ads
ރައީސް ސޯލިހް--
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކޮށްފި
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި ބިލު ތަސްދީގު ކުރައްވާފައިވަނީ މިއަދު ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި މިއަދުން ފެށިގެން މި ގާނޫނަށް އަމަލު ކުރާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިއްވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި ބިލަށް ގެނައި އިސްލާހާއެކު، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ހަރަދުކުރަން ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ، އެ ހާލަތުގައި ކުރަންޖެހޭ ހަރަދު އިތުރުވާނަމަ، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު، އެ އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށް މި ބިލުގައި ހިމަނާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު، އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހައި ހަރަދުގެ ތަފްސީލުގެ އިތުރުން، ކުރިއަށް އޮތް ދެ މަސްދުވަހު ހަރަދުވާނެކަމަށް ލަފާކުރާ މިންވަރުގެ ތަފްސީލު، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު، ކޮންމެ ދެ މަހަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް މި ބިލުގައިވެއެވެ. 

މިއާއެކު، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮންނަ އޮތުން ނިމުމަކަށް އަންނަތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ހާލަތާ ގުޅިގެން ކުރި ހުރިހާ ހަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރަން މި ބިލުގައި ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ. އަދި އެ އޮޑިޓު ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައްޔިތުންގެ މަޖިލިސް އަދި އޮޑިޓާ ޖެނެރަލްއަށް ހުށަހެޅުމަށް މި ބިލުގައި ހިމަނާފައިވެއެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެންމެހައި ތަފްސީލާއި ރިޕޯޓު އާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެގޮތަށް، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށް މި ބިލުގައި ކަނޑައަޅާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިތުރަށް ހަރުދަނާކުރުމަށް މި ބިލުގައި ވަނީ މުހިންމު އިސްލާހުތަކެއް ހިމަނާފައިވާކަން ފާހަގަ ކުރެއްވިއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހު މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން، މި ގާނޫނު މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. 

މި ބިލަކީ މިދިޔަ އެޕްރީލް މަހު 29 ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް