ads
ޔާމީން ރަޝީދު- ފޮޓޯ: މިހާރު
ޔާމީންގެ މަރަށް ހަތަރު އަހަރު؛ އިންސާފު އޮތީ ވަޅުލެވިފަ؟
މާރާމާރީތަކުގައި މީހުންނަށް އަނިޔާދޭ ވާހަކައާއި، މީހުންގެ ފުރާނަ ދުއްވާލާ ވާހަކަތަކަކީ ދިވެހިންނަށް އާ ވާހަކަ ތަކެއް ނޫނެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި އިންސާފުގެ ވާހަކައަކީ އަދި އިތުރު އެހެން ވާހަކަ އެކެވެ.

މީގެ ހަތަރު އަހަރު ކުރިއަށް ބަލާލަމާހެއްޔެވެ. އިވިގެންދިޔައީ އިތުރު މަރެއްގެ ވާހަކައެވެ. ގޭންގު މާރާމާރީ އެއް ނޫނެވެ. ނަމަވެސް ދިރިއުޅޭ ގޭގެ ސިޑި ގޮޅީގައި ރަހުމު ކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު މީހެއްގެ ވާހަކައެވެ.

މިއީ ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ލިޔުންތެރިޔާ، ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރުގެ ހަބަރު ލިބިގެން އައި ގޮތެވެ. މި މަރަށް ހަތަރު އަހަރު ވެގެން ދިޔައިރު، އަދިވެސް މި މައްސަލައިގައި އިންސާފު ލިބޭ ގޮތް ވަނީ ނުވެފައެވެ.

މީގެ ހަތަރު އަހަރު ކުރިން، 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 23 ވަނަ ދުވަހުގެ ރޭ ދަންވަރު 2:59 ހާއިރު ޔާމީން ރަޝީދު މަރާލީ އޭނާ ގޭގެ ސިޑި ގޮޅީގައެވެ. ބަޔަކު ވަރަށް ރާވައިގެން ޔާމީނަށް ހަމަލާ ދިނީ، އޭނާ ވަޒީފާ ނިންމާލާ، އެނބުރިގެއަށް އައި ވަގުތުގައެވެ. 

ޔާމީންގެ ކަރާ މޭގެ އިތުރުން ބޮލަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އޭނާގެ މޭގެ އެކި ތަނަކަށް 14 ފަހަރު ވަޅި ހަރާފައިވެއެވެ. ޔާމީނަށް ދިން މި ޒަހަމްތަކަށް ފަރުވާ ދެނިކޮށް އޭނާ މަރުވެފައިވަނީ އެރޭ 3:40 ހާއިރުއެވެ. 


ޔާމީންގެ މަރާލުމުގެ ކުރިން

ޔާމީން މަރާއި ގުޅިގެން އިތުރު އެއްވެސް ކަމަކަށް ބެލުމުގެ ކުރިން، އޭނާ މަރުވުމުގެ ކުރީގެ ހާދިސާތަކަށް ބަލާލަން ޖެހެއެވެ. 

ސޯޝަލް މީޑިއާގައި އެކި ކަންކަމާ ގުޅިގެން ޔާމީން އަބަދުވެސް އަޑު އުފުލަމުން އައި އިރު، އޭނާ އަކީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި، އިންސާފަށް އެދި އެންމެ އިސް ސަފުގައި ހަރަކާތްތެރިވި އެކަކެވެ. 

ޔާމީނު މަރާލުމުގެ ކުރިން އޭނާއަށް މަރުގެ އިންޒާރު ލިބިފައިވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ނަމަވެސް ކޮންމެހެންވެސް ދައްކަން ޖެހޭ ވާހަކައެކެވެ. މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ގާނޫނީ ކުށެކެވެ. 

މި އިންޒާރުތައް ޔާމީން ވަނީ ރަސްމީކޮށް ފުލުހަށްވެސް ހުށަހަޅާފައެވެ. އަދި އެކަމުގައި ފުލުހުންގެ ހިމާޔަތަކަށް ވެސް އެދިފައިވެއެވެ. ނަމަވެސް އާހިތަރުގައި ކަން ހިނގިގޮތް އަހަރެމެންނަށް މިއޮތީ ފެންނާށެވެ.

ޔާމީން މަރާލި ފަހުން ފުލުހުން ވަނީ އެ މައްސަލަތައް ތަހުގީގު ކުރި ކަމަށާއި، އެ މައްސަލަތަކާއި ގުޅިގެން މީހުންނާއި ސުވާލު ކުރި ކަމަށް ބުނެފައެވެ.

ކޮންމެއަކަސް މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. މަރުގެ އިންޒާރެއް މީހަކަށްދިނުމުން، އެ މައްސަލަ ނުބެލެންވީ ސަބަބެއް ނެތެވެ. އެ އިންޒާރަކީ ކިހާ ސީރިއަސް އިންޒާރެއްތޯ ބަލާ، އެމީހަކަށް ހައްގު ރައްކާތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. 


މައްސަލައިގެ ތަހުގީގު

ދެހާސް ސަތާރަވަނަ އަހަރު 23 އޭޕްރީލްގެ މެންދަމު ޔާމީންއަށް ދިން ހަމަލާއަކީ، ބަޔަކު ގަސްދުގައި އޭނާއަށް ދިން ހަމަލާއެއް ކަމަށް އެ ދުވަހު ފުލުހުން ވަނީ ނޫސްވެރިންނަށް މައުލޫމާތު ދީފައެވެ. 

ޔާމީނަށް ހަމަލާ ދިންކަން އެރޭ ފުލުހުންނަށް ރިޕޯޓު ކުރީ، އެ އިމާރާތުގައި ދިރުއުޅުނު އެހެން މީހެކެވެ. އެއީ މި މައްސަލައިގެ ތަހުގީގު ފެށުނު ހިސާބެވެ. 

ތަހުގީގުތައް ފެށުމަށްފަހު މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު އާންމު ކުރީ އޭގެ ދެދުވަސް ފަހުން ބޭއްވި ޕްރެސް ބްރީފިންއެއްގައެވެ. އެގޮތުން ފުލުހުން ވަނީ މި މައްސަލައިގައި ހިމެނޭ ދެ މީހަކު ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ. އަދި މައްސަލައާއި ގުޅޭ ބައެއް ފޮޓޯ އަދި ވީޑިއޯ މީޑިއާއާއި ހިއްސާކޮށްފައެވެ. 

މި މައްސަލައިގައި ފުރަތަމަވެސް މީހަކު ހައްޔަރު ކޮށްފައިވަނީ އެކެއް މެއި ގައެވެ. އޭގެ ދެ ދުވަސް ފަހުން އިތުރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ އެންމެން ހައްޔަރުކޮށް، ދައުވާ ކުރުމަށް ޕީޖީއަށް މައްސަލަ ފޮނުވުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވަނީ ޖޫން މަހު ކުރީ ކޮޅުއެވެ. 

އޭގެ ފަހުން 18 ޖޫންގައި ފުލުހުން އާންމު ކުރި ބަޔާނެއްގައިވަނީ، ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގުފައި ފުލުހުން ހަތް މީހަކު ހައްޔަރު ކުރި ނަމަވެސް، މައުލޫމާތު އާންމު ކުރީ ހަތް މީހެއްގެއެވެ. އެއީ ޔާމީނަށް ހަމަލާދީ މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރާ ތިން މީހުންނެވެ.

މި ތިން މީހުންނަކީ، މ. ޠާއިފް އިސްމާއީލް ރަޝީދު، ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް އެވެ.


މައްސަލައި ކޯޓަށް

މި މައްސަލަ ކޯޓަށް ފޮނުވާފައިވަނީ، ޔާމީން މަރާލިތާ ތިން މަސް ދުވަސް ފަހުން، އިގަސްޓު މަހުއެވެ. 

އެގޮތުން މި މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވެއެވެ. އެ ހަތް މީހުންގެ ތެރެއިން ހަމީހަކަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރަން ފޮނުވި އިރު، އެކަކަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.

އޮގަސްޓު މަހު ކޯޓަށް ފޮނުވި މި މައްސަލައިގެ ޝަރީއަށް ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުގައި ފެށީ، ދައުލަތުގެ އެދުމަކަށް ޝަރީއަތް ސިއްރު ކުރުމަށްފަހު އެވެ. ނަމަވެސް ޕީޖީން ވަނީ މުޅި ޝަރީއަތް ސިއްރު ނުކުރާނެ ކަމަށާއި، ސިއްރު ކުރަން އެދުނީ ބައެއް އަޑުއެހުންތައް ކަމަށް ބުނެފައެވެ. 

އެއާއެކު ގިނަ ބަޔަކު ވަނީ މި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ މި މައްސަލައިގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މި މައްސަލައިގެ ޝަރީއަތް އަދިވެސް ކުރިއަށް ގެންދާއިރު، މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށްފަހު، ޔާމީން ފަދައިން މަރާލާފައިވާ މީހުންގެ އިތުރުން ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ހާއްސަ ކޮމިޝަނެއް ރައީސް ވަނީ އެކުލަވާލާފައެވެ. 


މަރު ކޮމިޝަން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް މި ސަރުކާރުން ވަނީ ހާއްސަ ކޮމިޝަނެއް އުފައްދާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށްފަހު އެކުލަވާލި ފުރަތަމަ ކޮމިޝަނެވެ. 

މި ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވަނީ، މި ކޮމިޝަނުގެ މަސައްކަތުގެ ތެރެއިން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ކުރިއަށް ގެންދާނީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ކަމަށް ވިދާޅުވެފައެވެ.

އެގޮތުން 2019 ވަނަ އަހަރު، ޔާމީންގެ މަރަށް ދެ އަހަރު ވީތަނާ ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސުއޫދުވަނީ، ޔާމީންގެ މަރުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރު އަދި ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް ބުނެފައެވެ. 

އެގޮތުން ޔާމީންގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށާއި އޭގެ މޯޓިވް ދެނެގަތުމަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. އޭގެ ފަހުން ސުއޫދު މަގާމުން އިސްތިއުފާ ދެއްވި އިރުވެސް، މި މައްސަލައިގެ އިތުރު ތަފްސީލެއް އާންމެއް ނުކުރެއެވެ. 

ބޮޑު ބާރުތަކެއް ދީގެން އެކުލަވާލާފައިވާ މި ކޮމިޝަނަކީ މާބޮޑު ފައިދާއެއް ނެތް ކޮމިޝަނެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެއީ މައްސަލަތަކުގެ ހައްލެއް ނުލިބި، އަދިވެސް އިންސާފުގެ ކޮޅު ނުފެންނާތީ އެވެ. މައްސަލަ ތަހުގީގު ކުރާ ވާހަކަ ދެކެވުނަސް، ވާހަކަ ތަކެއް އަޑު އިވުނަސް، އަމަލުން ކަމެއް ވާތަން ނުފެންނާތީއެވެ. 


އިންސާފު ކޮބާ؟

ހަތަރު އަހަރު ވެގެން ދިޔައިރު، މައްސަލަ އަދިވެސް ކޯޓުގައި އޮތްކަމީ ގިނަ ބައެއްގެ ޝަކުވާއެކެވެ. އިންސާފު ނުލިބި ލަސްވާ ކޮންމެ ދުވަހަކީ އާއިލާއަށްވެސް ލިބޭ އިތުރު ދެރައެކެވެ. 

ޝަރީއަތް ދިގުލައިގެން ގޮސްފައިވާއިރު، އަދި މައްސަލަގެ ހުކުމް އިއްވޭނެ ދުވަހެއް ނެތެވެ. މައްސަލަ ކްރިމިނަލް ކޯޓުގައި ކޮންމެ ކޮޅަކަށް ނިންމި ނަމަވެސް، މައްސަލައިގެ ބާވަތުން، މި މައްސަލަ ހައި ކޯޓަށް އަދި ސުޕްރީމް ކޯޓަށް ދާނެ ކަމަށް ބެލެވިދާނެއެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްދާތާމިހާރު ތިން އަހަރު ވެފައިވާއިރު، އަދި މި މައްސަލައަށް ފުރިހަމަ އިންސާފު ލިބެން އިތުރު ކިތަށް ތިން އަހަރު ނަގާނެތޯ މިއީއުފެދޭ ސުވާލެކެވެ. 

ސަރުކާރުން ވެރިކަމަށް އައިއިރުވެސް މި މަރަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މަންޒަރު ވަރަށް ތަފާތެވެ. 

ޔާމީނަށް އިންސާފު ނުލިބި ހަތަރު އަހަރު ވެގެން ދިޔައިރު، އާއިލާ އިންވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް