މިހާރު މޮނީޓަރިންގެ ހާލަތުގައި ހުރި ރަށްރަށަށް ބަލާއިރު، އެންމެ ގިނަ ދުވަސްވަންދެން މޮނީޓަރިންގެ ހާލަތުގައޮ އޮތީ ޅ ނައިފަރެވެ. އެއީ މާޗް މަހު 23 އިން ފެށިގެންނެވެ.
އޭޕްރީލް މަހު މޮނީޓަރިންގެ ހާލަތަށް ގެނައި 16 ރަށެއް އަދިވެސް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ. އެއީ އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. ގުޅި، ކ. މާފުށި، އއ. މަތިވެރި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ، ލ. ދަނބިދޫ އަދި އއ. ރަސްދޫ އެވެ.
މިހިގާ މޭމަހުގައި އަރާފޭބުން މަނާކޮށްފައި ވަނީ 43 ރަށަކަށެވެ. އެއީ އެއީ އައްޑޫ ސިޓީ، ހއ. ދިއްދޫ، ފ. ފީއަލި، އއ. ހިމަންދޫ، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، އދ. ފެންފުށި، ލ. މާވަށް، ފުވައްމުލަކު ސިޓީ، ނ. ވެލިދޫ، ށ. ފުނަދޫ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މަހިބަދޫ، ރ. މަޑުއްވަރި، އއ. ފެރިދޫ، ކުޅުދުއްފުށި ސިޓީ، ށ. ކަނޑިތީމު، ށ. ގޮއިދޫ، ކ. ކާށިދޫ، ހދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ.ބަޑިދޫ، ނ.ކެދިކުޅަދޫ، ތ.ގުރައިދޫ، ދ.ހުޅުދެލި އަދި ވ.ކެޔޮދޫ، ތ.ތިމަރަފުށި، ގއ.ވިލިންގިލި، ލ. ކަލައިދޫ، އއ.ބޮޑުފުޅަދޫ، ނ.މާޅެންދޫ، ދ.މާއެނބޫދޫ، ކ.ދިށްފުށި، ދ.ވާދޫ، ލ.މާމެންދޫ، ގދ.ވާދޫ، ބ.ދަރަވަންދޫ އަދި ހއ.މުރައިދޫ އެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކޮވިޑުގެ ވަކި ހިއްޕާލާފައިވާއިރު، ފެނިގެން ދަނީ ދުވަހެއް ދުވަހަކަށް ކޭސްތައް ގިނަވަމުން އަންނަ މަންޒަރެވެ. ހަމައެކަނި އެޗްއީއޯސީއަށް ބަލާލާއިރުވެސް، ކޭސްތައް ބެކްލޮގްވެ، ދުވަހުން ދުވަހަކަށް ކޭސްތައް އެންޓާ ނުކުރެވިދިއުމުން ފެނިގެންދަނީ، މިހާރުގެ ހާލަތާއި، ރާއްޖޭގައި ހުރި ވަސީލަތްތަކާ ނުބައްދަލު ކަމެވެ.
މީގެ ކުރިންވެސް ޑޮކްޓަރުން އެކި ފަހަރުމަތިން، ކޭސްތައް ގިނަވާނަމަ ސިއްހީ އެހީތެރިންނާއި ވޮލަންޓިއަރުންނަށް ނުކަތާ ވަރުވެދާނެ ކަމަށް ބުނަމުން އައި އިރު، މިހާރު މިފެންނަނީ ޑޮކްޓަރުންގެ އެ ކަންބޮޑުވުން ހަގީގަތަކަށް ވުމަށް މިސްރާބު ޖަހާފައިވާ ތަނެވެ.
މިހާރުވެސް އިތުރު ސިއްހީ އެހީތެރިންނާއި ވޮލަންޓިއަރުން ހޯދުމަށް ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، ކޭސްތައް ހައްތަހާވެސް ގިނަވަމުން އަންނަ ނަމަ، މިހާރު ހުރި ވަސީލަތްތަކާއި "މޭން ޕަވާ"ގެ އެހީގައި، ވަކި މީހަކަށް ފަރުވާދޭން "ޗޫޒް" ކުރަން ޖެހިދާނެކަމުގެ ބިރު ވަނީ އުފެދިފައެވެ.
އިއްޔެގެ ބެކްލޮގް ކޭސްތަކާއެކު 1،465 ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވާއިރު، މީގެ ތެރޭ އަތޮޅުތެރޭގެ 244 ކޭސްއެއް ހިމެނެއެވެ. އަދި މިއަދު ވަނީ ކޮވިޑް ބަލީގައި ހަ މީހަކު ރާއްޖެއިން މަރުވެފަ އެވެ. މި މަރުތަކާ އެކު މިމަހުގައި ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފަ އެވެ.
މި އަދަދުތައް ކޮންޓްރޯލް ކުރުމަށް މިހާރު ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި މޮނީޓަރިންގެ ހާލަތުގައިވާ ގިނަ ރަށްތަކާއި ސިޓީތަކުގައި އަންނަނީ ކާފިއު ހިންގަމުންނެވެ.