ads
ފޮޓޯ--
އެމްޓީސީސީއިން ދިވެހިންނަށް ހުނަރު ޕްރޮގްރާމެއް ފަށަނީ
މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން "ހުނަރު" ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

އެމްޓީސީސީން ބުނެފައި ވަނީ ހުނަރު ޕްރޮގްރާމް ގެ މަގުސަދަކީ ތަމުރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށެވެ. 

ހުނަރު ޕްރޮގްރާމް ބަހާލެވިފައި ވަނީ ދެ ބަޔަކަށް ކަމަށާއި އެއީ ހުނަރު ލައިސެންސިން ޕްރޮގްރާމްއާއި ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކަމަށް އެމްޓީސީސީން ބުނެ އެވެ.

ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް ފިޔަވަހި ތަކަކަށް ބަހާލައިގެން ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭ 100 މީހުން ތަމްރީން ކުރުން ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މިއަހަރު އެ ޕްރޮގްރާމްގެ ދަށުން 30 މީހުން ތަމްރީން ކުރާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ފެށުމަށްޓަކައި އެމްޓީސީސީއާއި ޔޫތް މިނިސްޓްރީނާއި ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައިކަމަށް އެމްޓީސީސީން ބުނެ އެވެ. އެ އެއްބަސްވުން ތަންފީޒު ކުރާނީ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" މެދުވެރިކޮށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގް (ޓިވެޓް) އޮތޯރިޓީއިން ކަމަށް ވެސް ބުނެފައި ވެއެވެ.

ހުނަރު ޕްރޮގްރާމްގެ ދަށުން، ވެލްޑިންގް، ޕްލަމްބަރިން، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. އަދި އެ ޕްރޮގްރާމްތައް ހުޅުވާލާފައިވަނީ އުމުރުން 18 އަހަރު ފުރިފައިވާ، ސިއްހަތު ރަނގަޅު، ވޭތުވެދިޔަ ތިން މަސް ދުވަސްތެރޭ ކުށުގެ ރިކޯޑެއް ނެތް ދިވެހިންނަށް ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނެފައި ވަނީ އެ ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކުވެސް ހަ މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރާނެ ކަމަށާއި އެ ޕްރޮގްރާމަށް މީހުން ރެކްރޫޓް ކުރާނީ ފުރަތަމަ އެޕްލައި ކުރާ މީހުންނަށް ފުރަތަމަ އިސްކަން ދީގެން ކަމަށެވެ.

ހުނަރު ޕްރޮގްރާމްގެ ބައިވެރިންނަށް 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ. އަދި މުސާރަ ލިބޭގޮތަށް ބަލިވެގެން 10 ސަލާމް ބުނުމުގެ ހައްގު އޮންނާނެ ކަމަށާއި އޭގެ އިތުރުން ވޯކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސަދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ. 

އެމްޓީސީސީން ބުނެފައި ވަނީ ހުނަރު ޕްރޮގްރާމް ކުރިއަށް ގެންދާއިރު ބައިވެރިންގެ ހާޒިރީއަށް ޙާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ހަތަރެއްގެ ސެޓްފިކެޓަކާއެކު ގްރެޖުއޭޓް ވާނީ ރަނގަޅަށް ޕާފޯމްކުރާ، އަހުލާގު ރަނގަޅު އަދި ހާޒިރީން 100 ޕަސެންޓް ހޯދާ ބައިވެރިންނަށް ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

ހުނަރު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ބައިވެރިންނަށް ވެކެންސީ ހުރިވަރަކުން އެމްޓީސީސީން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. އަދި އެމްޓީސީސީން ވަޒީފާ ލިބޭ މުވައްޒަފުން އެއް އަހަރުގެ ބޮންޑެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

އެމްޓީސީސީން ބުނެފައި ވަނީ ހުނަރު ޕްރޮގްރާމަށް މީހުން ނެގުމަށްޓަކައި 16 އަދި 17 މެއި ގައި މާލޭގައި "އޯޕަން ޑޭ" އެއް ބާއްވާނެ ކަމަށެވެ. އަދި ހުނަރު ޕްރޮގްރާމް ފެށޭނެ ކަމަށް ލަފާކުރެވޭ ތާރީހަކީ ޖޫން މަހުގެ އެއްވަނަ ދުވަސް ކަމުގައި ވެސް އެމްޓީސީސީން ބުނެއެވެެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް