ads
ރައީސް ސޯލިހާއި ރައީސް ޔާމީން-- ފޮޓޯ: ހަމަ އެމްވީ
އަސްލު "ގަޓު" ރައީސް އަކީ ކޮން ބޭފުޅެއް؟
މިމަހުގެ 3 ވަނަ ދުވަހު ފާހަގަކުރި ނޫސްވެރިކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބާއެކު ގިނަ ބަޔަކު ދަނީ އެކެމާ ގުޅިގެން ސޯޝަލް މީޑިއާގައި އެމީހުންގެ ހިޔާލު ފާޅުކުރަމުންނެވެ.

ނޫސްވެރިންނަށް ދުވަހުގެ މަރުހަބާ ވިދާޅުވެ ރައީސް ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ، ކޮންމެ މިނިވަންކަމަކާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަމަށާއި ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް ހުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ. 

އެއާއެކު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ހެޑްލައިން އަކީ "ނޫސްވެރިން މީހުންގެ އަބުރާ ބެހިގެން ނުވާނެ" ކަމަށް ރައީސް ސޯލިހު ވިދާޅުވިކަމުގެ ހެޑްލައިން އެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ދެއްވި ހިތާބެއްގެ ތެރެއިން "ކިތަންމެ ވަރަކަށް އަބުރު ކަތިލި ނަމަވެސް ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށް" ވިދާޅުވި ހެޑްލައިން އެއްވެސް އެއާ އެކުއެކީ ދައުރުވާން ފެށިއެވެ.

އިދިކޮޅުގެ ގިނަ ސަޕޯޓަރުންނެއް ދަނީ ދެ ރައީސުންގެ ހެޑްލައިން ޕޯސްޓުކޮށް، އަސްލު "ފިނޑި"އަކީ ކާކުތޯ ސުވާލު އުފައްދަމުންނެވެ.

"ގަޓު" ރައީސް "ފިނޑި" ރައީސްގެ ބަހުސް ފެށިގެން އައި ގޮތަކީ 2018 ވަނަ އަހަރުގެ އިންތިހާބުން ރައީސް ޔާމީން ނާކާމިިޔާބުވެވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން، ރައްޔިތުންގެ ނިންމުމާ ދެކޮޅު ހައްދަވައި ގައުމު ހަލަބޮލިކޮށްނުލެއްވުމަށް، ރައީސް ސޯލިހު ގޮވާލެއްވުމުންނެވެ. އެއާއެކުވެސް ގިނަ ބަޔަކު ވަނީ "ގަޓު" ރައީސް ކަމަށް ބުނެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ކޮންމެއަކަސް އަބުރުގެ މައްސަލައާއެކު އަނެއްކާވެސް މި ބަހުސް މިވަނީ ގަދަވެފައެވެ. ގަޓު ރައީސް އަކީ ރައީސް ސޯލިހު ތޯއެވެ؟ ނޫނީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ތޯއެވެ؟ ނޫނީ "ޑިމޮކްރެސީގެ ބައްޕަ" ރައީސް މުހައްމަދު ނަޝީދު ތޯއެވެ؟ 

ސޯޝަލް މީޑިއާގައި ދެ ރައީސުންގެ ވާހަކަފުޅަށް ބިނާކޮށް ހިޔާލުފާޅުކުރަމުންދާއިރު ދެ ރައީސުން ވިދާޅުވި ބަސްފުޅާ މެދު ވިސްނާލުން މުހިންމެވެ. 

ރައީސް ޔާމީން ވިދާޅުވެފައިވަނީ އަބުރު ކަތިލި ނަމަވެސް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވެފައި މިވަނީ މި ފަދައިންނެވެ. " ނޫސްވެރިން މީހުންގެ އަބުރާ ބެހިގެންނުވާނެ" އެވެ މި ދެ ވާހަކަފުޅަށް ނަޒަރުކުރާއިރު ދެ ބޭފުޅުންގެ ވާހަކަފުޅު އަމާޒުކުރައްވާފައިވާ މިސްރާބު ތަފާތުކަމަށް ފެނެ އެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ އަބުރު ކަތިލި ނަމަވެސް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ޔާމީން އެ ވިދާޅުވަނީ މުޅިން ތަފާތު ހާލަތެއްގެ ވާހަކަފުޅެކެވެ. އަބުރު ކަތިލިޔަސް އެމަނިކުފާނު ޖެހިލުންވެވަޑައިނުގަންނަވާކަމަށް ވިދާޅުވާއިރު ރައީސް ސޯލިހުގެ ވާހަކަފުޅު އެހުރީ ތަފާތު މިސްރާބަކަށެވެ. ފަހަރެއްގަ ވެސް ރައީސް ސޯލިހު އެ ވިދާޅުވަނީ އަބުރުކަތިލިޔަސް ޖެހިލުންވެވަޑައިގަންނަވާ ވާހަކަފުޅެއްގެ ނޫނެވެ. 

ރައީސް ސޯލިހުު އެދެއްވަނީ ނޫސްވެރިޔާއަށް ނަސޭހަތެވެ. އެމަނިކުފާނު އިރުޝާދު އެ ދެއްވަނީ މީހުންގެ އަބުރާ ނުބެހުމަށެވެ. ފަހަރެއްގައި ވެސް ރައީސް ސޯލހުގެ އަބުރާ ބެހިގެން އަދި އެމަނިކުފާނުގެ އަބުރު ކަތިލިޔަސް ޖެހުލުންވެވަޑައިގަންނަވާ ވާހަކައެއް ރައީސް ސޯލިހު ވިދާޅެއްނުވެ އެއް ނޫންތޯ އެވެ. ރައީސް ސޯލިހުގެ އަބުރު ކަތިލިޔަސް ޖެހިލުންވެވަޑައިގަންނަވާތޯ ނުވަތަ ނޫންތޯ ސާފުވާނީ އެސުވާލަށް ރައީސް ސޯލިހު ދެއްވާ ޖަވާބަކުން ނޫންތޯ އެވެ.

30%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
53%
ވަރަށް ސަލާމް
ކޮމެންޓްސް