ads
ވީޑިއޯ ރިޕޯޓް-
އެމްޑީޕީގެ އެތެރޭގެ އިންތިހާބު: ޕާޓީ އާ ހަރުފަތަކަށް ގެންދެވޭނެ ބާ؟
އަހަރަކަށް ދިގުދެމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފަހުން މިމަހުގެ 10ވަނަ ދުވަހު ނިންމާލާ ނަތީޖާތައް ޕާޓީތަކުގެ އަތްމައްޗަށް އެރިއިރު، އެމްޑީޕީއަށް އޮތީ ވަރުގަދަ ފިލާވަޅެއްވެސް ލިބިދީފައެެވެ. އަންނަ އަހަރަށް ހާއްސަކޮށް ކުރިއަށް އޮތް 2023ވަނަ އަހަރުގެ ބޮޑު އިމްތިހާނަށް ތައްޔާރުވުމަށް މި ލިބުނު ފިލާވަޅުގެ ބޭނުން ހިފާ އެމްޑީޕީއިން މިވަނީ އާ އުންމީދަކާއިއެކު އޮޑި ސުމަކުން ފަށަން ތައްޔާރުވެފައެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިން ހޯދި ވަރުގެ، އަދި އުންމީދުކުރި ވަރުގެވެސް ނަތީޖާއެއް ނުލިބި އިންތިހާބު ނިމިގެންދިޔައިރު ޕާޓީތެރޭގައި އިސްލާހުކުރަންޖެހޭ ގިނަ  ކަންތައްތަކެއް ހުރިކަން ފަހުމުވިއެވެ. ސިޔާސީ ރޭހުގައި ފަހަތަށް ނުޖެހި އަންނަ ރިޔާސީ އިންތިހާބުގެ ކާމިޔާބީ ލިބެންއޮތީ ޕާޓީގެ ގިނަ ކަންތައްތަކެއް ބަދަލުކޮށްގެން ކަމަށް ހުދު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

މިމަގުން ކުރިއަށް ދިޔުމަށް އެންމެ މުހިންމު އެއް ފިޔަވަޅު އެ ޕަޓީން އަޅަން ތައްޔާރު އެވަނީ އަންނަ މޭ މަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން ކަމާއިމެދު ޝައްކެތް ނެތެވެ. މިއިންތިހާބަކީ ހަމައެކަނި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި މެދު ގޮތް ނިންމޭނެ އިންތިހާބެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ޕާޓީ ސުމަކުން ފެށުމަށް ތައްޔާރުވަމުން ދާ މިދަނޑިވަޅުގައި ޕާޓީ އޮތީ ދެ ފެކްޝަނަކަށް ބެހިފައެވެ. ޕާޓީތެރޭގައި މިވަގުތު ތިބީ ޕާޓީގެ ރައީސް ނަޝީދު އަށް ހަމައެކަނި މަރުދޭނެ ބައެެއް ނޫނެވެ. މިއަދު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް މަރުދޭނެ ބަޔަކުވެސް ތިއްބަވާނެކަން ގައިމެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ އެދެވޭ ނަތީޖާއެއް ޕާޓީއަށް ނުހޯދި ކުރިމަތިވި ފާޑުކިޔުންތަކާއިއެކު، އެންމެ އަސަރެއް ކުރި އެއްބޭފުޅަކީ ޕާޓީގެ ރައީސް ނަޝީދެވެ. ޕާޓީ ފެއިލްވެ، ރައްޔިތުން ރީދޫ އަދި ތިލަފަތައް ނޫނެކޭ ބުނަން ފަށައިފިކަމަށް ކީ ގިނަ ފާޑުކިޔުންތަކާއިއެކު ރައީސް ނަޝީދުގެ ހިތްފުޅުގައި އޮތް ޖަޒުބާތު އުތުރި އަރައިގެން ވެރިކަން ފުރޮޅާލާ، ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ފާޅުކޮށް ވަނީ ރައީސް ސޯލިހް އަށް މެސެޖްވެސް ކުރައްވާފައެވެ. 

ނަމަވެސް ރައީސް ނަޝީދު ހީކުރެއްވި ގޮތާއި  ހިލާފަށް ރައީސް ސޯލިހްގެ ހިޔާލު މިކަމުުގައި ތަފާތެވެ. އެމަނިކުފާނު ވަނީ މިހާރު މި އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ. 

އެޔަށްފަހު ރައީސް ސޯލިހް ތާއީދު ރައީސް ނަޝީދުގެ ހުށަހެޅުއްވުމަށް ނެތް ކަން ސާފުވެ އެމްޑީޕީ ތެރޭ ރައީސް ސޯލިހްގެ ކޮޅަށް ތިއްބަވާނެ މެންބަރުނާއި ނަޝީދުގެ ކޮޅަށް ތިއްބަވާނެ ބޭފުޅުންގެ މެދުގައި މިހާރު މިއޮތީ ކިތަންމެ ނޫންކަމަށް ދެއްކިޔަސް ދެފްކެޝަނެކެވެ. މިފަހުން ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕުގައި ތާއީދަށް އަހަން ފެށުމަކީ މިކަމުގެ ހެއްކެކެވެ. ނަތީޖާ ދެންވެސް ނިކުތީ ބައިބައިވެފައިވާ ވޯޓަކުން ނިކުންނާނެ ފަދަ ނަތަޖީއެކެވެ. 

އެކަމަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގުރޫޕަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ ބަރުލަމާނީ ކެމްޕެއިންގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ވަރަށް ބޭނުންވާ ކަމަށެވެ. އަދި ތާއީދުކުރައްވާ ބޭފުޅުން ލިސްޓުގައި ނަން ޖެއްސަވައިދެއްވުމަށް އެދިފައިވެއެވެ.

ނަމަވެސް މައުލޫމާތު ލިބޭ ގޮތުން 147 މެންބަރުން ހިމެނޭ އެ ގުރޫޕްގައި ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް އެހުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ 65 މެންބަރުންގެ ތެރެއިން މިހާތަނަށް ތާއީދު ލިބިފައިވަނީ އެންމެ 23 މެންބަރުންގެއެވެ. 

އެޔަށްފަހު ދެން ހޮނިހިރު ދުވަހު ބޭއްވިގެން ދިޔަ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ބައްދަލުވުމުގައި، ދެބޭފުޅުން އެއްތަންވެ ވަޑައިގަތެވެ. އެ ރޭ އެ ޕާޓީން ވަނީ ދެ ކަމަކާ ގުޅިގެން މަޝްވަރާ ކޮށްފައެވެ. އެއީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ އިތުރުން، ކައުންސިލް އިންތިހާބާއި ގުޅޭ މައްސަލަތައް ކޯޓާ ހުށަހެޅުމާއި މެދު މަޝްވަރާ ކުރުމެވެ.

އެގޮތުން ރޭގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ، ކައުންސިލް އިންތިހާބުގެ މައްސަލައިގައި ކޯޓަށް ނުދިއުމަށް ނިންމާ، ކެންޓިޑޭޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. 

އެމްޑީޕީން ވަނީ، ކައުންސިލް އިންތިހާބާއި ގުޅިގެން، ހަ ދާއިރާއެއްގެ ވޯޓު ފޮއްޓެއްގެ މައްސަލައިގައި ކޯޓަށް ދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. އެއީ މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ހުޅަނގު ދާއިރާއެވެ.

މި ހަ ދާއިރާގައި އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓުން ބަލިވެފައިވަނީ ކުޑަ ފަރަގަކުންނެވެ. އަދި ވޯޓުގެ ފަރަގަށްވުރެ ބާތިލު ވޯޓު ގިނަކަމަށް އެމްޑީޕީން މީގެ ކުރިން ފާހަގަ ކޮށްފައިވެއެވެ. 

އޭގެ އިތުރުން އެ ޕާޓީގެ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު  އަންނަ މެއި މަހު 29ގައި ބޭއްވުމަށް ތާވަލު ކޮށްފައިވާ ދަނޑިވަޅެއްގައި އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ޝަރުތުތައް މި ބައްދަލުވުމުގައި ކަނޑައަޅާފައިވާއިރު، ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ވަނީ، ރޭޕް، މީހުން މެރުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ ކުށެއްގައި ބައިވެރިވި ކަމަށް ހާމަވާ އެއްވެސް މީހަކަށް އެމްޑީޕީގެ އިންތިހާބުތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ނިންމާފައެވެ. 

އަދި ޕާޓީގެ އެއްވެސް މަގާމަކަށްވެސް ކުރިމަތިލެވޭނީ ޕާޓީގައި އެއް އަހަރުވެފައިވާ މެންބަރުންނަށް އެކަނި ކަމަަށްވެސް ވަނީ ނިންމާފައެވެެ. 

މި ބަދަލުތަކާއިއެކު ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމާލިއިރު މިހާރު އުފެދިފައިވާ ސުވާލަކީ ޕާޓީގެ ތެރެއިން މިގެނެވުނު އިސްލާހްތަކާއިއެކު ޕާޓީ ދުވަން ފަށާނީ ކިހާ ހަލުވި ދުވެއްޔެއްގާ ތޯ ކުރެވޭ ސުވާލެެވެ. އަދި މި ބަދަލުތަކާއިއެކު އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ބޭފުޅުން އައްޔަންވެ ނިމުމުން ޕާޓީ އާ ހަރުފަތަކަށް ގެންދެވޭނެ ތޯ ވެސް ސުވާލު އެބައުފެދެއެވެ. ކޮންމެއަކަސް މިކަމަށް ޖަވާބު ލިބިގެންދާނީ ދެން އެންމެ އަވަހަށް ބައްދަކުކުރާ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ކަން ގައިމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް