ads
ފޮޓޯ---
ރޯދަ ރަށުން ރަށަށް: މުލަކުގައި ހާރަށް ބެރު ޖެހުން
ރަމަޞާން މަހަކީ އެކި ރަށްރަށުގައި ތަފާތު އެކި ހަރަކާތްތައް ހިންގަ މަހެ ކެވެ. ކުރީ ޒަމާނުގައި ރޯދަ މަހަށް ހާއްސަ ކަންކަން ކުރަމުންދެ އެވެ. އޭގެ ތެރޭގައި ކާބޯތަކެތި ހާއްސަ ބާވަތްތައް ހެދުމާއި ރަށުގެ މީހުންނަށް ހާރުކާން ގޮވުމަށް ތަފާތު ކަންކަން ކުރުން ހިމެނެ އެވެ.
Advertisement

މ. މުލަކުގައި އިހުޒަމާނުގައި ހާރު ކާ ގަޑި ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި ކުރާ ކަމަކީ ވަރަށް ތަފާތު ކަމެކެވެ. އަދި ހާރު ކާ ގަޑި އަކީ ވެސް ވަރަށް ތަފާތު ގަޑިއެކެވެ.

ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހީމް ސީއެންއެމަށް ވިދާޅުވި އޭނާ ކުޑައިރު ރަށުގައި ރޯދަ މަސް ފާހަގަ ކުރާގޮތް ވަރަށް ތަފާތު ކަމަށެވެ. އޭރު ރަށުގައި ކަރަންޓު ނުހުންނަކަން ވެސް ފާހަގަ ކުރައްވަމުން އިބްރާހިމް ވިދާޅުވީ ރޯދަ މަހުގެ 30 ދުވަހު ވެސް ރޭގަނޑު 12:30 ހާއިރުގައި ރައްޔިތުންނަށް ހާރު ކާ ގަޑި ޖެހިއްޖެކަން އަންގައި ދިނުމަށްޓަކާ މުޅި ރަށުގައި ބެރު ޖަހާ ލަވާ ކިޔަމުން ހިނގާ ކަމަށެވެ.

އަދި އެމީހުން ކިޔާ ލަވައަކީ ހާރު ކެއުމާ ގުޅުން ހުރި ލަވައެއްކަން ފާހަގަކުރައްވަމުން އިބްރާހިމް ވިދާޅުވީ އޭރު ދަންވަރު ގަޑީގައި ހާރުކައި ނޫޅޭކަމަށެވެ.

މީގެ އިތުރުން މުލަކުގައި ރޯދަ މަހު ފިހުނު މަސް، ކާށި، އަދި ކިހާކުން ތައްޔާރު ކުރާ ކާ އެއްޗެއް ކަމަށްވާ "އައްސިއްޔޯ" އަކީ ކޮންމެ ގެއަކުވެސް އަބަދުވެސް ތައްޔާރު ކުރާ އެއްޗެއް ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ އައްސިއްޔޯ ކެއުމުން ރޯދަ ވިއްލާ ގަޑީގައި ހެދިކާ ކައިގެން ވާ ވަރު ބަލިކަން އިހުސާސް ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެ އުޅޭ ކަމަށެވެ.

އިހު ޒަމާނުގައި ރޯދަ މަސް ކުލަގަދަކޮށް އަދި ތަފާތުކޮށް ފާހަގަކުރަމުން އައި ނަމަވެސް މިހާރު އެ ކަހަލަ ހާއްސަކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ދުވަސްވަރެކޭ އެއްގޮތަށް ރޯދަ މަހު ވެސް މުލަކުގައި ކުޅޭ ކުޅިވަރަކީ ފުޓްބާޅަ އާއި ވޮލީކަން ވެސް އިބްރާހިމް ފާހަގަކުރެއްވި އެވެ.

94%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް