އެގޮތުން ހއ.ކެލާގައި ރޯދަމަހަށް ހަނދުބަލާ ރޭގައި އަންބެލަން އެވޭލާ ޒަމާނުއްސުރެ ޖަހާ ކަމަށް އެރަށުގެ ރައްޔިތަކު މައުލޫމާތު ދިނެވެ.
ސީއެންއެމް އަށް މައުލޫމާތު ދެމުން އެރަށުގެ ރައްޔިތެއް ކަމަށްވާ އާމިނަތު އިސްމާއީލް ބުނީ އެރަށުގައި ހަނދު ބަލާ ރެއަށް އަންބަލަން ހަދަން އެންމެން ވެސް ތައްޔާރުވެގެން ތިބޭ ކަމަށެވެ.
އެގޮތުން ކޮންމެ ގެއަކުގައި ވެސް ހަތަރު ހޮޅު ކައިރިގައި ޖެއްސުމަށް ފަހުގައި އޭގެ ތެރެއަށް ވެލި އަޅާ ބޮޑު ފުންޏެއް ހަދާ ކަމަށެވެ.
އަދި އެ ފުނި އެއްވަރުކުރުމަށް ފަހުގައި އޭގައި މާފަތި ޖަހާ ކާއެއްޗިހި ބަހައްޓާ ޒީނަތްތެރި ކުރާ ކަމަށް ވެސް އާމިނަތު ކިޔާދިނެވެ.
ރޯދައަށް ހަނދު ބެލުމަށް ފަހުގައި ހަނދު ސާބިތުވުމުން އެ ފުނި މުޅި ގޯތިތެރޭގައި ފަތުރާލާ އެންމެން އެއްވެގެން އޭގައި ބަހައްޓާފައިވާ ކާނާ ކައި ހުސްކުރާ ކަމަށް އާމިނަތު ކިޔާދިނެވެ.
ރަށުގައި މިހާރު ކުރީގެ އާދަކައިދައިގައި ހިމެނޭ ކަންކަން ނުކުރާ ކަމަށް ވެސް އާމިނަތު ފާހަގަކުރި އެވެ. އަދި ރޯދަމަހުގައި މިހާރު އޮންނަނީ ކޮންމެވެސް ކުޅިވަރެއް ކުޅުން ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.