ads
ހާދިސާ ހިނގިގޮތް ދައްކުވާދޭ ސީސީޓީވީ ފުޓޭޖެއް އާއްމުކޮށް ހާދިސާ ތަފްސީލު ކޮށްދީފި
ކުރީގެ ރަައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ޓެރެރިސްޓު ހަމަލާދިން ރޭ އެހާދިސާ ހިނގިގޮތް ދައްކުވާދޭ ސީސީޓީވީ ފުޓޭޖެއް އާއްމުކޮށް ހާދިސާ ތަފްސީލުކޮށްދީފި އެވެ

ފުލުހުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ނަޝީދުއަށް ސީދާ ބޮމުގެ ހަމަލާދިންކަމަަށް ތުހުމަތުކުރާ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު ބޮންގޮއްވާލުމުގެ ކުރިން ހަރަކާތްތެރިވެފައިވާ ގޮތާއި، ބޮންގޮއްވާލުމަށްފަހު ހަރަކާތްތެރިވީ ގޮތް ފެންނަ ވީޑިއޯއެއް އާއްމުކޮށް އެރޭގެ މަންޒަރުތައް ތަފްސީލުކޮށްދީފައެެވެ.

ފުލުހުން ފުރަތަމަ ދެއްކި ސީސީޓީވީ ފޫޓޭޖުން ފެންނަނީ އަދުހަމް ބޮންގޮއްވާލުމުގެ ކުރިން އަތަމާ ޕެލެސްތެރޭ މަޑުކޮށްލައިގެން އެކަމަށް ތައްޔާރުވަމުންދިޔަ ތަނެވެ. އެގޮތުން ފޯނުން ކޮންމެވެސް މީހަކާއި ދެތިން މިނެޓަކަށް އެތަނުގައި ވާހަކަދައްކަަން ހުރުމަށްފަހު، މަޑުމަޑުން މަގުމައްޗައް ނިކުމެ ބޮންގޮއްވާލާ މަންޒަރު ފެނެއެވެ. 

ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ އަތަމާ ޕެލެސްތެރޭ އަދުހަމް ހުރިއިރު އޭނާ ފާރުގައި ފައިޖައްސާފައިވާ ތަންތަނުން ފުޓް ފްރިންޓު ނަގާފައެވެ. ފުލުހުންބުނީ އަދުހަމް ހައްޔަރުކުރުމަށްފަހު   އޭނާގެ ފައިން ނެގުނު ޕުޓް ޕްރިންޓާއި އޭރު އަތަމާ ޕެލެސްތެރެއިން ނެގި ޕްރިންޓާއި ދިމާވާ ކަމަށެެވެ. 

ބޮންގޮއްވާލުމަށްފަހު އަދުހަމް އެވަގުތުން ފެށިގެން ފިލަން ދިޔަގޮތްވެސް ފުލުހުން ވަނީ އެނިމޭޓެޑް ވީޑިއޯއަކުން ދައްކާލާފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން، އެންމެ ފުރަތަމަ އަދުހަމް ދުވެފަ އަދި ފަހުން ބާރު ހިނގުމުގައި ގޮސް އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭ ހިމެނޭ މުޖާޒް އަހުމަދާއި ބައްދަލުކުރާ މަންޒަރު ފެނެއެވެ. 

އޭގެފަހުން އެދެމީހުން އެކުގައި ހިގާފައިދާ މަގުތައް ސީސީޓީވީ ފުޓޭޖްގެ އެހީގައި ފުލުހުން ވަނީ ދެނެގަނެފައެވެ. 

އޭނާ ވަނީ ހެލެބެލި މަގުން ހުޅަގަށްގޮސް ރަތްދެބައި މަގު ދެކުނަށް އަޅާލެވޭ ހިސާބަށް ދުވެފަ ގޮސްފައެވެ.

އެޔަށްފަހު ބާރު ހިނގުމެއްގައި ހިނގާފައިގޮސް ޗާންދަނީ މަގުން އަޅައިގެން ގޮސް މަސްޖިދުލް ޖަލާލުއްދީންއަށް އޭނާ ވަދެފައިވެއެވެ. ދެން އެ މިސްކިތުގައި ވަރަށް ކުޑަވަގުތުކޮޅެއް ހޭދަކުރުމަށްފަހު ނިކުމެ ހިނގާފަގޮސް އަމީނީ މަގުން އިރަށްގޮސް އަމީނީ ބިލްޑިން ކުރިމަތިން އޮންނަ ޕާކަށްވަދެ އެތާގައިވެސް މަޑުކޮށްފައިވެއެވެ. އެވަގުތު ޕާކުގައި މުޖާޒް ހުރިއިރު، ދެން އެދެމީހުން އެކުގައި އެ ހިސާބުން ނިކުމެގެން ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުތެރެއަށްވަދެ އެ ޕާކުގައިިވެސް މަޑުކޮށްފައިވެއެވެ.

އެޔަށްފަހުވެސް މާލޭގެ ގިނަ މަގުތަކަކުން އެދެމީހުން ދަތުރުކޮށްފައިވާއިރު، އެދެމީހުން ދަތުރުކުރިގޮތުގެ ޓެރެކް ފުލުހުން ވަނީ ހޯދާފައެވެ.

މި މައްސަލައިގައި އިއްޔެ ދެ މީހުން ހައްޔަރު ކޮށްފައިވާއިރު، މައްސަލައިގެ މެއިން ސަސްޕެކްޓު ހައްޔަރު ކޮށްފައިވަނީ މިއަދު އެވެ. ފުލުހުން ވަނީ މިހާރު މި ތިން މީހުންގެ ވަނަވަރު އާންމު ކޮށް ބަންދަށް 15 ދުވަސްވެސް ޖަހާފައެެވެ.

އިއްޔެ ހައްޔަރު ކޮށްފައިވަނީ، މއ. ފޭރުގެ މުޖާޒު އަހުމަދު އަދި ގއ. ކޮނޑޭ، ފޮޅޭމާގެ ތަހުމީން އަހުމަދެވެ. މި މައްސަލައިގައި މިއަދު ހައްޔަރު ކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު އެވެ.

މި ތިން މީހުންނަކީވެސް ކުށުގެ ރިކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން  މަސްތުވާތަކެއްޗާއި ވައްކަށް ފަދަ އާންމު ކުށްތަކުގެ ރިކޯޑު އެމީހުންގެ އޮންނަ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެފައިވެއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް