ads
ވީޑިއޯ ރިޕޯޓް
ރައީސް ނަޝީދު ސަރުކާރަށް: ކިހިނެތް މިވީ؟
ނ. އަތޮޅު އަދި ރަށު ކައުންސިލް ހަރަކާތް ކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަަނިކުފާނު މީގެ 12 އަަހަރުކުރިން ވީ ވައުދު މިއަދު ފުއްދި ހޯދަން ބޭނުންވި "އަނެއް ދިވެހިރާއްޖެ" ވެސް ލިބިއްޖެކަމަށް ވިދާޅުވެފައެވެ. އަދި މިއަދު މުސްކުޅިވެ ބޮލުން ފަތްކޮޅު ފޭބިނަމަވެސް ދިވެހި ރައްޔިތުން އެކުއެކީ ހަމަ އިސްކޮޅަށް ތެދުވެ، "މިއީ މަގޭ ގައުމޭ، މަގޭ އަތޮޅޭ، މި ތަނުގެ ކަންކަން ހިންގާނީ އަހަރެމެންނޭ" ބުނާ ބުނުމަށްވުރެ ވަކި އުފާވެރި ދުވަހެއް އެމަނިކުފާނުގެ އާއްމު ހަޔާތުގައި ނުފެންނަ ކަމަށް ވެސް ވަނީ ވިދާޅުވެ ވާހަކަފުޅު ދައްކަވާފެެވެ.
Advertisement

އެހެންނަމަވެސް އެޔަށްފަހު ދެން ދައްކަވަން ފެއްޓެވީ ނ. އަތޮޅުގެ ރަށެއްގައި ގެއެއް އެޅުމަށް މީހަކު އުޅޭގޮތުގެ ވާހަކައެެވެ. އެއީ މީގެ 12 އަހަރު ކުރީގެ ހަނދާންތަކެއް ނަމަވެސް އެ ހަނދާންތައް އެމަނިކުފާނު އާކުރަމުން ބުނެދެއްވަން މަސައްކަތްކުރައްވަނީ އަތޮޅުތެރޭގެ ރައްޔިތުން އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް އުޅޭ ހާލެވެ. 

"ރިސޯޓަށްދާނެ، އަލަތު ކައިވެންޏެއް ކުރާނެ، ރިސޯޓުގައި ދުވަސްކޮޅަކު އުޅެލާފައި އައިސް އެއް އޮފް ސީޒަންގައި ފަށަން. އަނެއް އޮފް ސީޒަންގައި، ފައުންޑޭޝަން ދުއްވާލާނެ. ހަތަރު ކޮޓަރީގެ ވަރަށް ރީތި ފައުންޑޭޝަނެއް ދުއްވާލާނެ، މަތި ގޯނިކޮޅެއް އަޅާލާފައި ބަހައްޓާނީ، ދެން އެއޮފް ސީޒަން ނިމިފައި އަނެއްކާވެސް ރަށުން އަނބުރާ ދެން އަނެއްކާވެސް ދާނީ ރިސޯޓަށް. ދެން އަންނަ އަހަރު ފަހަރުގައި ކޮލަމްތައް އަޅާލެވިދާނެ، ދެން އަންނަ އަހަރު ބެރިތައް، އަނެއް އަހަރު ފާރުތައް އަޅާލެވިދާނެ، ދެން އަންނަ ރޯދައަށް ފަހަރުގައި މަތިވަޑާންގަނޑު ހިޔާކޮށްލެވިދާނެ، އަންނަ ރޯދައަށް ފަހަރުގައި އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ، ތިބޭފުޅުން ހަނދާން ހުންނާނެ މި ތަގުރީރު. އަޅުގަނޑުމެން ބުނީ މިހެނެއް ނޫޅެވޭނެއޭ. އެހެނެއް ނޫޅެވޭނެއޭ. އެއެއް ނޫނޭ އަޅުގަނޑުމެންނަށް ހައްގު މިންވަރަކީ. 12 އަހަރުފަހުން އަނެއްކާވެސް އަހަރެމެން މި އަހާ ވާހަކައަކީ ކިހިނެތްހޭ ވީ؟"

ނަޝީދު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ނިޒާމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި، އަދި ބާރުތައް ވަކިކުރެވި ސިޔާސީ ހަަރަކާތް ސުލުހަވެރިކަމާއި އެކުގައި ހިންގަން ފެށުމުން ގައުމުތައް ކުރިއަަށްދާކަމަށެވެ. އެ ގައުމުތައް ކުރިއަށް "ޖަންޕު" ޖަހާކަން ފާހަގަކުރަމުން ރައީސް ނަޝީދު ވިދާޅުވީ އެހެންނަމަވެސް މިއަދު ކުރަން މިޖެހޭ ސުވާލަކީ "ކީއްހޭ މިވީ؟" ކަމަށެވެ. އެހުރިހާ ބާރުތަކެއް ލިބި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ތެރެއިން ވެސް އެކަން އެގޮތަށް ނުވާން މި ސަރުކާރަށް ނުވަތަ ރާއްޖެއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ކޮބާތޯ ރައީސް ނަޝީދު ސުވާލު އުފެއްދެވިއެވެ. 

"ނަޝީދު އެބަކިޔާ ދެއްވާ 1000 މީހުން މިލަދުއްމަޑުލުގައި އެބަތިބިކަމަށް ވަންނާނެތަނެއް ނެތިފައި. އެތަނަށް ވަންނަން ދެން ހަދާނީ ކިހިނެތްހޭ؟ މި ވާހަކަ ނުވަތަ މި މައްސަލަ ނިއުޅެމުންދާ ވަރަކަށް އެބަފެނޭ ކޮންތަނެއްގަތޯ ހުއްޓުނީ. އަޅުގަނޑަށް ހަމަ މިހާރު ވަރަށް ބޮޑަށް އެބަ ޔަގީންކުރެވޭ ޔުނިޓަރީ ދައުލަތުގެ ވާހަކާގައޭ މިތިބީ ތަޅުލެވިފައި. ގާނޫނު އަސާސީގައި ޔުނިޓަރީ ދައުލަތުގޭ އަޅާ އަދި ރައީސް މައުމޫންގެ ބާރުފުޅުތައް އަމިއްލަފުަޅަށް ހިފަހައްޓަވަންވެގެން އެބޭފުޅާގެ އާރާއި ބާރުގައި އުފެދިގެން އާ ގާނޫނޫ އަސާސީއެއް. އަނެއްކާވެސް ސިފަވެގެން ދިޔައީ މާ މާތް މާބޮޑު ރަސްކަމެއްގެ ގޮތުގައި. އަޅުގަނޑުމެނަށް ރައްޔިތުންނާއި ހަމައަށް ބާރުތައް ގެނެވޭނެ ގޮަތަކަށް އަޅުގަނޑުމެންގެ ގާނޫނުތައް އަތުރާލެވެންޖެހޭނެ. ދެން އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑުމެންނަށް ވާނެ ކަމެއް ދެން ތިޔަބޭފުޅުން މިހާރު ތިޔަ ކުރައްވަނީ އެ މަސައްކަތް"

ރައީސް ނަޝީދު އެ އިޝާރާތްކުރައްވަނީ އެމްޑީޕީން އަބަދުވެސް ވަކާލާތުކުރަމުން އަންނަ ލާމަރުކަޒީ ނިޒާމަށްހެން ހީވެއެވެ. މި ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކުރުވުމަށް އެކަށީގެންވާ ބާރުމިނެއް ނުގެނެވޭ ވާހަަކަހެން ހީވެއެވެ. 

ރައީސް ނަޝީދު 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ރާއްޖޭގެ ހިންގުން ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިވާގޮތަށް ލިޔެވިފައި އޮތް ގާނޫނު އަސާސީއަކާއިއެކުގައެވެ. އެއާއިއެކު، ކުރީގެ ކަތީބުންނާއި އަތޮޅުވެރިންގެ ބަދަލުގައި ރަށު ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުން އިންތިހާބު ކުރެވިގެން ދިޔައެވެ. އެހެނަސް، މާލެގެ މަރުކަޒީ ހިންގުމަށް މާބޮޑު ބަދަލެއް އައިތަނެއް ނުފެނުނެވެ. 

ރައީސް ނަޝީދުގެ ސަރުކާރުންވެސް ވަނީ މާލޭގައި އިތުރު ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށާފައެވެ. އެގޮތުން އަރަބިއްޔާ ބިމާއި ގާކޮށި ބިމުގައިވަނީ ފްލެޓް އަޅާފައެވެ. އަތޮޅުތަކުގެ ތަރައްގީއަށް ދެންވެސް ދިޔައީ އަޅާނުލެވިއެވެ.

އޭގެ އިތުރުން އެމްޑީޕީގެ އިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ހުށަހަޅާފައިވަނީ "ޖަޒީރާ ރާއްޖެ" އެވެ. ރައީސް ޔާމީންގެ މަރުކަޒީ ވިސްނުމާއި ހިލާފަށް، ރާއްޖޭގެ ގުދުރަތީ ރަށްތަކުގެ ހިތްގައިމު ދިރިއުޅުމާއި، ތިމާވެށްޓާއި ރައްޓެހި ދެމެހެއްޓެނިވި، ދިރިއުޅުމެކެވެ.

ލާމަރުކަޒީ ހިންގުމުގެ ދަށުން ތަރައްގީ ކަށަވަރުކޮށްދޭ މެނިފެސްޓޯއެކެވެ. މި މެނިފެސްޓޯއިން ރައްޔިތުންނަށް ވައުދުވެފައިވަނީ ޖަޒީރާ ދިރިއުޅުމާއި، ނޫ އިގްތިސާދަކާއި، ފަހުރުވެރި އާއިލީ ދިރިއުޅުމާއި، އޯގާތެރި ސަރުކާރަކާއި، އިންސާފެވެ.

ޖަޒީރާ ދިރިއުޅުމެއް ކަށަވަރު ކޮށްދިނުމަށްޓަކައި އެމްޑީޕީން ވައުދުވެފައިވަނީ މަރުކަޒީ ސަރުކާރު އަތޮޅުތަކަށް ބަހާލައި، ސަރުކާރު މިނިސްޓްރީތަކުގެ ގިނަ މަސައްކަތްތައް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާލާށެވެ. އަދި އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދިކުދި ބިންކޮޅާއި ފްލެޓްތަކުގެ ބަދަލުގައި އެމީހުން އިހްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުކޮށް ދިނުމަކީވެސް ވެފައިވާ ވައުދެކެވެ.

އެހެންނަމަވެސް، އަދިވެސް ރާއްޖޭގެ ތަރައްގީގެ މޮޑެލް ބަދަލުވި މަންޒަރެއް ނުފެނެއެވެ. މަރުކަޒީ ވިސްނުން ބަދަލުވި ތަނެއް ނުފެނެއެވެ. ވަކިން ހާއްސަކޮށް، ކޮވިޑްގެ ނުރައްކާތެރި ހާލަތާއިއެކު، ތޮއްޖެހިގެން ގިނަ ބަޔަކު އެއްތަނެއްގައި އުޅުމުގެ ނުރައްކާ ފެނިމެ، އަދި މާލެއަށް ބަރޯސާ ވާންޖެހުމުގެ ދަތި އުނދަގޫ ފެނިމެ، މަރުކަޒީ ވިސްނުމުން ދުރަށް ގޮސް، ލާމަރުކަޒީ ނިޒާމް ހަރުދަނާ ވާތަނެއް އެކަށީގެންވާ ގޮތެއްގައި ނުފެނެއެވެ.

އެޔާއިއެކު ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސަރުކާރަށް ލިބުނީ "ބީ" ރިޕޯޓެކެވެ. އިންތިހާބުގެ ނަތީޖާއިން ލިބުނު ނާކާމިޔާބީ ފެނި ސަރުކާރު ހިންގުމުގައި މައްސަަލަތަކެއް ހުރިކަން ރައީސް ނަޝީދު ވަނީ އޭގެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވެފައެވެ. އަބަދުވެސް "އޭ" ރިޕޯޓު ހޯދަމުން އައި އެމްޑީޕީއަށް "ބީ" ރިޕޯޓެއް ލިބުމުގައި ރައީސް ނަޝީދުގެ ނޫނީ ރައީސް ސޯލިހުގެ މައްސަލައެއް އޮންނަން ވާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމާއި ނިޒާމު ބަދަލުކޮށް ވެރިކަން ފޮރޮޅާލުމުގެ ވާހަަކަތައްވެސް ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ނަޝީދު ދައްކަވާއިރު، މިހާރު ތިން ކޯލިޝަނަކުން އާ މި ސަރުކާރުގެ ވަރަކޮށި ސަރުކާރުގެ މައި ޕާޓީގެ ތެރޭގައި ވަނީ ރައީސް ސޯލިހް އާއި ނަޝީދުގެ މައްޗަށް ބިނާވާ ދެ ފެކްޝަނެއް އުފެދިފައެވެ.    

23%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް