ads
ފޮޓޯ--ކޮވިޑް އަތޮޅުތެރޭގައި
މިވަގުތު މޮނީޓަރިންގެ ހާލަތުގައި 50 ރަށެއް!
ރާއްޖޭގައި ކޮވިޑުގެ ހާލަތު ދުވަހުން ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިންތިހާއަށް އިތުރުވެފައިވާއިރު، މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްތަކުގެ އަދަދުވެސް މިހާރު ވަނީ 50 ހަށް އަރާފައެވެ.

މިހާރު މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށް ބަލާއިރު، އެންމެ ގިނަ ދުވަސްވަންދެން މޮނީޓަރިންގެ ހާލަތުގައޮ އޮތީ ޅ ނައިފަރެވެ. އެއީ މާޗް މަހު 23 އިން ފެށިގެންނެވެ. 

އޭޕްރީލް މަހު މޮނީޓަރިންގެ ހާލަތަށް ގެނައި 16 ރަށެއް އަދިވެސް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. ގުޅި، ކ. މާފުށި، އއ. މަތިވެރި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ، ލ. ދަނބިދޫ އަދި އއ. ރަސްދޫ އެވެ. 

މީގެ އިތުރުން މަހުގެ މިހާތަނަށް 33 ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެއީ އައްޑޫ ސިޓީ، ހއ. ދިއްދޫ، ފ. ފީއަލި، އއ. ހިމަންދޫ، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، އދ. ފެންފުށި، ލ. މާވަށް، ފުވައްމުލަކު ސިޓީ، ނ. ވެލިދޫ، ށ. ފުނަދޫ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މަހިބަދޫ، ރ. މަޑުއްވަރި، އއ. ފެރިދޫ، ކުޅުދުއްފުށި ސިޓީ، ށ. ކަނޑިތީމު، ށ. ގޮއިދޫ، ކ. ކާށިދޫ، ހދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ.ބަޑިދޫ، ނ.ކެދިކުޅަދޫ، ތ.ގުރައިދޫ، ދ.ހުޅުދެލި އަދި ވ.ކެޔޮދޫ  އެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކޮވިޑުގެ ވަކި ހިއްޕާލާފައިވާއިރު، ފެނިގެން ދަނީ ދުވަހެއް ދުވަހަކަށް ކޭސްތައް ގިނަވަމުން އަންނަ މަންޒަރެވެ. ހަމައެކަނި އެޗްއީއޯސީއަށް ބަލާލާއިރުވެސް، ކޭސްތައް ބެކްލޮގްވެ، ދުވަހުން ދުވަހަކަށް ކޭސްތައް އެންޓާ ނުކުރެވިދިއުމުން ފެނިގެންދަނީ، މިހާރުގެ ހާލަތާއި، ރާއްޖޭގައި ހުރި ވަސީލަތްތަކާ ނުބައްދަލު ކަމެވެ.

މީގެ ކުރިންވެސް ޑޮކްޓަރުން އެކި ފަހަރުމަތިން، ކޭސްތައް ގިނަވާނަމަ ސިއްހީ އެހީތެރިންނާއި ވޮލަންޓިއަރުންނަށް ނުކަތާ ވަރުވެދާނެ ކަމަށް ބުނަމުން އައި އިރު، މިހާރު މިފެންނަނީ ޑޮކްޓަރުންގެ އެ ކަންބޮޑުވުން ހަގީގަތަކަށް ވުމަށް މިސްރާބު ޖަހާފައިވާ ތަނެވެ. 

މިހާރުވެސް އިތުރު ސިއްހީ އެހީތެރިންނާއި ވޮލަންޓިއަރުން ހޯދުމަށް ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، ކޭސްތައް ހައްތަހާވެސް ގިނަވަމުން އަންނަ ނަމަ، މިހާރު ހުރި ވަސީލަތްތަކާއި "މޭން ޕަވާ"ގެ އެހީގައި، ވަކި މީހަކަށް ފަރުވާދޭން "ޗޫޒް" ކުރަން ޖެހިދާނެކަމުގެ ބިރުވަނީ އުފެދިފައެވެ.

ހުކުރު ދުވަހުވެސް ބެކްލޮގް ކޭސްތަކާއެކު 1،467 ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވާއިރު، މީގެ ތެރޭ އަތޮޅިތެރޭގެ 182 ކޭސްއެއް ހިމެނެއެވެ. އަދި މިއަދު ވަނީ އަތޮޅުތެރޭގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކުވެސް ކޮވިޑް ބަލީގައި މަރުވެފަ އެވެ. 

މި އަދަދުތައް ކޮންޓްރޯލް ކުރުމަށް މިހާރު ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާއިފިއެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި މޮނީޓަރިންގެ ހާލަތުގައިވާ ގިނަ ރަށްތަކާއި ސިޓީތަކުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް