ads
ފޮޓޯ: ސަން
ހާލަތު ގޯސް ވަނީ؛ ފިޔަވަޅު އަޅާކަށް ނުވޭ؟
އިތުރު ހަފްތާއެއް ނިމުނީއެވެ. ކޮވިޑް-19ގެ ތިން މަރު އަދި 5000 އާއި ގާތް ކުރާ ވަރަށް އެކްޓިވް ކޭސްތަކާއެކު އެވެ. ގައިމު މިއީ އެންމެ ހާލަތު ގޯސް އެއްފަހަރޭ ބުނެވޭނެ އެވެ.

ކޮވިޑްގެ އިތުރު ރާޅެއް ކުރިމަތިވިއިރު، ސިއްހީ މާހިރުން އަދި ކޮވިޑްގެ ފްރަންޓްލައިން މަސައްކަތްތެރިން އެތިބީ ވަރުބަލިވެފައެވެ. ގިނަ ރެސްޓްރިކްޝަންތައް އުވާލާފައިވާއިރު، އެއީ ބަލިފެތުރެން ދިމާވި އެންމެ ބޮޑުއެއް ސަބަބު ކަމަށް ގިނަ ބަޔަކު ބުނަމުން އައެވެ. 

ރިކޯޑު އަދަދަކަށް މިހަފްތާގައި ކޮވިޑްގެ ކޭސްތައް ފެނިފައިވާއިރު، ލޮކްޑައުންއަކަށް ނުގޮސް، ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާ ތިބޭކަމީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ. 

ރާއްޖެއަށް އައި ކޮވިޑްގެ ފުރަތަމަ ރާޅުގައި ދިވެހިން ތިބީ ގޭގައި ލޮކްޑައުންގައެވެ. މިފަހަރު މާ ހާލަތު ގޯހެވެ. ނަމަވެސް މިއަދުގެ ހާލަތު މާ ތަފާތެވެ. މިހާރު މިތިބީ ހުރިހާ ކަމެއް ދޫކޮށްލައިގެންނެވެ. ވާނެ ކަމެއްވާން ދޫކޮށްލާ، އަތް އުރާލައިގެންނެވެ. 

މިދިޔަ ބުދަ ދުވަހު އަދި މިއަދުވެސް ކޭސްތައް 400 އިންމަތީގައި އުޅޭއިރު، ހުރިހާކަމެއް ދޫކޮށްލާފައި ހުރުމުން ހުރި ކަންބޮޑުވުންތައް ގިނައެވެ. އަދިވެސް ހުރިހާ ގްރޭޑުތަކަށް ސްކޫލުތައް ހުޅުވާފައިވާއިރު، ބައެއް ބެލެނިވެރިން އަންނަނީ ދަރިން ސްކޫލަށް ފޮނުވަން ބޭނުން ނުވާކަމަށް ބުނަމުންނެވެ.

 

ލޯކަލް ކައުންސިލް އިންތިހާބަކީވެސް މިހާރު ކޭސް ގިނަވަމުން އަންނަ އެއް ސަބަބު ކަމަށާއި، މިހާރު ފެންނަމުން މިދަނީ ކައުންސިލް އިންތިހާބުގެ ނަތީޖާ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އަދި ރަމަޟާން މަހަކީ އާއިލާއާއެކު ވަގުތު ހޭދަކުރަން ކިތަންމެ ބޭނުން ވަގުތެއް ނަމަވެސް، އެންމެންގެ ރައްކާތެރި ކަމަށްޓަކާ ރޯދަވީއްލުންތަކާ ތަރާވީސްތައް މަޑުޖައްސާލުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައިވެސް އިލްތިމާސްކުރަމުންނެވެ. 

އެޗްޕީއޭއިން އަންނަނީ މިވަގުތު ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް އެންމެނަށް އިރުޝާދު ދެމުންނެވެ. އަދި ގިނައިން އަތް ދޮވެ ސާފުކޮށް, ރަނގަޅަށް މާސްކު އަޅާ, ގައިދުރުމިން ބެހެއްޓުމަށް އިރުޝާދު ދީފައެވެ. އަދި ތިމާގެ ބަބުލް ވީހާވެސް ކުޑަކުރުމަށް އިރުޝާދު ދީފައެވެ.

އެންމެ ކަންބޮޑުވުންމިވަގުތު ހުރީ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އެހެނިހެންވެސް ސިއްހީ އެހީތެރިން އަދި ވޮލަންޓިއަރުންގެ އެވެ. އެކި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން މީގެ އަހަރެއް ކުރިން ފެށިގެން ވޮލަންޓިއާ ކުރަމުން އަންނަ އެންމެންގެވެސް ކަންބޮޑުވުމަކީ ބަލި ފެތުރޭ މިންވަރު ކޮންޓްރޯލު ކުރުމަށް ހާއްސަ މަސައްކަތެއް ނުކުރެވޭ ކަމެވެ. އަދި ކަންކަން ދޫކޮށްލާފައިއޮތް އޮތުމެވެ.

ފަރުދީ ޒިންމާ އެންމެ ރަނަގަޅަށް އަދާ ނުކުރެވޭއިރު، މިހާރު ސަރުކާރުން ފިޔަވަޅު އަޅަންވެސް މާ ލަސްވެއްޖެ ކަމަށްގިނަ ބަޔަކު ބުނަމުން އަންނަ އިރު، އެޗްއީއޯސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ފިޔަވަޅުތައް އިތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި އިތުރު ފިޔަވަޅު އަޅާނެ ކަަމަށް ބުނެފައެވެ. 

މިއާއެކު އުފެދޭ ސުވާލަކީ އެ ވަގުތު އަދި ނުޖެހެނީތޯއެވެ؟ އަދި ފިޔަވަޅު އަޅާނީ އިތުރު ކިތަށް މީހުން ޕޮޒިޓިވްވެ، ރާއްޖޭގެ އެކްޓިވް ކޭސްގެ އަދަދު ކިހާވަރަކަށް އެރުމުންތޯއެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް