މިއަދުގެ މުނާސަބަތުގައި ހުރިހާ ސްޓާފުންނަށް ވަރަށް ހޫނު ތަހުނިޔާއެއް ދަންނަވަމެވެ. ހަމަ މި ނޭވާގައި މި ނުރައްކާތެރި ވަގުތުގައި ކޮވިޑް-19 އިން ދިވެހި އުއްމަތް ސަލާމަތް ކުރުމުގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ސީއެންއެމް ޓީމުން ޝުކުރު އަދާ ކުރަމެވެ. އަދި މި ނުރައްކާތެރި ހާދިސާ ކިޔުންތެރިންނާއި ބެލުންތެރިންނަށް ގެނެސް ދިނުމަށްޓަކައި ސީއެންއެމް ޒުވާން ޓީމު ވެސް ވަނީ ރައްކާތެރިކަމުގެ ގޮތުންނާއެކު މިދިޔަ އަހަރުގެ ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮފީހުގައި "ބަންދު" ވެފައެވެ. ނަމަވެސް މިއަދު އެ ހާލަތު ތަފާތުވި ނަމަވެސް މިއަދު ވެސް އެންމެ ބޮޑު ވިސްނުމެއް ވިސްނަން ޖެހިފައިވަނީ މި ނުރައްކާތެރި ބަލިމަޑުކަމާ މެދުގަ އެވެ.
މީގެ 10 އަހަރުކުރިން، މޭ 3، 2011 ގައި ސީއެންއެމުގެ ދަތުރު ފެށީ ވެސް މީޑިއާތަކުގެ މައްޗަށް އޮތް ނުފޫޒާއި އެކުގައި މަސައްކަތް ކުރި ނޫސްވެރިންނަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކުގެ ތަޖުރިބާއާ އެކު އެ ނޫން މަންޒިލެއް ހޯދުމަށެވެ. ތަފާތު ދަތިތަކާއި ގޮންޖެހުންތައް ކުރިމަތިވަމުންދިޔަ ނަމަވެސް ސީއެންއެމުގެ ޓީމުގެ މި ދަތުރަށް ފަހިކަން ހޯދުމުގައި މިއަދާ ހަމައަށް ވެސް މިތިބީ އޮޑި ދުއްވުމުގައި ވަރުބަލިކަމެއް ނެތި އެވެ. ނަމަވެސް ހަގީގަތަކީ މީގެ 10 އަހަރުކުރީގައި ވެސް ދިވެހި މުޖުތަމައު މިނިވަން ނޫސްވެރިކަމަށް އޮތް ޖާގަ ވަކި މާބޮޑުތަނުން ބަދަލުވެގެން ނުދިއުމެވެ.
ސީއެންއެމްއަށް މިއަދު 10 އަހަރު ފުރި އުމުރުން ފުރަތަމަ 10 އެއް މިދަނީ ، ކުރިއަށް ވުރެ އަމާން ކަނޑެއްގައި ދަތުރުކުރި ނަމަވެސް މާޒީގެ ހަނދާންތައް މި ކަހަލަ ވަގުތެއްގައި އާވެ އެވެ. ސީއެންއެމް ރަޖިސްޓްރީކޮށް ހިންގުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ދަތުރު ކުރަނީ، ދަތުރުގައި ޖެހުނު އެތައް ކޮޅިގަނޑުކުން ސަލާމަތްވުމަށް ކުރެވުނު ބުރަ މަސައްކަތުގެ ސަބަބުންނެވެ.
މާޒީގެ ތެރެއަށް ދޯނި އަނބުރާ ނުލި ނަމަވެސް ފަސް އެނބުރި މި ބަލާލަނީ ސީއެންއެމުގެ ހަޔާތުގައި އެންމެ ހިތްދަތިކަން އިހުސާސްކުރަން ޖެހުނު ވަގުތެ މަތިން ހަނދާންކޮށްލުމަށެވެ. މި ހަނދާނަކީ ދުވަހަކު ވެސް ފިލައިގެންދާނެ ހަނދާނެއް ވެސް ނޫނެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން ވެރިކަމުގައި ކުރިމަތިވި ސިޔާސީ ޕްރެޝަރު ބޮޑުވެގެން ސީއެންއެމްއިން ކުރަމުން އައި ދަތުރު މެދު ކަނޑާލަން ޖެހުނު ހަނދާން އަދި ވެސް އިއްޔެ ހިނގިކަމެއްހެން ހަނދާނުގައި އެބަހުއްޓެވެ. އެ ހިތްދަތިކަން އިހުސާސް ކުރަން ޖެހުނީ ސީއެންއެމް ރަޖިސްޓްރީކުރި އެންމެ މުހިންމު މަގުސަދު، ރައްޔިތުންނަށް ހަގީގަތް ހާމަކުރަން ކުރި މަސައްކަތް ހުއްޓާލުމަށް ބާރު ހުރި ފަރާތްތަކުން ކުރި ޕްރެޝަރަށް ބޯނުލެނބުމުންނެވެ. ދަތުރުގެ ކުރީކޮޅުގައި އެފަދަ އެތައް ކޮޅިގަނޑެއްގައި ޖެހުނު އިރު، ސީއެންއެމްއަށް ވުރެ ބޮޑެތި އޮޑިތައް ދިޔައީ ރައީސް ޔާމީން ވެރިކަމުގައި ހިންގި ކޮރަޕްޝަނުގެ އަމަލުތައް ވައި ދަށުން ދޫކުރަމުންނެވެ.
ސީއެންއެމްގެ ދަތުރު ކުރުކޮށްލި ނަމަވެސް، ސީއެންއެމް ޓީމުން ކުރަމުންދިޔަ ދަތުރު ހުއްޓައެއް ނުލެވެ އެވެ. ސީއެންއެމްގެ ޓީމުން ވަނީ ވޮއިސް އޮފް ފްރީ ޕްރެސް (ވީއެފްޕީ)ގެ ނަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ނިކުމެފަ އެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، ރިޔާސީ އިންތިހާބަށް ވޯޓު ލާން ތައްޔާރުވެފައި ވަނިކޮށް، އަޅުގަނޑުމެންގެ ޓީމުގެ ހަގީގީ ނަން "ސީއެންއެމް" ދަތުރައިގެން ދުއްވަން ފެށީމެވެ.
އެކަމަކު އެ ދަތިތަކާ އެކު ވެސް އަޅުގަނޑުމެންގެ އަތުގައި ހިފައިގެން އޭރު ތިބި ކުންފުނިތަކަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ. މި ދަތުރުގެ މާޒީގެ ވާހަކަ ހުއްޓާލާފައި ކުރިއަށް ބަލަމާ ހިނގާށެވެ؛ މިއަދު "ސީއެންއެމް" އަކީ ކުރިއަށް ވުރެ އެތައް ގުނައެއް ކިޔުންތެރިން ގިނަ ނޫހެކެވެ. އަވަހަށް، ތެދު ހަބަރުތައް ގެނެސްދިނުމަށް އަތުކުރި އޮޅާލާފައިވާ ޒުވާން ޓީމެއް އަޅުގަނޑުމެންނާ އެކު އެބައޮތެވެ. އެޓީމާއެކު ކުރަމުންމިދާ ދަތުރުގައި މިހާރު މިވަނީ އިތުރު ޕްލެޓްފޯމެއް ގާއިމްކޮށްފަ އެވެ. ސީއެންއެމް އޮންލައިން ނޫހުގެ އިތުރުން މި ޒުވާން ފަޅުވެރިންގެ ޓީމުން ސީއެންއެމް ޓީވީގެ ހިދުމަތް ވަނީ ފަށާފައެވެ.
މިނިވަން ނޫސްވެރިންކަން ހިމާޔަތް ކުރުމަށް "ވީހާލެއްގައި ވާން" ތައްޔާރަށް އޮތް ޓީމެކެވެ. މި ޓީމުން އަބަދުވެސް މަސައްކަތް ކުރަނީ ކިޔުންތެރިންނާއި ބެލުންތެރިންނަށް ކަމުދާ ގޮތަށް ނިއުސް ޕްލެޓްފޯމްތައް އިންތިޒާމު ކުރުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު، ރަނގަޅު ބަދަލުތައް ފެންނާނެ އެވެ. ކޮންޓެންޓް އިތުރުކޮށް، ތަފާތު ދާއިރާތައް ކަވަރު ކުރުމަށް ދުވަހެއް ދުވަހަކަށް އިތުރަށް މަސައްކަތްތައް ކުރަމުން ދާއިރު، މިއަދު ސީއެންއެމް ދަތުރު މިކުރަނީ އެންމެ ބާރު ސްޕީޑުގައި ދަތުރު ކުރަމުންދާ މީޑިއާތައް އަތު ޖެހޭހާ ވެސް ކައިރިންނެވެ. މިއީ މި ދަތުރަށް އަރާ ތިބި ޒުވާން ޓީމުގެ ކުޅަދާނަ ކަމެވެ.
މި ޓީމުގެ އެންމެ ބޮޑު އެއް އަމާޒަކަށްވާނީ ބްރޯޑްކާސްޓިން ޕްލެޓްފޯމު ވަރުގަދަކުރުމެވެ. ނަމަވެސް މުޖުތަމައުގެ ހާލަތު އޮތްގޮތް ފެނި މި ނޫސް އުފެއްދި މަގުސަދު ހާސިލް ކުރުމަށް ހުރި ހުރަސްތަކާ ގޮށް ޖެހުންތައް އިންތިހާއަށް ގިނަ އެވެ. އެހެންކަމުން 10 އަހަރުގެ ތަޖުރިބާގެ އަލީގައި ރާއްޖޭ މީޑިއާތައް އެނބުރެމުންދާގޮތުން މިނިވަން މީޑިއާއަކަށް އޮތް ޖާގަ އަދި ވެސް ހަނިކަމުން މި ނޫން ގޮތެއް ހޯދަަން ވަނީ ޖެހިފަ އެވެ. މިއީ އަޅުގަނޑުގެ އަދި އަޅުގަނޑުމެންގެ ނޫހެއް ނޫނެވެ މީގެ ހަގީގީ ވެރިންނަކީ މުޖުތަމައުގެ ފަރުދުން ނެވެ. އެ މީހުން ބޭނުންވާ ނަޒާހަތްތެރި ދައުލަތަކާއި ސަރުކާރެއް ހިންގުމަށް ކުޑަ ނަމަވެސް ބާރެއް އަޅާލުމުގެ ޒިންމާ މިއަދާ ކުރަނީ ތިޔަ ފަރާތްތަކުގެ ކިބައިންނެވެ.
ރައްޔިތުންގެ މިލްކުގައިވާ އެންމެހާ މުދަލާ ތަންތަނާއި ތަކެއްޗަށް ހިޔާނާތްތެރިވޭތޯ ބަލައި އެކަންކަން އިސްލާހުގެ މަގަށް ގައުމާ ހަވާލުވެފައިވާ މީހުން ގެންދިއުމަށް ބާރު އެޅުމަށް މި ކުރާ މަސައްކަތަށް އޮތް ހުރަސްތައް ގިނަ ކަމުން ހަގީގަތުގައި ވެސް މި މީޑިއާ ޕްލެޓްފޯމުގެ އޯނަޝިޕުގައި ތިޔަ އެންމެހާ ފަރާތްތައްް ބައިވެރިވެވޭނެ ގޮތް ހެދުމަކީ މިހާރުގެ އެންމެ ބޮޑު އަޒުމެވެ. މާނައަކީ ޕަބްލިކް މީޑިއާ ހައުސްއަކަށް ސީއެންއެމް ހެދުމެވެ. ތިޔަ ބޭފުޅުން ކަނޑައަޅާ ނުވަތަ އައްޔަނު ބަޔަކު ހިންގާ ޕްލެޓްފޯމަކަށް ސީއެންއެމް ވެގެން ދިއުމެވެ.
މި ވާހަކަ 10 ވަނަ އަހަރީ ދުވަހު މިއިއުލާނު ކުރަނީ ދިވެހިން ތިޔަ އެދޭ ފަދަ ނަޒާހަތްތެރި ދައުލަތަކާއި ސަރުކާރެއް ހިނގުމަށް ބާރު އެޅުމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވާ މީޑީއާ ހައުސްއެއްގެ މުހިންމުކަން އަޅުގަނޑުގެ ނޫސްވެރިކަމުގެ 27 ވަރަކަށް އަހަރުގެ ތަޖުރިބާއިން ދައްކާތީ އެވެ. މިއީ ފަހަރުގައި އަޅުގަނޑުގެ އުނި ސިކުޑިއަށް ފެންނަ އުނިކަމަކަށް ވިޔަސް މި ފުރުސަތު އާންމުކޮށް ހުޅުވވާލާން މި ނިންމަނީ އަޅުގަނޑާއި އަޅުގަނޑުގެ ވިސްނުމުގައި ތިބި ބަޔަކު ހޯދަން ބޭނުންވި ނަޒަހަތްތެރި ދައުލަތާއި ސަރުކާރެއް ހިނގާ ތަން ނުފެނުނު ނަމަވެސް ގިނަ ބަޔަކު ބައިވެރިވާ މީޑިއާ ހައުސްއެއް ހިންގައިގެން އަޅުގަނޑުމެން ނެތް ދުވަހަކުން އެ މަގުސަދު ހާސިލް ކުރުމަށް މި ޕްލެޓްފޯމަށް ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް މި ގައުމަށް ކުރެވިދާނެކަމުގެ އުއްމީދުގަ އެވެ.
ކުރިއަށް އޮތް ތަނުގައި ޒަމާނީ ޓެކްނޮލޮޖީއާ އެކު ތަފާތު އާ ޕްރޮޑަކްޓްތައް ނެރުމަށް ސީއެންއެމްގެ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ. މިއަދުގެ އުފަލުގައި ސީއެންއެމްގެ ކިޔުންތެރިންނަށް ހާއްސަ ޝުކުރެއް އަޅުގަނޑުމެން އަރިސް ކުރަމެވެ. ތިޔަ ބޭފުޅުންނާއި ނުލާ އަޅުގަނޑުމެންނަށް ކާމިޔާބު ނުލިބޭނެ އެވެ. އަދި އޭގެ އިތުރުން މިއަދަކީ ބައިނަލްއަގުވާމީ ނޫސްވެރިންގެ ދުވަސް ކަމުން، ހުރިހާ ނޫސްވެރިންނަށް ވެސް ވަރަށް ހޫނު މަރުހަބާ އެއް ސީއެންއެމްގެ ޓީމުން އަރިސް ކުރަމެވެ.