
މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިހާރުވެސް މާލެ ދަފްތަރުގައި 16،000 އާއި 17،000 އާއި ދެމެދުގެ ރައްޔިތުން ތިބި ކަމަށެވެ.
އެގޮތުން މާލޭ ދަފްތަރުގައި ޖެހިފައި ތިބި ރައްޔިތުންނަށް، ގެދޮރުގެ މައްސަލަ ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް ކަނޑައެޅެންދެން، އަދި ދަފްތަރުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކޮށް، ދަފްތަރުގައި ޖެއްސުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅެންދެން ދަފްތަރުގައި ޖެއްސުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި، ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލުކޮށްދޭނެ ގޮތަކާއި، އެ ރައްޔިތުންގެ ތެރެއިން ގެދޮރުގެ މައްސަލަ ސަރުކާރުގެ އެކި ހައުސިންގް މަޝްރޫއުތަކުން މިހާރު ހަމަޖެހުނީ ކިތައް މީހުންނަށްކަމާ، ދެންތިބި ރައްޔިތުންނާއިމެދު ކަންކަން ކުރާނެ ގޮތެއް، އެކި މަރުހަލާތަކަކާއެކު މިކަން ހައްލު ކުރާނެ ގޮތުގެ މަގުޗާޓެއް ކަނޑައަޅާން ބޭނުންވާ ކަމަށެވެ.
އެގޮތުން ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް މިކަންކަން ހައްލުކޮށްދެވޭނެ ގޮތެއް ކަނޑައެޅުމުގެ އިތުރަށް، ދަފްތަރުގައި ޖެހޭ އިރު ގެންގުޅޭ އުސޫލު އެއީ މަގްސަދު ހާސިލު ކުރުމުގައި އެންމެ ރަނގަޅު އުސޫލެއްތޯ ބަލާ، އެކަމާ ުގުޅިގެން ގާނޫނަށް ބަދަލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި އެ ބަދަލެއް ނެގެސް، އެކަންކަން ކުރެވެން ދެކަށް ދަފްތަރުގައި އިތުރު މީހުން ނުޖައްސާ ގޮތަށް ނިންމީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މިހާރު މާލޭ ދަފްތަރުގައި ޖައްސަނީ ނަމެއްގައި ކަމަށެވެ. އަދި ކައުންސިލުގެ ބައްދަލުވުމުގައި މިފަދަ ނިންމުމެއް ކައުންސިލްގެ އިއްތިފާގުން ނިންމީ ރައްޔިތުންގެ ހައްގުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.