
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން-- ފޮޓޯ: ސަން
އިމާމުގެ ފެންވަރު ދަށްވެ ތަރާވީހުން މީހުން ފައިބަނީ
މުހައްމަދު ޔާސިރު މޫސާ
30 އޭޕްރީލް 2021 - 20:04:00
އިމާމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ތަރާވީސް ނަމާދުން މީހުން ފައިބާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ފާއިޒު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ތަރާވީސް ނަމާދު ކޮށްދެއްވާ އިމާމުގެ ގިރާއަތު ފެންވަރު ދަށްވުމުގެ ސަބަބުން އޭނާގެ ފަހަތުގައި މައުމޫމުވެ ތަރާވީސް ނަމާދު ކުރާ މީހުންގެ ޖަމާއަތް ހުސްވާތަން ފެންނަ ކަމަށެވެ. އަދި މިމަންޒަރު ފެންނަނީ ހުޅުމާލޭގެ އެންމެ ބޮޑު މިސްކިތުން ކަމަށްވެސް ފާއިޒު ވަނީ ފާހަގަ ކޮށްފައެވެ.
މީގެ ކުރިން އާންމު ގޮތެއްގައި ރާއްޖޭގެ ގިނަ މިސްކިތް ތަކެއްގައި ތަރާވީސް ނަމާދު ކުރަމުން އަންނަނީ ބޭރުގެ ހާފިޒުން ގެނެސްގެންނެވެ. ބޭރުން ހާފިޒުން ގެނައި ނަމަވެސް ރާއްޖޭގެ ހާފިޒުންނާ ގާރީންވެސް މަދުން ނަމަވެސް މިސްކިތް ތަކުގައި ތަރާވީސް ކުރެއެވެ.
ކޮވިޑް-19 ގެ ހާލަތާއެކު މިދިޔަ އަހަރު ބޭރުން އެއްވެސް ހާފިޒެއް ތަރާވީސް ކުރުމަށް ރާއްޖެ ގެނެސްފައެއް ނުވެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ތަރާވީސް ނުކުރުމަށްވެސް މިދިޔަ އަހަރު ވަނީ ނިންމާފައެވެ.
ނަމަވެސް މިއަހަރު އަނެއްކާވެސް ސަރުކާރުން ވަނީ ތަރާވީސް ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ނިންމާފައެވެ.
އަދި ރާއްޖެއިން ބޭރުން ހާފިޒުން ގެނައުމުގެ ކަންކަން މިފަހަރު އިސްލާމިކް މިނިސްޓްރީން ނުކުރާނެ ކަމަށާ، ނަމަވެސް ކައުންސިލްތަކުން ބޭނުންނަމަ އެ އޮންނަ އުސޫލުގެ ދަށުން ބޭރުން ހާފިޒުން ގެނައުމުގެ މަސައްކަތް ކުރެވިދާނެ ކަމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
25%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް