ads
ރައްޔިތުންގެ މަޖިލީހުގެ ފުލޯ: ފޮޓޯ މަޖިލިސް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހޭނެ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސް އަށް ދިނުމަށާއި އެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅުއްވި ބިލް މަޖިލީހުގެ ތަޅުމުގައި ފާހެއް ނުވި އެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާނީ ހެލްތު މިނިސްޓަރެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެ އެވެ. 

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގިނަ ކަންތައްތަކެއް ކުރެއްވުމުގެ ބާރު ގާނޫނުން ދީފައި އޮންނަނީ ހެލްތު މިނިސްޓަރާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

ނަމަވެސް ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ، އެ އުސޫލު ބަދަލުކޮށް، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވަން ޖެހޭނީ ރައީސް ކަމަށާއި އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށެވެ.

މެމްބަރު ރަޝީދުގެ ބޭނުމަކީ ގާނޫނުއަސާސީގެ 252 ވަނަ މާއްދާގައި ބަޔާންކުރާ ކުއްލި ނުރައްކަލުގެ ހާލަތެކޭ އެއްގޮތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދޭ ގޮތަށް ބަދަލުކުރުމެވެ.

ރައްުޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާ އަށް ހުށަހެޅުމުން، ފުނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޝާހިދު ހުށަހަޅުއްވައި، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވާނީ ރައީސް ކަމަށާއި އޭގެ ފަހުން މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު އުވައިލުމަށެވެ.

އެ ހުށަހެޅުއްވުން ފާސްވީ 37 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް 31 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވީ ދެ މެމްބަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް