަން ފާހަގަކުރައްވަމުން މޫސާ ވިދާޅުވީ، އޭރު ރާއްޖޭގެ ހުރިހާ ފަޑިޔާރުންނާއި މިނިސްޓްރީ ލެވެލްގެ ބޭފުޅުންގެ އިތުރުން ރައީސުލްޖުމުހުރިއްޔާ އައްޔަންކުރައްވާ މެންބަރުންވެސް ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ.

“އަޅުގަނޑުމެން އޭރު އެމްޑީޕީ އުފެދެން އާއިރުގާ މިވާހަކަތައް ދެއްކިއިރުގަ ރައީސް ނަޝީދު ފުރަތަމަ ނުވެސް ހުންނާނެ. ތިން ބާރު ވަކި ކުރާ ސަރަހައްދުގައި އަޅުގަނޑުމެން ދެއްކި ވާހަކަ އެއީ. އަޅުގަނޑު ކިޔާ ގޮވެލި ފައްޗެއް އިންނާނެ. ރައީސުލްޖުމުހުރިއްޔާއަކީ ކާކުހޭ؟ މައުމޫން އޭ. އުއްތަމަ ފަޑިޔާރަކީ ކާކުހޭ؟ މައުމޫން އޭ. ޕްރޮސިކުއުޓާ ޖެނެރަލްއަކީ ކާކުހޭ؟ މައުމޫން އޭ. މައުމޫންއަކީ ކާކުހޭ؟ މައުމޫން އޭ. މިހާރު މިއުޅެނީ އެހެން ނޫންތޯވާން. މަޖިލީހުގެ ރައީސްއަކީ ކާކުހޭ؟ ނަޝީދު އޭ. އެމްޑީޕީގެ ވެރިޔަކީ ކާކުހޭ؟ ނަޝީދުއޭ. ޗެއާ ޕާސަންއަކީ ކާކުހޭ؟ ނަޝީދު އޭ. ނަޝީދުއަކީ ކާކުހޭ؟ ނަޝީދު އޭ. ހަމައެކައްޗެއް ނޫންތޯ މިއަންނަނީ. އެޔަކަށްނު ވާން މިއުޅެނީ”މޫސާ ވިދާޅުވިއެވެ.

މޫސާ ވިދާޅުވީ ވޭތުވެދިޔަ މާޒީ ރައްޔިތުންނަށް އޮޅުވާލާ، ކޮންމެ މީހަކު ވެރިކަމުގެ ބާރުތަކަށް އަންނަންވުމުން ނިޒާމު ބަދަލުނުކުރިޔަސް ރާއްޖޭގައި މިއޮތީ އުސޫލެއް ގެނެސްފައި ކަމަށެވެ. އޭރު އެމްޑީޕީން އަޑުއުފުލީ ބާރުތައް ވަކިކުރެވިގެން ވާ ނިޒާމަކަށް ވެރިކަން ކުރަން ބޭނުންވާ ކަމަށް ކަން ފާހަގަކުރައްވާ މޫސާ ވިދާޅުވީ، ނިޒާމީ ވޯޓުނަގަންޖެހުނީ އެކަމުގެ ތެރެއިން ކަމަށެވެ. 

އޭރު ރައީސް މައުމޫން އެންމެ ފުރަތަމަ ތާއީދުކުރެއްވީ ބަރުލަމާނީ ނިޒާމަށް ކަމަށާއި، އެހެންނަމަވެސް ފަހުން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މެންބަރުންނާއި ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށްފަހު ސަރުކާރުން ތާއީދުކުރަނީ ރިޔާސީ ނިޒާމަކަށް ކަމަށް އެންގި ކަމަށް މޫސާ ވިދާޅުވިއެވެ. 

އެހެންކަމުން  އެފަހަރު އޮތް ނިޒާމީ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމްކޮޅު ނަގާ އެނިޒާމަށް ތާއީދުކުރާކަން ދެއްކީ އޭރު ރާއްޖޭގައި އެމްޑީޕީއަށް އޮތް ތާއީދު ދެނެގަތުމަށް ކަމަށް މޫސާ ވިދާޅުވިއެވެ. 

“އެހާ ހިސާބުން އަޅުގަނޑުމެން ނިންމާފީމު އެމްޑީޕީގެ ވަލީ ކޮމެޓީގަ މި ބަހުސް ފަށަން. އަޅުގަނޑު މިއީ އޭގެން އެކަކު. އެ ވަލީ ކޮމެޓީގަ އިންނާނެ ރައީސް ނަޝީދުވެސް ރައީސް ސޯލިހްވެސް. އަޅުގަނޑުމެން ނިންމާފިން މިފަހަރުމިއީ ރަނގަޅު އެތިފަހަރެކޭ އަޅުގަނޑުމެން މިގޮތައް އަދި ތާއީދުކުރިޔަސް ހިގާށޭ އަޅުގަނޑުމެން ބަރުލަމާނީގަ ހިފަމާ. އެއީ އެމީހުން ހިފާފަ އެއޮތީ ރިޔާސީ ނިޒާމުގަ އޭ. އެކަމަކު އަޅުގަނޑުމެންނަށް ވަކި ހިސާބަކަށް ދިޔާމަ އަޅުގަނޑުމެން މީހުން ލައްވާ ވޯޓުލާގެންވެސް ރިޔާސީ ނިޒާމޭ އަޅުގަނޑުމެން ގެންނާނީ. އެކަމު ބޭނުން މިވީ ކިހާވަރެއްތޯ ބަލަން އެއީ އިންތިހާބަކަށް ދާއިރުގާ އެމްޑީޕީއަށް ކިހާވަރެއްގެ ވެއިޓެއް ތޯ ލިބެނީ މިހުރިހާ މަސައްކަތެއް ކުރީމަ. އެ ބޭނުމުގަ އަޅުގަނޑުމެން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރީ” މޫސާ ވިދާޅުވިއެވެ.

ދެހާސް ހަތްވަނަ އަހަރު އޮތް ނިޒާމު ކަނޑައެޅުމަށް ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރީ ފާޓީއަށްއޮތް ތާއީދު ބެލުމަށްކަމަށް މޫސާ ވިދާޅުވިއިރު، އެއަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ތެރެއިން ބޮޑު އިންސައްތައެއް ނިންމާފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

އަދި އެމްޑީޕީއަކީ އެއްވެސް އިރެއްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރާ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން ފެށުނީންސުރެ މަސައްކަތްކުރީ އެ ނިޒާމުގެ ސިފަތައް ނައްތާލަން ކަމަށް މޫސާ ވިދާޅުވިއިރު، ބަރުލަމާނީ ނިޒާމް ގެނައުމަށް ފެށުނީއްސުރެ ނަޝީދު އަންނީ ވަކާލާތު ކުރަމުންނެވެ. ނަޝީދު ވިދާޅުވަނީ ރާއްޖޭގަ އޮންނަން އެންމެ ކަމުދާ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް